ދަރިންނަށް ޓަކައި މައިންބަފައިން ކުރާ ދުއާއަކީ އެކުދިންގެ އިސްލާހުގެ ތަޅުދަނޑި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހާމަކޮށްފި އެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރުގެ މައްޗަށްބިނާކޮށް މިއަދު އިއްވި ޚުތުބާގައި އެންމެ ފުރަތަމަވެސް ހަނދާން ކޮށްދީފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ ވަރަށް ނާޒުކު އަދި އެހާމެ ނުރައްކާތެރި ދައުރެއް ކަމެވެ.
ދަރިންގެ އުމުރުގެ ކުރީކޮޅު، މަންމައާއި ބައްޕަގެ ލޯތްބާއި އަޅައިލުން ނިހާޔަތަށް ބޭނުންވާނެ ކަމަށާއި އެކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި، އެސްފިނާ ފަދަ ކަންތައްތަކުން، އެކުދިން ސަލާމަތް ކުރުމަށް، ކެނޑިނޭޅި ﷲއަށް ދުއާ ދެންނެވުމަކީ ވަރަށް މުހިންމު ކަމެއް ކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.
މައިންބަފައިންގެ ހެޔޮ ދުއާތަކުގެ ނަތީޖާއަކަށް ވަނީ، ﷲގެ ހަޒްރަތުން ދަރިންނަށް ރައްކާތެރިކަމާއި ތެދުމަގު ލިބުމަށް މަގުފަހި ވެގެން ދިޔުމެވެ. އަދި އެކުދިންނަށް އަމާންކަމާއި ބާއްޖަވެރި ކަމުގެ އިހުސާސްކުރެވި، އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ބޮޑުވެ، ނަފްސާނީ ދުޅަހެޔޮކަން މަތީގައި ބޮޑުވުމަށް މަގުފަހިވުމެވެ.
މީގެ އިތުރުން ދަރިން ރުއްްސުމުގެ ގޮތުން ކަމަށްވިޔަސް ދޮގު ހެދުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާ އެކަމުން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި މައިންބަފައިންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މައިންބަފައިންނަކީ ދޮގު ހަދާ އޮޅުވާލާ ބަޔަކަށްވެއްޖެނަމަ ދަރިންގެ ކުރިމަތީގައި މައިންބަފައިންގެ އިތުބާރު ގެއްލެން ގިނަ އިރުތަކެއް ނުނަގާނެ ކަމަށާ އަދި އެކަން ވާނީ ދަރިންނަށް ދަސްކޮށްދެވޭ ނުރަނގަޅު ފިލާވަޅަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ޚުތުބާގައި ބުނެފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމަށް މައިންބަފައިންނަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކާޓޫނު ފިލްމުތަކާއި އިލެކްޓްރޯނިކް ގޭމްތައް ކަމަށެވެ. މިފަދަ ފިލްމުތަކާއި ގޭމްތަކުގެ ބޮޑު ބަޔަކީ ކުއްޖާގެ ސިކުނޑި ދޮވެލާ ތަކެތިކަން ފާހަގަކޮށް އެ ތަކެތި ތައްޔާރުކޮށްފައި ވަނީ އޭގެ އަވާގައި ޖެހިއްޖެނަމަ އެހެން ހުރިހާ ކަމެއް ދޫކޮށްލުމަށް ފަހު އޭގެ ފަހަތުން ނުދުވެ ނުތިބެވޭހާ މޮޅު ހުނަރާއި ކުޅަދާނަކަަން ބޭނުންކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.
އަދި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ދަރިންނާއި އޮންނަ ގާތް ގުޅުމުގެ ތެރެއިން އެ ކުދިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެ ކުދިން މައިންބަފައިންގެ މައްޗަށް އަމުރު ކުރަން ފަށާތަން ފެނިގެންދާނެ ކަމަށާ މިއަދު އެކަންކަން ފެންނަމުންދާ ކަަމަށްވެސް ބުނެފައިވެއެވެ.
ދަރިންތަރުބިއްޔަތު ކުރުމުގެ ނަމުގައި ރުޅި އަންނަ ކޮންމެ ފަހަރަކު އެ ކުދިންނަށް ޖިސްމާނީ އަނިޔާ ދިނުމަކީ ޖަރީމާއެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ދަރިންގެ ހިތްތަކުގައި ނޭދެވޭ ޖަޒުބާތު އުފެދޭނެތީ އެފަދަ ކަންކަމުން ދުރުވުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.