އޭދަފުށީކައުންސިލްގެ އާރައީސާ ނާޒް: ހަތަކުން ހަތެއް

12003314_873137976102183_6136019882706504275_n.jpg

އޭދަފުށީ ކައުންސިލްގައި ހިމެނޭ ހަތްމެންބަރުންގެޒިންމާދާރުކަމާާ އެބޭފުޅުން ވަޒީފާއަދާކުރާގޮތަށް ބަލައިގެން މާރކްސްއެއް ދޭނަމަ ނާޒްއަށް އަޅުގަނޑު ދޭނީ ހަތަކުން ހަތެކެވެ. އެއީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ އަދި ފަސާދައިގެ ކަނޑަކަށް ގެނބި ކިރިޔާ ނޭވާލެވޭނުލެވޭ ހާލުގައި އޮތް ކައުންސިލްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލާންކެރުނީތީއެވެ. އެމަގާމަށް ކުރިމަތިލައިގެން ބޮޑު އަޣްލަބިއްޔަތަކުން ވޯޓް ކާމިޔާބުކުރެއްވީތީއެވެ.

މިހިސާބުން ހިތުގައި އުފެދޭ ސުވާލަކީ ރައީސްކަމުގެ މަގާމަށް ކައުންސިލުގައި ހުރި ހަމައެކަނި އަންހެން މެންބަރާއެކު އެންމެ މެންބަރަކު ވާދަކުރެއްވީ ކީއްވެގެންބާއެވެ؟ އިވޭ އަޑުތަކަށް ބުރަވާއިރު ކައުންސިލްގައި ތިއްބެވި ޒުވާން އުމުރުގެ ތިން ބޭފުޅުން ނޫނީ ދެން ތިއްބެވީ ރައީސްކަމަށް ފައި ނަންގަވައިގެން އުޅުއްވާ ބޭފުޅުންނެވެ.  މަގާމުގެ ދަހިވެތިކަމުގައި ވޭތުވެ ދިޔަ ދުވަސްތަކުގައި އެކަކު އަނެކަކާކުރިމަތިލައިގެން ހުރެ ވާހަކަ ދައްކަން ނުކެރޭވަރަށް އެބޭފުޅުންވަނީ ދުރުވެފައެވެ. ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވަން ދިމާވި މައިގަނޑު ސަބަބަކީވެސް މިއީ ކަމުގައި ކުރީގެރައީސް އަލީ ވަހީދު ވިދާޅުވެފައި ވެއެވެ. އެހެންވިއްޔާ ދެން އެއިން ބޭފުޅަކު ރައީސްކަމަށް ކުރިމަތިނުލެއްވީ ކީއްވެގެން ހެއްޔެވެ؟

“އެއްސަބަބަކީ ހޮވޭނޭކަމުގެ ޔަގީންކަންނެތުން. ނުހޮވިއްޖެނަމަ ބޮޑު ލަދަކާ ކުރިމަތިލާން ޖެހިދާނެތީވެ ކުރިމަތިލާން ނުކެރުނީ. އަނެއް ސަބަބަކީ ކައުންސިލްގެ ހުރިހާ ކަމެއް ބޮއްސުންލާފައި އޮތުމާއި އުސޫލާ ޚިލާފަށްވެސް ކަންތައްތަކެއްކުރެވިފައިވާތީ އެކަމަށް ޖަވާބުދާރީވާން ޖެހޭނެތީވެތީވެ ބިރުގަތީ. ދެން އޮތް ސަބަބަކީ މިވީހާ ދުވަހުވެސް ރައްޔިތުންނަށް ފާހަގަކުރެވޭވަރުގެކަމެއް ކޮށްދެވިފައި ނުވާތީވެ ރައްޔިތެއްގޮވައިގެން އުޅެވޭވަރުގެ ފެންވަރެއްނެތްކަން ގަބޫލުކުރެވިގެން އެއްވެސް ކަމެއްނުކޮށް ތިބެ މިހާރެކޭވެސް އެއްފަދައިން ހިހޫތަނުން ކާލައިގެން ތިބެން ބޭނުންވުން. ” މިއީ އޭދަފުށީ ކައުންސިލްގެ ކަންތައް ވަރަށް ގާތުން ބަލަމުންދާ އެތަނުގެ ކަންކަން ހިނގާގޮތް ދިރާސާކުރަމުންދާ މީހެއްގެ ޚިޔާލު ހުރި ގޮތެވެ.

މިވާހަކަތަކަށް އިންސާފުކުރާކަށް ނެތީމެވެ.  ވެދިޔަތަންވެސް ވެދިޔައީއެވެ. ކުރިއަށް އޮތީ ނާޒްގެ ދުވަސްތަކެވެ. ނާޒްގެ ނަތީޖާއަސް ރައްޔިތުން އިންތިޒާރުކުރާ ދުވަސްތަކެވެ. ދަންނަވާލަން ބޭނުންވަނީ ނާޒް ކައުންސިލްގެ ރައީސަކަށް ކުރިމަތި ލެއްވީ މި ހުރިހާ ކަމެއް އެގިހުރެގެންނެވެ. އެހެންކަމަށްވާނަމަ ނާޒްއަށްވެސް ކުރީގެ ރައީސަށް ދިމާވިފަދަ ގޮންޖެހުންތައް ކުރިމަތިވާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. ޚާއްސަކޮށް އަންހެނަކަށްވީތީވެ އެކަން ބޮޑުވާނެކަމަށް ބަލަމާ ހިނގާށެވެ. އެކަމަކު އަންހެނަކަށް ވީތީވެ އެއީ ފިރިހެނެކޭ އެއްފަދައިން މަސައްކަތް ނުކުރެވެންވީ ސަބަބެއް ނޫނެވެ. ފަހަތަށް ނުޖެހި ކުރިއަށް ވަޑައިގަތުމުގެ އަޒުމުގައި ހުރެގެން މަސައްކަތް ކުރާނަމަ މިހާރު ޕެރެލައިޒްވެފައި އޮތް އޭދަފުށީ ކައުންސިލް އައިސީޔޫއިން ނެރެ ފުރިހަމަ ސިއްހަތުގައި ރައްޔިތުންނަށް ދައްކާލެވިދާނެއެވެ. ކައުންސިލްގައި ހުރި ހަގީގީ ބަލިތައް ދެނެގަނެ ބައްޔަށް ބޭސް ކުރައްވާށެވެ. ބައްޔަށެވެ. މީހާއަކަށްނޫނެވެ.

ކައުންސިލްގެ ހުންގާނުގައި ކުރިން ތިއްބެވި ބޭފުޅުން ދަތުރުކުރެއްވި މަގު ދޫކޮށްލައްވާށެވެ. އެމަގުން ދަތުރުކޮށްގެން މަގު އޮޅުނީ ނޫންހެއްޔެވެ. އެހެންވީމާ އާމަގެއް ޚިޔާރު ކުރައްވާށެވެެ. ކަމުގެ ތަޖްރިބާ ކާރުންނާއި ގިނަ މީހުންގެ މަޝްވަރާ ކޮންމެ ކަމެއްގައިވެސް ބޭނުންކުރައްވާށެވެ. ރައްޔިތުންނާއި ވީހާވެސް ގާތުން އެމީހުންގެ ޚިޔާލުވެސް ކަންކަމުގައި ހޯއްދަވައިގެން ހިތްވަރާއެކު ކުރިއަށް ވަޑައިގަންނަވާނަމަ ކާމިޔާބު އޮންނާނީ ކަމަނާގެ ވާތު ކުޅޭ އެއްޗެއްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top