އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަންޑު ހޯދުމަށް ހުކުރުދުވަހު ބޭއްވި ‘އައްޑަނަ ފުޑްފެއަރ ‘ވެސް ވަރަށް ކާމިޔާބު ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު އޭދަފުށީ ފުށިފަންނު ޕާކްގައި ބޭއްވި މިފުޑްފެއަރއަށް އޭދަފުށި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޒިޔާރަތް ކޮށް އެތަނުން ވިއްކަމުން ގެންދިޔަ ތަފާތު އެކި ބާވަތުގެ ކާބޯތަކެތި ގަނެފައިވާކަމަށް ވަފާއިން މައުލޫމާތު ދެއެވެ.
“މި ފެއަރއާމެދު ބުނެވޭނީ ނޮވެމްބަރު މަހު ބޭއްވި ފުރަތަމަ ފުޑްފެއަރ އަށްވުރެ މާބޮޑު ތަރުހީބެއް ލިބުނު ކަމަށް. ފައިސާގެ ގޮތުން ބެލި ކަމުގައިވިޔަސް ކުރީ ފަހަރަށްވުރެ ފަންސާސް އިންސައްތަ އިތުރު. މިއިން އެނގިގެން ދިޔައީ މިބާވަތުގެ އިޖްތިމާއީ ކަންކަމުގައި އޭދަފުށީ ރައްޔިތުންނަކީ ނަމޫނާ ދައްކަމުން އަންނަ ބައެއް ކަމުގައި .” ފެއަރ އިންތިޒާމު ކުރުމުގައި ވަފާއިން ހަރަކާތްތެރިވި އިސް ބޭފުޅަކު ނަން ޖެހުމަށް އުޒުރުވެރިވަމުން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ފެއަރގައި ދިވެހީންގެ ތެރެއިން ނެތެމުންދާ ރަހަތަކަށްވެސް ސަމާލު ކަން ދީފައިވާނޭ ކަމުގައެވެ.
“އޭގެ ތެރޭގައި ކަނަމަދު ރޮށިގަނޑާ ކަށިކޭލުން އުފައްދާ ކަށިކެޔޮ ފޯ އާއި ކަށިކޭލު ފަނި ފަދަ ތަދު އެހެނަސް މީރު ކާ ތަކެއްޗަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމުގައެވެ.
އެކުވެރިކަމާ މަޖަލާ މިއުޒިކާއެކު ކުރިއަށް ދިޔަ މިފެއަރ މުއްސަނދި ކުރުމުގެ ގޮތުން އެޖަމިއްޔާއިން ވަނީ 21 ވައްތަރުގެ ކުޅިހެދިކާ އާއި 15ވައްތަރުގެ ފޮނި ހެދިކާގެ އިތުރުން ޚާއްސަ ކުރެވިފައިވާ ކާތަކެތީގެ ގޮތުން ކިހަވަކު ސަޓަނި، ކަށިކޭލު ފަނި ، ކުއިރުކު ކިހަށް، ޖަބުލާނީ ، ދަރުވިލާ ، ކަނަމަދު ކޭކު ،ހަޑުލު މާ ، ބަނބބުކޭލު ބޮޑިބަތް ފަދަ ކިތަންމެ ވައްތަރެއްވެސް ހިމަނާފައެވެ. އުފާވެރި ޚަބަރަކީފެއަރގައި ބައިވެރިކުރި ހުރިހާ އެއްޗެއްވެސް ވަނީ ހުސްވެފަ އެވެ.
ޖަމިއްޔަތުލްވަފާއިން ބުނީ މި ފެއަރ ކާމިޔާބު ފެއަރ އަކަށް ހެދުމަށް ހުޅަނގު އަވަށުގެ 99 އިންސައްތަ މީހުން ބައިވެރިވެފައިވަނި ހިލޭ ސާބަހަށް ކަމަށް ވާތީ އެއީ ޝުކުރުވެރިކަމާއެކު ފާހަގަ ނުކޮށް ދޫކޮށްލާވަރުގެ އުފަލެއް ނޫން ކަމުގަ އެވެ. ހަމަ އެއާއެކު ފެއަރއިން ލިބުނު ހުރިހާ ފައިސާއެއް އެއެންމެންވެސް ވަނީ ވަތަނީ ލޯބީގައި ޖަމިއްޔަތުލްވަފާ އާއި ހަވާލު ކޮށްފައެވެ.