އިމާރާތް ކުރުމުގެ ސަލާމަތީ ކަންކަމުގެ ވާހަކަ ދައްކަން ވެއްޖެ

DSCN6672.jpg

އޭދަފުށީގައި ކުރެވެމުންދާ އިމާރާތެއް- އީވި ފޮޓޯ

ރަށެއްގެ އުމްރާނީ ތަރައްގީ އެންމެފަސޭހައިން ވަޒަން ކުރެވޭނެ ގޮތަކީ އެރަށެއްގައި އުސްވަމުން އަންނަ އިމާރާތްތަކުން ކަމަށް މީހުން ގަބޫލު ކުރެއެވެ. އެހެންކަމަށްވާނަމަ އޭދަފުއްޓަކީ މީގެ މިސާލެކެވެ.  ބޮޑެތި އިމާރާތްތަކެއް އެޅެމުން އުސްވަމުން އެބަ އާދެއެވެ. ބަލައިލަން ރީތި ހިތްގައިމު މަންޒަރެކެވެ. އެކަމަކު މަސައްކަތް ކުރެވެމުންދާ ސައިޓްތަކުގެ ސަލާމަތީ ކަންތައް ހިތްގައިމެއް ނޫނެވެ. އެކަން ހުރީ ބިރުގަންނަ ދަރަޖައިގައެވެ. މިކަމަށް ގަވާއިދު ތަކެއް ހެދިފައި އޮތަސް މި ގަވާއިދަށް އަމަލު ކުރުމުގައި ފެންނަނީ ފެއިލްވެފައިވާ ތަނެވެ. އެކަން ކަން ބަލައި މޮނީޓަރކުރުމަުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މުވައްސަސާތަކުގެ ލޮލަށް ނުފެންނާތީ ކަމަށް ވެދާނެއެވެ.

އިމާރާތްތައް އުސްވަމުން ދާއިރު އެތަނުގައި މަސައްކަތްކުރާ މީހުންނާއި އެހެންމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި ހުރުމުން ކައިިރި މާޒީއާއި ދުުރު މާޒީގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެންމެ ފަހުން މިއަދު، ހެނދުނުގެ އެންމެ ތާޒާ ޚަބަރުގެ ގޮތުގައި އެންމެން ސިއްސުވާލި ބޮޑު ޚަބަރަކަށް އޮތީ މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ފަސްވަނަ ފަންފިލާއިން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި ވާހަކައެވެ. ހަމައެގޮތަށް މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނެއްގެ މަތިން ސިމެންތި ބަސްޓާއެއް ވެއްޓި ކުށެއްނެތް މައުސޫމު ފުރާނަ އެއް މިދުނިޔެ ދޫކޮށްދިޔައީ އިހަށްދުވަހު ނޫންތޯއެވެ.ިސޯޓެއްގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓި އުމުރުން 22 އަހަރުގެ ޒުވާނަކު މަރުވެފައިވަނީ ވެސް މި މަހުގެ ތެރޭގައެވެ. މިފަދަ ހާދިސާތައް ގިނައިން ހިނގާފައި ހުރީ މާލޭގައި ކަމަށް ވިޔަސް އޭގެ މާނައަކީ އަތޮޅު ތެރޭގައި އެފަދަ ހާދިސާ ތައް ނުހިނގުމެއް ނޫނެވެ.

އޭދަފުށީގައި އުސް އިމާރާތްތަކެއް މިހާރުވެސް ކުރެވެމުންދާއިރު އެތަންތަން އިމާރާތް ކުރެވެމުން ދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަ ނުކޮށެވެ. ތަނުގައި މަސައްކަތް ކުރާ މީހުން އެމަސައްކަތުގައި އުޅެނީ ސަރުކާރުން އެކަމަށް ހަދާފައި އޮންނަ ގަވާއިދާ އެއްގޮތަކަށް ނޫނެވެ. އަދި އެހެން މީހުންގެ ރައްކާތެރިކަމާ ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅުތައްވެސް ނާޅައެވެ.

ސަލާމަތީ ފިޔަވަޅުތައް ފުރިހަމަ ނުކޮށް ހުރުމުގެ ސަބަބުން މަރުގެ ހާދިސާތައް އިތުރުވަމުން ދާތީ  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފްރާސްޓްކްޗަރ އިން މިހާރުވަނީ ކުރިން ހަދާފައި އޮތް ގަވާއިދު އިތުރަށް ހަރުކަށިކޮށް އާ ގަވާއިދެއް އެކުލަވާލައި ގެޒެޓްގައި ޝާއިއު ކޮށްފައެވެ.

އެމިނިސްޓްރީން ގެޒެތްކޮށްފައިވާ “އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު” ވާ ގޮތުން ކޮންޓްރެކްޓަރު ނުވަތަ އިމާރާތްކުރާ ފަރާތުގެ އާންމު ޒިންމާތަކުގެ ތެރޭގައި ، އިމާރާތް ކުރުމުގެ މަސައްކަތްކުރާއިރު މީހަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެކަމަށް ބަލައި ފުރިހަމައަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކުއްލި ހާލަތެއްގައި އަމަލު ކުރާނެ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭނެކަމަށް ލިޔެފައިއޮވެއެވެ. މިގޮތުން ކޮންކްރީޓްކުރުމާއި ސިމެންތި ޖެހުންފަދަ ކަންކަން ކުރާއިރު އިމާރާތުގައި ކަތި ބިތްގަނޑާއި ސަލާމަތީ ދާ (ސޭފްޓީ ނެޓް) ޖެހުމުގެ އިތުރުން ވަށައިގެން ހުރި ގޭގެއާއި އެ ތަންތަނުގެ ފުރާޅަށާއި ގޯތިތެރެއަށާއި މަގަށް ސިމެންތިއާއި ކުނޑިއާއި އެނޫން އެއްޗެއްވެސް ނުފައިބާނެ ގޮތަކަށް ނުވަތަ ނުވެއްޓޭނެ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އޮވެއެވެ. ހަމަ އެއާއެކު އިމާރާތްކުރަމުންދާ ތަންތަނުގައި ހުންނަ ޓިނު ނުވަތަ ފުލައިވުޑް ނުވަތަ ވައިގަދަވުމުގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ،އެފަދަ އެހެން އެއްޗެހި ސަބަބަކުން ވިއްސައިގެން ނުދާނެގޮތަކަށް ނުވަތަ ނުވެއްޓޭނެ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސް އެގަވާއިދުގައި ބުނެފައިވެއެވެ. ސުވާލަކީ އޭދަފުށީގައި މިހާރު އިމާރާތް ކުރެވެމުން ދާ އުސް އިމާރާތްތަކުގައި މިކަންކަން ހުރީ ފުރިހަމަވެފައި ހެއްޔެވެ؟

މީގެ އިތުރުން  މީހުން ހިނގާ ބިނގާވެ އުޅެން އޮންނަ މަގަށް މަސައްކަތުގެ ވެށީން އެއްޗެއް ވެއްޓިގެން ހިނގާބިނގާވެ އުޅޭ މީހަކަށް، ނުވަތަ މުދަލަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގެއްލުމެއް ވެދާނެ ކަމުގައިވާނަމަ، މަސައްކަތްކުރާ ސަރަހައްދާއި މީހުން ހިނގާބިނގާވެ އުޅޭ ސަރަހައްދާ ވަކިކުރެވޭނެގޮތަށް ގެންޓްރީ ޖަހައި ނިވައިކޮށްފައި ހުރުމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. ގަވާއިދު ހަދާފައި އޮންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ހާދިސާ އެއް ހިނގައިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުމުގެ ކުރިން އެފަދަ ކަމެއް ވިޔަ ނުދިނުމުގެ ގޮތުންނެވެ. ސަލާމަތީ ކަންތައްތައް ހުރިނެތްގޮތް ބަލާނެ މުވައްސަސާތައް ހުރެމެ އެތަނުން އެކަން ބެލިޔަސް ނުބެލިޔަސް މިކަންތައްތަައް ފުރިހަމަކޮށްފައި ހުރުމަކީ އަމިއްލަ ވިސްނުމުން ވިސްނާއިރުވެސް ކުރަން މަޖްބޫރު ކަންތައްތައްކަން ގަބޫލު ކުރަންޖެހެއެވެ.

އެންމެ ކުޑަމިނުން އިމާރާތުގެ ވަށައިގެން ސޭފްޓީ ނެޓު ދަމާފައި ހުރިތަނެއްވެސް މިރަށަކުން ނުފެނެއެވެ. އިމާރާތުގެ މައްޗަށް ސިމެންތި އާއި އެހެނިހެން އެއްޗެހި ނަގަނީ ހިނގާބިނގާވެ އުޅޭ މީހުންގެ އިތުރުން މަސައްކަތްކުރާ މީހުންނަށް ވެސް ރައްކާތެރި ގޮތަކަށް ނޫނެވެ. އިމާރާތް ތަކުގެ މަތީގައި މަސައްކަތް ކުރަމުން ދާއިރު މަގު ހިނގާ މީހުުންނަށް ސަލާމަތްތެރިކަން ހޯދައިދިނުމުގެ ގޮތުން ކަތި ފުރާޅެއް ވަށައިގެން އޮތަސް އެކަންވެސް ކޮށްފައިވަނީ ރައްކާތެރިކަން ކަށަވަރުވާ ގޮތަކަށް ނުވަތަ ގަވާއިދުގައި ބުނެފައިވާ ގޮތަކަށްވެސް ނޫނެވެ.

“އަޅުގަނޑު ހިނގާފައި އަންނަނިކޮށް ކުރިމައްޗަށް ބެއްޓުނީ ބޮޑު ގަލެއް. އެފަހަރު ސަލާމަތްވީ ނަސީބު ރަނގަޅު ކަމުން . އެހެންނޫންނަމަ މަރުގެ އެތިފަހަރެއް. ” އޭދަފުށީގެ މަޝްހޫރު ހޮޓަލެއް ހިންގާ މީހަކު އީވީއަށް ބުންޏެވެ.

މިއީ އެންމެ މީހެއްްގެ ބިރުވެރި ތަޖްރިބާ އެވެ. އެކަހަލަ ކިތައް މީހުންނަށް މިކަހަލަ ކިތައް ތަޖްރިބާ ކުރެވިފައި ހުންނާނެ ހެއްޔެވެ.

ބައެއް ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރާއިރު އެތަނުގައި ގަދައަށް މަސައްކަތް ކުރަމުން ދާއިރު އެކަން އަންގައިދޭ ނިޝާނެއްވެސް ބަހައްޓާފައެއް ނުހުރެއެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތްތެރިކަން ހުންނަ ގޮތުން އެފަދަ ތަންތަނުގެ ކައިރިން ނުދާން ބައެއް މީހުން ތިބެނީ އަޒުމް ވެސް ކަނޑައަޅައިގެންނެވެ.

“އަހަރެންގެ ދަރިންނާއި އަންހެނުންގާތު ވެސް ބުނެފައި އޮންނާނީ ދަރިފުޅު ގޮވައިގެން ސްކޫލްދޮށަށް ދެކޮޅަށް ހިނގާއިރުވެސް އެފަދަ ތަނެއް ކައިރިން ނުދާން. މިރަށުގައި މިވާގޮތަކީ ކޮންސްޓްރަކްޝަން ސައިޓުގެ ބައެއް އެއީ މަގުގެ ބޮޑުބައިވެސް.” ނަންނުޖެހުމަށް އެދި އެމީހާ ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އޮތް ތަނެއްގައި ބާއްވާފައި މަސައްކަތް ކުރުވާ ފަރާތުން ބަލަނީ އަވަހަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލުމަށެވެ. އެކަމަކު ބޮޑު ނުރައްކަލެއް ހިނގުން އޮންނަނީ ކައިރީގަ އެވެ. އެއީ ކޮންމެ ވަގުތަކުން ވެސް ދިމާވެދާނެ މައްސަލައެކެވެ. މިއީ މިހާރު މިހާރަށްވެސް ވިސްނަންވެއްޖެ ކަމެކެވެ. ކަމެއް ހިނގައިގެން އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ވުމުގެ ކުރިން މިކަމަށް ހެދިފައި އޮންނަ ގަވާއިދާ އެއްގޮތަށް ސައިޓް ތަކުގައި މަސައްކަތް ކުރުމަކީ މުޅި މުޖްތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. މަސައްކަތް ކުރާ ފަރާތާއި ކުރުވާ ފަރާތާއި ގަވާއިދަށް އަމަލު ކުރޭތޯ ބެލުމަށް މަތިކޮށްފައިވާ ފަރާތުންވެސް ސަމާލުކަން ދޭންޖެހޭ ކަމެއްމެއެވެ. މުސްކުޅި ބަހެއްގައި ބުނާހެން “ރައްކާވެ ތިބިއްޔާ ދަތުރެވެ. ”

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top