ޕާޓީން ވަކިކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފި

large_17623294054834CR.jpg

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް، ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ބާއްވަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މެންބަރުން ޕާޓީން ވަކިވުމުންނާއި، ވަކިކުރުމުން ވެސް ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ މި މަޖިލީހުގައި މިދިޔަ އަހަރު އިސްލާހުކޮށްފައެވެ.

އޭގެ ފަހުން، މި މަހު 16 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ވަނީ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުންގެ ވޯޓަކުން ކަމަށް ކަނޑައަޅަން އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހަށް ޕީއެންސީގެ ބައެއް މެންބަރުން ތާއީދު ކުރެއްވިއިރު، ބައެއް މެންބަރުން ފާޅުގައި ދެކޮޅު ހެއްދެވިއެވެ.

އެ އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއުއެވެ.

އެކަމަކު، އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ޕީއެންސީއަށް ނިސްބަތްވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭ ގޮތަށް އޮތްބައި އުނިކުރަން ހުށަހަޅުއްވާފައެވެ. އެ އިސްލާހަށް ތާއީދުކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ.

އެ އިސްލާހަށް ކޮމިޓީގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެއްސެވުމުން 50 މެންބަރުން ވަނީ އިސްލާހާ އެކު ފާސްކުރަން ވޯޓުދެއްވާފައެވެ. ދެކޮޅަށް ވޯޓުދެއްވީ އަށް މެންބަރުންނެވެ. އަދި، ދެ މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓުދެއްވާފައެވެ.

އެއަށް ފަހު، އިސްލާހާ އެކު ބިލު ފާސްކުރަން ވޯޓަށް އެހުމުން ވެސް 50 މެންބަރުން ވޯޓުދެއްވިއެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ވިޔަސް ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top