އޭދަފުށީގެ މަންމަގެ ނަމުން މުޚާތަބު ކުރެވެ އޭދަފުށީ ގުލްބަކާގޭ ހަސީނާ މުހައްމަދު އުމުރުން 85 އަހަރުގައި ނިޔާވެއްޖެއެވެ.
ނޭވާލުމުގެ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން ހަސީނައްތަ ، ބ.އަތޮޅު ހޮސްޕިޓަލުގެ ލަފާގެ މަތިން މާލޭގެ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މީގެ 15 ދުވަސް ކުރިންނެވެ. އެ ބައްޔަށް ފަރުވާ ދެމުން ދަނިކޮށް ހަސީނައްތަ ނިޔާވެފައިވަނީ ރޭގެ 12:30 ގައެވެ.
ހަސީނައްތައަކީ ބޭސްވެރިކަމުގެ ރޮނގުންނާއި ފޫޅުމައެއްގެ ގޮތުން ފަސްދޮޅަހަށް ވުރެ ގިނަ އަހަރު އޭދަފުއްޓަށާއި ބ.އަތޮޅަށް ވަރަށް ގިނަ ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ މަޝްހޫރުވެފައިވަނީ އިތުބާރު ދިވެހި ބޭސްވެރިއެއްގެ ގޮތުންނާއި މޮޅު ފޫޅުމައެއްގެ ގޮތުންނެވެ. ފޫޅުމައިކަން އޭދަފުށިން ނެތިހިނގައިދާނެ ބިރަށް ޓަކައި އެކަމަނާ ވަނީ އޭދަފުށީގެ 19 ކުދިން ތަމްރީނު ކޮށްދެއްވާފައެވެ.
އެކަމަނާގެ މިޚިދުމަތްތައް ބަލައިގަނެ ދިވެހި ސަރުކާރުން ވަނީ ހިތްވަރު ދިނުމުގެ އިނާމުވެސް ދެއްވާފައެވެ.
ހަސީނައްތަ ނިޔާވިއިރު 11 ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.
މަރްހޫމާގެ ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގައެވެ.
އަލްމަރުޙޫމާ ހަސީނާ މުހައްމަދުއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އެއާއިލާއަށް ކެތްތެރިކަން ދެއްވައި އީވީގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ.