ބިދޭސީ ޓީޗަރުންގެ ކަރަންޓީނު މުއްދަތަކީ ފަސްދުވަސް

1044791_1318500498176497_2623291194901594151_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުން ކޮޅެއް.

އަންނަ މަހު 10ގައި ދިރާސީ އާ އަހަރު ފެށޭއިރު ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ސްކޫލްތަކަށް ނިކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނަކަށް ފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގައިފި އެވެ.

އެމިނިސްޓްރީން ސްކޫލުތަކުގެ އިސްވެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ ކޮވިޑްގެ ހާލަތު އޮތް ގޮތުން، އެގޮތަށް ރާއްޖެ އަންނަ މީހުން ކަރަންޓީނު ނުވެ، ސްކޫލުތަކަށް ނުކުތުމުގައި ހުރި ކަންބޮޑުވުންތައް ރަށްރަށުގެ ކައުންސިލް އިދާރާތަކުން ކަމާ ބެހޭ އިދާރާތަކާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެޗްޕީއޭއާ އެކު މަޝްވަރާކުރުމަށް ފަހު ނިންމީ، ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން، އެ މީހުން އަންނަ ތާރީހުން ފެށިގެން ފަސް ދުވަހަށް ކަރަންޓީނު ކުރަން ކަމަށް ސިޓީގައި ވެ އެވެ.

ބިދޭސީ ޓީޗަރު ކަރަންޓީނު ވާން ޖެހޭނީ އެމީހަކު ދާ ރަށެއްގައި ކަމަށާއި ފަސް ދުވަސް ހަމަކުރުމަށްފަހު ސާމްޕަލް ނަގައި، ނަތީޖާ ނެގެޓިވްވުމުން ނޫނީ ސްކޫލަށް ނުނެރުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ޕާމިޓްގައި ރާއްޖެއަށް އެތެރެވާ މީހުން ކަރަންޓީން ވުމާ ގުޅޭގޮތުން އެޗްޕީއޭއިން ކުރިން ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ. އަދި އެ މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.

ރާއްޖެ އިން ބޭރުން އަންނަ މީހުން މިހާރު ހުށައަޅަން ޖެހެނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top