މަޖިލީހުގައި އޭަދަފުއްޓަށް ވަކި ދާއިރާއެއް ހަދައި، އަލަށްހިތާދޫ ދާއިރާ އުފައްދަނީ

372092_3_bfd5de4c826b21853ac89916d9748205531f0770_large.jpg

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން:.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަކީ ވަކި ދާއިރާއަކަށް ހެދުމަށްފަހު ހިތާދޫ ދާއިރާ އަލަށް އުފައްދައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ހަމަޖައްސާފައިވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް ގައެވެ.

މި ރިޕޯޓްގައިވާ ގޮތުން ކުރިއަށް އޮތް މަޖިލީހުގައި އިތުރުވާ ހަ ދާއިރާގެ ތެރޭގައި ހިމެނޭ އެއް ދާއިރާއަކީ އޭދަފުށި ދާއިރާ އެވެ.

އޭދަފުށި ވަކި ދާއިރާއަކަށް ހެދުމުން ބ. އަތޮޅުގެ ރަށްތައް ދާއިރާތަކަށް ބެހިގެންދާ ގޮތް ބަދަލުވެ ބ. އަތޮޅުގައި އާ ނަމެއްގައި އާ ދާއިރާއެއްވެސް އުފެދިގެންދެ އެވެ. އެގޮތުން އޭދަފުށި ދާއިރާގައި މިހާރު ހިމެނޭ ހިތާދޫ، އޭދަފުށި ދާއިރާ އިން ވަކިކޮށް ހިތާދޫ ދާއިރާ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ހިތާދޫ ދާއިރާގައި ހިމެނެނީ ހިތާދޫ، މާޅޮސް އަދި ދަރަވަންދުއެވެ. ދަރަވަންދުއަކީ މިހާރު ކެންދޫ ދާއިރާގައި ހިމެނޭ ރަށެކެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލީހުގައި ކެންދޫ ދާއިރާގައި ދެން ހިމެނޭނީ ކެންދޫ، ދޮންފަން، ކިހާދޫ، ކަމަދޫ، ކުޑަރިކިލެވެ. ބ. އަތޮޅުގައި މިހާރު އޮތް ތުޅާދޫ ދާއިރާގެ ރަށްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

އީސީން އާންމުކުރި ވަގުތީ ރިޕޯޓު ބުނާގޮތުން ނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދާއިރާތަކުގެ އަދަދަކީ  93އެވެ.

މި ރިޕޯޓަށް މިއަދުން ފެށިގެން، އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާގޮތުން، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000އަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ކަނޑައަޅާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ދެ ގޮނޑި އިތުރުކުރި ފަހުންނެވެ. އަލަށް އިތުރު ކުރި ހަ ގޮނޑިއާއެކު ދެން މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top