ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުން, ސައުދީގައި ހޭދަ ކުރާ މުއްދަތު އެހެން އަހަރުތަކާ ޚިލާފަށް 10 ދުވަސް މަދުވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ހައްޖަށް ދާން ފައިސާ ދައްކާފައި ތިބި ބައެއް މީހުން އަންނަނީ، މިއަހަރު ހައްޖުގައި ހޭދަވާ މުއްދަތު ކުރުކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއްމު ގޮތެއްގައި ހައްޖު ދަތުރެއްގައި 30 ދުވަސް ސައުދީގައި ހައްޖާޖީން ހޭދަކުރެއެވެ.
ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ބައެއް މީހުން ބުނި ގޮތުން ކޯޕަރޭޝަނަށް އެ މީހުން ގުޅުމުން, މި އަހަރު ހައްޖުގެ އަޅުކަމުގައި ސައުދީގައި ހޭދަވާނީ 20 ދުވަސް ކަމަށް ވަނީ އަންގާފައެވެ. ސައުދީގައި ހޭދަ ކުރާ މުއްދަތު ކުރުވި ނަމަވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ހުރިހާ އަޅުކަންތަކެއް ކުރުމުގެ ފުރުސަތު ހައްޖާޖީންނަށް ލިބޭނެ ކަމަށް ކޯޕަރޭޝަނުން ބުނި ކަމަށް ވެސް ވެއެވެ.
ހައްޖުގެ އަޅުކަމުގައި މަހެއްހާ ދުވަސް ހޭދަކުރާއިރު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މީހަކު ހައްޖަށް ގެންދަނީ 69،965 ރުފިޔާއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ، މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ކިއުގައި ތިބި އެންމެނަށް އެ ފުރުސަތު ލިބޭނެކަމަށް ވިދާޅުވެފައެވެ.
އޭގެއިތުރުން، ރާއްޖެއަށް އާންމު ގޮތެއްގައި ލިބެނީ 1،000 ހައްޖު ކޯޓާ ކަމަށްވާއިރު، ކޮންމެ އަހަރަކު ވެސް ހައްޖަށް ގެންދަނީ އެކަމަށް އެދި ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ތަރުތީބުންނެވެ.
އެގޮތުން، ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު 50 ފަގީރުން ހައްޖަށް ގެންދަން މިދިޔަ އަހަރު ވަނީ ފަށައިފައެވެ. އަދި މިއަހަރު ހައްޖަށް ގެންދާ 50 ފަގީރުން ވެސް މިހާރު ވަނީ ގުރުއަތުން ހޮވައިފައެވެ.
ހައްޖަށް ދިއުމަށްޓަކައި އެތައް ސަތޭކަ ބަޔަކު މިހާރު ވެސް ފައިސާ ދައްކައިގެން ކިޔޫގައި އެބަތިއްބެވެ. މީގެ ތެރެއިން ފުރަތަމަ ފަހަރަށް ހައްޖަށް ދާ މީހުންނަށާއި އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް އިސްކަން ދޭ އުސޫލެއް މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެކުލަވައިލައިފައެވެ.