ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހި، ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ބާއްވާ އަތޮޅު ކައުންސިލް އުވާލަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
މި ބިލު ދިރާސާކުރި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބިލް ފާސްކުރީ ކޮމިޓީއަށް ހާޒިރުވަޑައިގެން ތިއްބެވި 62 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްްވީ ބިލް ފާސް ނުކުރުމަށެވެ.
ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބުކުރަން ނުޖެހޭ ގޮތަށް ހެދުމަށެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނޭ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާއެކު އެ ކައުންސިލުގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތަކުގެ ރައީސުން ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.
ނަމަވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ވަނީ އެކަން ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ.
އޭގެ ސަބަބުން އަތޮޅު ކައުންސިލުތައް އުވޭނެ އެވެ.
ނަމަވެސް އިސްލާހުގައި ވަނީ މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލުތައް ދައުރު ހަމަވަންދެން ދެމިތިބޭނެ ކަމަށެވެ.
އަތޮޅު ކައުންސިލަކީ ބޭކާރު ކަމެއް ކަމަށް ބުނެ އުވާލުމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ޕްލެޓްފޯމް ތަކުގައި ދައްކަވާފައިވެ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން ހަރަދު ތައް ކުޑަވެ، ކައުންސިލްތައް އިތުރަށް ބާރުވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.






