ރަށު ޕިކަޕް ރަށަށް ގަދަކޮށްފި

20190118_160705.jpg

ނަޖީބު، ދަތުރެއްގެ މެދުތެރޭގައި /އީވީ ފޮޓޯ

މި ޒަމާނަށް އަލިވިލުމުގެ ކުރިން އަހަރެމެންގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް މުދާ އުފުލަން ބޭނުންކުރީ މީސްމީހުންގެ ކޮނޑުގައާއި އަތްތަކުގައެވެ. ނުއުފުލޭ ވަރުގެ ބަރުތަކެތި އުފުލަން ބޭނުން ކުރީވެސް އަހަރެމެން އީޖާދުކުރި ދިވެހި އުފެއްދުންތަކެވެ. އޭގެ ފަހުން ތައާރަފްވި އަތް ގާޑިއާ އެއީ މާމޮޅު އެއްޗަކަށް ވެގެން އޭގައެވެ. 70ގެ އަހަރުތަކުގައާއި 80ގެ ކުރީކޮޅުގެ އަހަރުތަކާ ހަމައަށް ދާންދެން މާލޭގެ މާރުކޭޓު ސަރަހައްދު ފަޅުފިލުވާފައިވަނީ މިދެންނެވި ގާޑިޔާ ތަކެވެ.

އެހެންނަމަވެސް އަލަށް ތައާރަފް ވެގެންދިޔަ މުދާއުފުލުމަށް ތައްޔާރު ކޮށްފައިވާ “ޕިކަޕް “ގެ ނަންދެވުނު އުޅަނދު އުފަންވެ މާލެއަށް އައިސް މާރުކޭޓް ސަރަހައްދު ފުރިފައި އޮތް ގާޑިޔާ ތައް ހުސްކޮށްލައިފިއެވެ. މާ އަވަސް މާ ފަސޭހަ އެއްޗަކަށް ވެގެންގޮސް މާލެއިން ބޭރަށް އަތޮޅު ތެރެއަށްވެސް ތައާރަފް ވެގެން ދިޔައީއެވެ.

އެކަމަކު ޕިކަޕްގެ ޒަމާންވެސް ދަނީއެވެ. އޭގެ ބަދަލުގައި މިހާރު ރަށުޕިކަޕްގެ ނަންދެވިފައިވާ ތިން ފުރޮޅުލީ ކުޑަޕިކަޕް ، ބޮޑު ޕިކަޕްތަކަށް ގޮން ޖެހުމަށްފަހު ދިވެހީންގެ ގާތް ރައްޓެއްސަކަށް ވެއްޖެ އެވެ.

އޭދަފުށީގެ މަގުތަކުގައިވެސް ރަށު ޕިކަޕްގެ ވާދަވެރިކަން ކުޑައެއް ނޫނެވެ. އާދައިގެ ޕިކަޕަށް ދޫނުކޮށް ހިފަހައްޓަމުން އެބަގެންދެއެވެ. އެންމެ ފަހުން މިހާރު މަންޒަރު މުޅިން ބަދަލުވެ އާދައިގެ ޕިކަޕްތައް ފަހަތަށް ޖައްސާލާފައި ރަށު ޕިކަޕް ރަށަށް ގަދަކޮށްފިއެވެ.

ރައްޔިތުން ރަށު ޕިކަޕްދެކެ އެހެރަވާ ލޯތްބެއް ތާއެވެ. އެހެން އެއްވެސް ގޮތެއް އޮތްނަމަ އާދައިގެ ޕިކަޕް އެއްގޮތަކަށްވެސް ބޭނުން ނުކުރަނީއެވެ. ވާނީވެސް އެހެންތާއެވެ. އަގާއި ވަގުތާ ޚިދުމަތަށް ބަލާއިރުވެސް މި ގޮތް ރަނގަޅުވީއެވެ.

އޭދަފުށީގައި ޕިކަޕް ދުއްވުމުގެ މަސައްކަތް ކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެ އެމަސައްކަތުން ރަނގަޅު އާމްދަނީއެއްވެސް ހޯދަމުން އައި އަބްދުއްރަހީމް (އައްދުރު ) އީވީއަށް ބުނި ގޮތުގައި މިހާރު ހީވަނީ ޕިކަޕްގެ ޒަމާން ފަސްދީ ދާން އުޅޭހެންނެވެ. ” ކުރިން ލިބުނު ވަރާ ގާތަކަށް ވެސް މިހާރު ދަތުރެއް ނުލިބޭ. އާއްމުކޮށް ގުޅާމީހުންވެސް ނުގުޅާ. އަހާލުމުން ބުނަނީ ރަށު ޕިކަޕް ގެ ޚިދުމަތް މާރަނގަޅު ވެފައި އަގުވެސް ހެޔޮކަމުން އެދިމާއަށް ދެވެނީ ކަމަށް.”

އައްދުރު ބުނީ ގޭގެއިން އާއްމުކޮށް ބޭނުންވާނީ ކުދިކުދި އެއްޗެތި އުފުލަން ކަމަށް ވާތީ އެކަކު ވެސް ބޮޑު އަގުގައި ކުޑަކުޑަ އެއްޗެއް ގެންދިއުމަށް ބޭނުން ނުވާނެ ކަމުގައެވެ.

އޭދަފުށގައި ޕިކަޕް ދުއްވާ އެހެން މީހަކު މިހާރުވަނީ އޭނާގެ ޕިކަޕް ދޮވެ ސާފުކޮށް ގަރާޖަށް ލާފައެވެ. ދަތުރު ނުލިބޭތީ އެނޫން ގޮތެއް ނެތީއެވެ.

ރަށު ޕިކަޕްގެ ރަނގަޅު އަނެއް ތަންކޮޅަކީ ތިމާވެއްޓަށް ލިބޭ ގެއްލުމުން ކުޑަވުމެވެ. ބެޓެރީން އޮޕަރޭޓް ކުރާ އެއްޗަކަށް ވާތީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން އެންމެން އަމާޒު ހިފާފައިވާ މިފަދަ ދުވަސްވަރެއްގައި ރަށު ޕިކަޕަކީ ދިވެހި ވެއްޓަށް އެންމެ ބަރާބަރު އުޅަނދުކަމުގައިވާތީ އުފާކުރަންޖެހެ އެވެ.

“އަހަރެމެން މިހާރު ބަދަލު ކޮށްލައިފިން. ރަށު ޕިކަޕްގެ ޚިދުމަތް މާބޮޑަށްވެސް ރަނގަޅު. ތިމާވެށި ެކަންޏެއް ނޫން. އެންމެ ދެތިން ކިލޯފުށާ ތިން ކިލޯ ހަނޑޫ އެސްޓީއޯއިން ގަންނަން ބޭނުންވިޔަސް ގުޅާލަންވީ. އަންނާނެ ހިފައިގެން .އިންތިޒާރުގައި ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނުޖެހޭ. ފައިސާވެސް ދޭންޖެހެނީ އައުމަށް ފަހު. އެހެންވީމާ އެސަލާމަތް ކުރެވުނީ ކިހާ ވަގުތެއް. ؟މިކަހަލަ ފަސޭހަ މަގެއް އޮއްވާ ކާކު އޭގެ ބޭނުން ނުކުރާނީ! އެންމެން ވެސް ދާނީ އެދިމާއަށް ދޯ .!” އައިންތު ރަށު ޕިކަޕުގެ ޚިދުމަތަށް ތައުރީފްތައް ބަންޑުން ކޮށްލި ގޮތަކީ މިއީ އެވެ.

އޭދަފުށީގެ އެހެން އަންހެނަކު ބުނީ ރަށު ޕިކަޕްގެ އެންމެ ރަނގަޅު ތަންކޮޅަކީ އިތުބާރާއި ހިތް ހެޔޮކަން ކަމުގައެވެ.

“މިސާލަކަށް ޝާކިރު ގާތު ގޭސްފުޅިއެއް ގެނެސްދޭށޭ ބުނީމާ މި ގެނެސްދެނީ ހިތަށް އެރި އިރަކުން. އެކަމަކު ހާރިސްބޭ މެން ގާތު ފޯނު ކޮށްލާފައި ބުނުމުން ރާސްޓަސް. ހީވާނީ އެކަމަށް އެދި ގުޅީ ގޭސްފުޅި ކައިރީގަ ހުއްޓާހެން. މާނައަކީ އެހާވެސް ޚިދުމަތް ބަރާބަރުވެފަ އަވަސް ވާނެ. ” ރަށު ޕިކަޕްގެ ފަސޭހަކަމާ ބަރާބަރު ޚިދުމަތް ފާހަގަ ކުރަމުން އައިޝަތު ބުންޏެވެ.

އޭދަފުށީގައި ރަށު ޕިކަޕް ދުއްވާ ނަޖީބު އަކީ އިންޖީނުލީ ކުޑަ މަސް ދޯންޏެއްވެސް ގެންގުޅޭ މީހެކެވެ. އެހެންނަމަވެސް ރަށު ޕިކަޕެއް ގަނެގެން ދުއްވަން ފެށުމުން އޭނާ ބުނަނީ ދޯނިން ލިބޭ ވަރަށް ވުރެ ރަނގަޅު އެއްޗެއް މިއިން ލިބޭ ކަމުގައެވެ. ” ދޯންޏަށްވުރެ މާ ރަނގަޅު އެއްޗެއް ލިބޭ. ދަތުރު ނުލިބިގެން އުޅޭކަށް ނުޖެހޭ. އާމްދަނީ ހޯދަން މިއީ ހަމަ ވަރަށް ރަނގަޅު މަސައްކަތެއް. ” މިއީ ނަޖީބުގެވާހަކައެވެ.

ވަފާ ޖަމިއްޔާގެ ޚާއްސަކޮށް ކުޅިވަރު އިވެންޓްތަކުން ފެނި މަޝްހޫރު ވެފައިވާ އަބްދުލްހާރިސް ހަސަން (ހާރިސް )އަކީވެސް ރަށު ޕިކަޕް ދުއްވާ މީހެކެވެ. އޭނާވެސް ބުނަނީ މުޅި ދުވަސް އޮންނަނީ ފުރިފައި ކަމުގައެވެ.

“ހެދުނުން ފެށިގެން ފޯން ބިޒީވާނެ. އެކަކު ބުނެފާނެ އެސްޓީއޯ އަށް ދާން ކާޑުކޮޅެއް ގަތުމަށް. އަނެކަކު ބުނެފާނެ ފެރީއަށް ދިއުމަން. މިހެން ގޮސް މުޅި ދުވަސް އޮންނަނީ ފުލްކޮށް.”

ހާރިސް ބުނީ އެސްޓީއޯއިން ކާޑުކޮޅެއް ގަތުމަށްވެސް ބޭނުންވާ އަދަދު ބުނީމާ ދެފަރާތަށްވެސް ވަގުތު ސަލާމަތް ކުރުމަށާ ޚިދުމަތް އަވސް ކޮށްދިނުމުގެ ގޮތުން ގިނަ ފަހަރު ހަދާ ގޮތަކީ އަތުން ފައިސާ ދީފައި ގަނެގެން ގެންގޮސްދެނީ ކަމުގަ އެވެ.

“އެހެންނޫނަސް ކޮންމެ ކަހަލަ އެއްޗެއް އުފުލަން ޖެހުނު ނަމަވެސް އަޅުގަނޑު ބަލަނީ ދަތުރު ދިން މީހާއަށް އިތުރު އުނދަގުލެއް ނުޖައްސާވޭތޯ މިއީ ވެސް ޚިދުމަތެއް ކަމަށާ ވީހާވެސް ރަނގަޅަ އެކަން ކޮށްދެވޭތޯ. ދެވަނަ ފުރުސަތެއްވެސް ލިބޭނީ އޭރުންތާ.” ހާރިސް ބުންޏެވެ.

ހާރިސް ބުނަނީ ދަތުރު ނިމުނީ ކަމަށް ބަލަނީ އެއެއްޗެއް ގެންގޮސް ވެރިފަރާތުން ބުނި ތަނަކު ބެހެއްޓުމަށް ފަހުގައި ކަމަށެވެ.

މިކަން ޚާއްސަކޮށް އަންހެނުން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. މިސާލަކަށް ގޭސްފުޅިއެއް ބޭނުން ވެގެން ގުޅައިގެން އެގެއަށް ގެންދާއިރު ގިނަ ފަހަރަށް އެގެއަކު ފިރިހެނެއް ނޫޅޭނެއެވެ. އެހެންވީމާ ގޭސްފުޅި ބަދިގެ އާ ހަމައަށް ގެންދިއުން އޮންްނާނީ ބޮޑު ކަމަކަށް ވެފައެވެ. ރަށުޕިކަޕް ދުއްވާ މީހުން ކަންތައް ކުރާ ގޮތަކީ ގޭސްފުޅި ގެންގޮސް އެބަހައްޓަން ޖެހޭ ތަނަކު ބެހެއްޓުމަށް ފަހު ގުޅައިވެސްދެނީއެވެ.

ޚިދުމަތަށް ޝުކުރުވެރިވާން ޖެހެނީ މިހެން ވެގެންނެވެ. ރަށު ޕިކަޕްތައް ވައިގާ ހިފުމުގެ އެއްސަބަބަކީވެސް މިއީއެވެ. ޚިދުމަތުގެ ބަރާބަރުކަމާ އެހީތެރިކަމާ އޯގާތެރިކަމާ ހިތް ހެޔޮކަމެވެ.

ކޮންމެ އަކަސް އޭދަފުށީގައި ރަށު ޕިކަޕް ވައިގާ ހިފައިފިއެވެ. އަންހެންވެރިންގެ ބަދިގޭގެ މަސައްކަތުގެ ބައިވެރިއަކަށްވެސް ވެއްޖެއެވެ. ރަށުޕިކަޕް ރަށަށް ކޮށްލީ ވަކިވަރަކަށް ނޫނެވެ. މުޅި އަތޮޅުގައިވެސް ކަން ހިނގާ މަގަކީ މިއީއެވެ.

އެހެންވީމާ މި ފަހަރު ރަށަށް މި ގަދަވީ ރަށު މީދަލެއް ނޫންތާއެވެ. ރަށު ޕިކަޕްދޯއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top