ދުޢާއަކީ މުއުމިނުންގެ ހަތިޔާރު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ “ނަޞްރުގެ މައްސަރު”، މި މައުޟޫއުގެ މައްޗަށެވެ.
މިއަދުގެ ޚުތުބާގައި ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނުކަން ފާހަގަކޮށް، ކަންކަމުގައި ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމަށް ލަދުގަނެގެން ނުވާނެ ކަމަށެވެ. ށް ބުނެފައިވެއެވެ. އަދި މާތްﷲ އީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއަށް ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ ﷺ އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލު ކޮށްގެން ﷲއަށް ދުޢާ ދެންނެވުމުގައި ގެންގުޅޭންޖެހޭނޭ އެންމެ ފުރިހަމަ ނަމޫނާ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ބަދުރު ހަނގުރާމަ އަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމަކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބަނދުރު ހަނގުރާމައިން އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ކަމަށެވެ.
އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންޞާރުންނާ މަޝްވަރާކުރެއްވި ކަމަށް ޚުތުބާގައި ބުންޏެވެ.
ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފައެވެ. އެކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުހާޖިރުންނާއި އަންޞާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ އެ ކަމުގެ ރިވެތި މިސާލެއް ކަމަށެވެ. ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަން ކަމަށާއި ބަދުރު ހަނގުރާމައިގެ ދުވަހު މުހާޖިރުންނާއި އަންޞާރުން ކީރިތިރަސޫލާއަށް އެރުވި މަޝްވަރާއިން ވެސް އެކަން ހާމަވާ ކަމަށް ޚުތުބާގައި ބުންޏެވެ.
ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަޅަކީ އަޞްޙާބު ބޭކަލުންގެ ޤުރުބާނީއެވެ. އެކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެ ދުވަހު ބަދުރުގެ މައިދާނުގައި ކީރިތި ރަސޫލާ ހުއްޓިވަޑައިގެން ހުންނެވުމަށް ޚާއްސަ ކުރެވިފައިވާ ޢަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސަޢުދުބުން މުޢާޛުގެފާނު މަޑުކުރެއްވި ކަމަށެވެ. އަދި ހަނގުރާމަ ފެށި އިރުކޮޅެއްވީ ތަނާ ކީރިތި ރަސޫލާ މުސްލިމުންގެ ލަޝްކަރަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. އަދި އަޞްޙާބުންގެ ތެރެއިން އަންޞާރިއްޔަ ބޭކަލަކުކަމުގައިވާ ޢުމައިރު ބުނު ޙުމާމު، ޖޯޝާއި ފޯރީގައި ހަނގުރާމައިގެ މައިދާނަށް ނުކުމެ ވަޑައިގެން ޤުރައިޝުންގެ ލަޝްކަރާ ކުރިމަތިލައްވައި އެ ކަލޭގެފާނު ޝަހީދުވި ކަމަށް ޚުތުބާގައި ބުންޏެވެ.
ބަދުރުގެ ދުވަހުގައި ޝަހީދުވެ ދިޔައީ ސާދަ ބޭކަލުންނެވެ. އޭގެ ތެރޭގައި ޒުވާން ޞަޙާބީން ހިމެނިވަޑައިގަތްކަމީ އަހަރެމެންގެ ޒުވާނުން ޢިބުރަތް ލިބިގަންނާން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިއްމުކަމުގެ އިޝާރާތެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތްﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަން ކަމަށް ޚުތުބާގައި ބުންޏެވެ. ކަންކަމުގައި މާތްﷲއަށް ވަކީލު ކުރުމަކީ ނަޞްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
އަދި އެކަލޭގެފާނު ދެ އަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރައްވައި ކީރިތިކުރައްވައި އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހޮރުނު ކަމަށާއި، އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓެމުންދަނިކޮށް އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ނަންގަވައި ކޮނޑުފުޅު ނިވައިކޮށް ދެއްވިކަމަށް ޚުތުބާގައި ބުންޏެވެ.