ތިން ވައްތަރެއްގެ ކޮތަރު ހިމެނޭގޮތަށް، 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ 104 ބާވަތުގެ ދޫންޏަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މިއަދު ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރުގެ އިތުރުން ބަކަމޫނާއި ބޮނޑަނަ އާއި ރާބޮނދި، ބާޒާއި މާދޫންޏާއި ކިރު ދޫނި އަދި ފިނދަނަ ވެސް ހިމެނެ އެވެ.
އެ މިނިސްޓްރީން ބުނީ ދޫނިތަކެއް ހިމާޔަތް ކުރަން ޖެހުނީ ބައެއް ދޫނިތަކަކީ ވަގުތީ ގޮތުން ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކަކަށް ވާތީ ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.
ދޫނިތައް ހިމާޔަތްކުރުމުގެ ގޮތުން ގޯނާ ކުރުމާއި، ހިފުމާއި، ގެންގުޅުމާއި އަދި އެހެން ވެސް ބޭނުމެއް ކުރުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖޭގައި ދިރިއުޅޭ ދޫނީގެ ބައެއް ބާވަތްތައް ހިމާޔަތްކުރުމުގެ ގޮތުން މީގެ ކުރިންވެސް ބައެއް ކަހަލަ ފިޔަވަޅުތައް މިނިސްޓްރީން ވަނީ އަޅާފަ އެވެ.
އެ ތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތޮބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގައި ވާގޮތުގެ މަތިންނެވެ.