ޓީޗަރުން ރިވެތި ނަމޫނާ ދެއްކުމަށް އެދިވަޑައިގެންފި

ް

އެޑިއުކޭޝަން މިނިސްޓަރު، ޑރ.އައިޝަތު އަލީ ދެ ދަރިވަރުންނާއި އެކު

ކުލާހުގައްޔާއި ސްކޫލްގެ ބޭރުން ވެސް ޓީޗަރުން ރިވެތި ނަމޫނާ ދެއްކުމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ.އާއިޝަތު އަލީ އެދިވަޑައިގެންފި އެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންފައިވަނީ މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބު ގައެވެ.

މިނިސްޓަރު ވިދާޅުވީ ގައުމު ގެންދާން ބޭނުންވާ މިސްރާބު އަމާޒުކުރާ ފަރާތަކީ މުދައްރިސުން ކަމަށްވާތީ ޓީޗަރުންނަކީ ބޮޑު ޒިންމާއެއް އޮތް ބައެއް ކަމަށެވެ. އެހެންވެ ކްލާސްރޫމުގައި ކިޔަވައިދޭ ފިލާވަޅުތަކުގެ އިތުރުން ޓީޗަރުންގެ އުޅުމާއި ސުލޫކު އަދި މުއާމަލާތް ކުރާ ގޮތްތަކުން ދަރިވަރުން ދަސްކުރާ އަދި ނަމޫނާ ހޯދާ ކަންތައްތަކެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ ޓީޗަރުންނަކީ ދަރިވަރުންގެ އުޅުމާއި ގުޅުންތަކަށް ބޮޑު ނުފޫޒެއް ފޯރުވޭނެ ބަޔަކަށްވާތީ ދަރިވަރުންނަށް ނަމޫނާ ބަޔަކަށްވެ ދަރިވަރުން ހެޔޮގޮތުގައި ބައްޓަން ކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

”އެކުދިންނަކީ ދީނާއި ގައުމު ދެކެ ލޯބިވާ، އެކަކު އަނެކަކަށް އަޅާލުމާއި އިހްތިރާމްކުރުމާއި އިގްތިސާދު ކުރުން ކަހަލަ މަކާރިމުލްއަޚްލާގުގެ އުޅުންތަކުން ފޭރާންލުން [ދަސްކޮށްދޭންޖެހޭ]. އެކުދީންގެ ފަރާތުން ފަހުން ފެންނާނީ ތިޔަ މުދައްރިސުން ދެއްކި ނަމޫނާ “ ޚިތާބުގައި މިނިސްޓަރު ފާހަގަ ކުރެވި އެވެ.

ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނާން ޖެހިފައިވާ ކަމަށާއި އިހުގައި ޗޯކާއި ބޯޑުން ފުދުނު ކަމުގައިވިޔަސް އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރު ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ތަޢުލީމީ ދާއިރާއަށް އަންނަ  ކޮންމެ އިންޤިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ މުދައްރިސުންކަން އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެއްވައިފި ކަމަށެވެ. ކޮވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓައިލާން ޖެހިދާނެކަމުގެ ބިރުވެރިކަން ކުރިމަތިވީ ހިނދު ކިލާހުގެ ހަތަރުފާރުން ބޭރުވެ ބޭރުގެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޓީޗަރުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ “ދަ ޓްރާންސްފޮމޭޝަން އޮފް އެޑިޔުކޭޝަން ބިގިންސް ވިތް ޓީޗަރ” އެވެ. ނުވަތަ ”ތައުލީމީ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާއި ހަމައިން“ މި ޝިޔާރެވެ.

މި ޝިޔާރު ހިޔާރު ކުރީވެސް ކޮވިޑުގެ ދަތި ހާލަތުގައިވެސް މުދައްރިސުން ވީ ގުރުބާނީ އަގު ވަޒަންކުރުމުގެ ގޮތުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top