އިހުގެ ފަތްފުށްތަކުން : އިސްލާމީ އުއްމަތް އައު ޤަރްނަކަށް ކުރިމަތިލަނީއެވެ.

viber_image_2019-08-31_09-03-22-1.jpg

އަލްމަރުހޫމް އަބްދުއްރަހީމް އަބްދުލް މަޖީދު

އަލްމަރުހޫމު ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު

ނޯޓު: މިއީ ހިޖުރީ ފަނަރަވަނަ ގަރުނު ފެށުމުގެ މުނާސަބަތް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ބޭއްވުނު ހަރަކާތްތަކުގެ ތެރެއިން، އެ މުނާސަބާތާއި ގުޅޭ ގޮތުން ލިޔެވި ޝާއިއުކުރެވުނު ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ. މި ލިޔުން ނެގިފައިވަނީ ‘ހިޖުރީ ފަނަރަވަނަ ސައްތައަށް މަރުހަބާ’ މި ފޮތުންނެވެ. ހިޖުރީ އާ އަހަރެއް ފެށިގެން އަންނައިރު، މި ލިޔުމުގައިވާ ވާހަކަތަކަކީ، އަދުވެސް، ހަނދާންކޮށްލަން މުހިއްމު ވާހަކަތަކެއްހެން ހީވެއެވެ. އެހެންވެ، މި ލިޔުން، އަދުގެ ކިޔުންތެރިންގެ ކުރިމައްޗަށް، ހުށަހަޅާލަމެވެ. މި ލިއުން ލިޔުއްވި ލިޔުންތެރިޔާ އަލްމަރްހޫމު އަބްދުއްރަހީމު އަބްދުލްމަޖީދު އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރަމުންނެވެ. އަދި މި ދުއާގައި ކިޔުންތެރިންވެސް ބައިވެރިވެލެއްވުން އެދި ދަންނަވާ ހާލުގައިވެސްމެއެވެ.

                       **********

އިސްލާމީ އުއްމަތުގެ ޙަޔާތުގައި، ހިޖުރީ ކޮންމެ ޤަރުނެއްގެ ފެށުމަކީ ޚާއްޞަ އަހަމިއްޔަތުކަމެއް ދެވިފައިވާކަމެކެވެ. ހިޖުރައިން 1 ވަނަ ޤަރްނާ ހަމައިންފެށިގެން، 14 ވަނަ ގަރުނުގެނިޔަލަށް، ވޭތުވެދިޔަ ހުރިހާ ގަރުނުތަކެއްގައިވެސް، މިކަމުގެ އަހައްމިއްޔަތުކަން، ތަފާތު ގޮތްތަކާއި ސިފަތަކުގައި ނަމަވެސް، އައީ ފާހަގަކުރެވެމުންނެވެ. އިސްލާމީ ތާރީޚުގައި، ހިޖުރީ ގަރުނުތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއްދެވިގެން ފާހަގަކުރެވޭ އެންމެ މުހިއްމު ސަބަބަކީ، ޒަމާންތަކާއި ދުވަސްތައް ފާއިތުވެގެންދިޔުމުގައި، އިސްލާމްދީނަށާއި މުސްލިމުންނަށް ލިބެމުންދާ ހީނަރުކަމާއި ފަނޑުކަން ނެއްތާލެވޭނެ ފުރުޞަތެއް، ކޮންމެ ޤަރުނެއްގައި، މާތްﷲ ގެންނަވާނެކަމަށް އެނގިފައި އޮންނަ އެނގުމެކެވެ. ވޭތުވެގެންދާ ޒަމާންތަކާއި ދުވަސްތަކުގެ ތެރޭގައި އިސްލާމީ ދުނިޔޭގެ އުދަރެހަށް ފެތުރިގެންދާ، ބޯ ފުސްތަކާއި ބަނަވިލާތަކުން، އިސްލާމްދީނުގެ އުޖާލާ އިރުގެ އަލިކަމަށް ގެނެވޭ ފަނޑުކަމާއި ފުސްކަން، އަލިކަމާއި ސާފުކަމަށް ބަދަލުވެގެންދާނެ ވަގުތެއް، ކޮންމެ ޤަރުނެއްގެ ތެރޭގައި އަންނާނެކަމަށް އުއްމަތަށް ލިބިފައި އޮންނަ ޚަބަރެކެވެ. އާދޭހެވެ! އިސްލާމްދީނުގެ ހުރިހާކަމެއް ދިރުވައި ދީން އައުކޮށްދެއްވާނެ މުޖައްދިދަކު ކޮންމެ ޤަރުނެއްގެ ކުރީކޮޅުގައި، މިއުއްމަތަށް ފޮނުއްވައިދެއްވާނެކަމަށް، މާތް ރަސޫލާ އަންގަވާފައިވާ އެންގެވުމެކެވެ. ސުނަނު އަބޫ ދާއޫދުގައި އަބޫހުރައިރާ ރިވާކުރައްވާ، ކީރިތި ރަސޫލާގެ ޙަދީޘެއްގައިވަނީ “إن الله يبعث لهذه الأمة على رأس كل مائة سنة من يجدد لها دينها” މިފަދައިންނެވެ. ޙަދީޘުގެ މާނައަކީ، ” ކޮންމެ ސަތޭކަ އަހަރެއްގެ ކުރީކޮޅުގައި، މިއުއްމަތުގެ ދީން ދިރުވައި އައުކޮށްދޭނެ މީހަކު މާތްﷲ މިއުއްމަތަށް ފޮނުއްވައިދެއްވާނެތެވެ.”

ކީރިތި ރަސޫލާގެ މިބަސްފުޅުގައި އަންގަވާފައިވާ އެންގެވުމަށްޓަކައި ހިޖުރީ ކޮންމެ ޤަރުނެއްގެ ފެށުމަށް، އިސްލާމީ އުއްމަތް އިންތިޒާރުކުރަނީ، އިލާހީ ރަޙުމަތަކަށް އުއްމީދު ކުރަމުންނެވެ. އުއްމަތަށް ކުރިމަތިވެފައިވާ އުނދަގޫ ދަތި މަސްއަލަތައް ޙައްލުވެ، ދީނުގެ އަހުލުވެރިންގެ ހިތްތަކުގައި ދެރަވެ ބަލިކަށިވެފައިވާ އީމާންކަމާއި، ހުލިވެ އުވެމުންދާ ދީނީރޫޙު އަލުންދިރި އައުވެގެން ދިޔުމުގެ ހެޔޮއެދުންތަކާ އެކުގައެވެ. އިސްލާމީ ތަޖުދީދުގެ އައު ދައުރެއް، ތާރީޚު އަލުން އިޢާދަކޮށްދޭނޭކަމުގެ އުފަލާ ހިތްހަމަޖެހުމާ އެކުގައެވެ.

އިބުނު ސީނާ އަކީ ބޭސްވެރިއެކެވެ އަދި ފަލްސަފާވެރިއެކެވެ. އޭނާގެ އަލްގާނޫނު ފިއްތީއްބި މި ފޮތް މުދު ގަރުނުތަކުގެ ތެރޭގައި ބޭސްވެރިކަން ކިޔަވައިދިނުމުގެ ޓެކްސްޓު ފޮތެއްގެ ގޮތުގައި 200ވަރަކަށް އަހަރު ބޭނުން ކުރެވުނެވެ

މި ޚާއްޞަ މުނާސިބަތު ކުރިމަތިވެގެން އަންނައިރު، ވޭތުވެދިޔަ 14 ޤަރުނުގެ ތެރޭގައި އިސްލާމީ އުއްމަތް ވޭތުކުރަމުންއައި ދުވަސްތަކުގެ ހަނދާން، ކިތަންމެ ކުރުކޮށް ނަމަވެސް އައުކޮށްލުމަކީ، ދޫކޮށްނުލެވޭފަދަ ބޭނުންތެރި ކަމެކެވެ. ދުނިޔޭގައި މުސްލިމު އުއްމަތް އަދާކުރަމުންއައި ސިޔާސީ ރޯލާއި، އުއްމަތުގެ ޙާލަތު ބަދަލުވަމުން އައިގޮތްތަކުގެ މައްޗަށް ނަޒަރެއް ހިންގާލުމަކީ، މިމައުޟޫއުގައި  އެއްޗެއް ދަންނަވާއިރު، ސަމާލުކަންދޭންޖެހޭ އެންމެ މުހިއްމުކަންތަކެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވަމުންއައި އާދަޔާ ޚިލާފު މުހިއްމު ހާދިސާތަކާއި، މުސީބާތްތަކާއި، ވެއްޓުންތަކާއި ކާމިޔާބީތައް ހިތަށްގެނެސް ހަނދާން އައުކޮށްލުމުގެ މަގުސަދުގައެވެ. އިސްލާމީ އުއްމަތުގެ މުޞްލިޙުންނާއި އުއްމަތުގެ މުޖައްދިދުންގެ މިންނެތް މަސައްކަތްތަކުން، އަގުހުރި ޤުރުބާނީތަކުން، ހޯއްދަވައިދެއްވި ނަސްރާއި ފަތަޙަތަކުން، އަޅުގަނޑުމެންގެ މިއަދުގެ ދަރީން އިބުރަތެއް ލިބިގަތުމަށްޓަކައެވެ. އައު އަޒުމްތަކާއި ދިރޭ އުއްމީދުތަކުން، ހިތްތަކަށް އައު ރޫހެއް ގެނެސްގަތުމަށްޓަކައެވެ. އަމަލުތަކަށް އައު ހަރަކާތްތަކެއް ގެނެސްގަތުމަށްޓަކައެވެ. އައު ގަރުނަކަށް ކުރިމަތިލުމުގައި، އުއްމަތުގެ ހަޔާތުގެ އައުސަފުހާއެއް ތާރީޚުގައި ފާހަގަކޮށްލުމުގެ ވަރުގަދަ އަޒުމެއް ކަނޑައަޅާލުމަށްޓަކައެވެ.

މުސްލިމުންގެ އީޖާދުތަކުގެ ތެރޭގައި ތަފާތު ބަލިތަކުގެ ފަރުވާ ހޯދުން ހިމެނެއެވެ

އިސްލާމީ ތާރީޚުގައި ވޭތުވެގެންދިޔަ 14 ގަރުނުގެތެރޭގައި، އުއްމަތުގެ ވެއްޓުންތަކާއި، އެރުންތައް ކިތަންމެ އުނިސިފައެއްގައި ފާހަގަކޮށްލަން ގަސްދުކުރި ނަމަވެސް، މިމަގާމުގެ ދަތިކަން އިހުސާސްކުރެވެއެވެ. ވީމާ، ހަމައެކަނި ދެތިން ނުކުތާއެއްގެ މައްޗަށް އިޝާރާތްކޮށްލުމުން ފުއްދާލަމެވެ.

  • ތާރީޚުގެ ހުރިހާ ޒަމާނެއްގައިވެސް، އިސްލާމީ އުއްމަތަށް ކުރިމަތިވާ އެންމެ ބޮޑު ގެއްލުމަކީ، އަދި އުއްމަތަށް ލިބޭ ނާކާމިޔާބީތަކާއި ވެއްޓުންތަކުގެ މައިގަނޑު ސަބަބަކީ، އިސްލާމީ ސޮސައިޓީގެ ތެރޭގައި ޖާހިލިއްޔަތުގެ އަސަރުތައް ފެތުރޭން ފެށުމެވެ. މީސްތަކުންގެ އީމާނާއި ޢަމަލުތަކުގައެވެ. ޚިޔާލުތަކާއި ފިކުރުތަކުގައެވެ. ނަތީޖާއެއްގެ ގޮތުން ފެނިގެންދާ ކަންކަމީ އިސްލާމްދީނުގެ އަސްލު އުސޫލުތަކާއި ޚިލާފު ވާހަކަތައް ދެކެވޭން ފެށުމެވެ. އިސްލާމްދީނުގެ މައިގަނޑު ޢަޤީދާތަކާ މެދު، މީސްތަކުންގެ ހިތްތަކަށް ޝައްކުތައް ވަންނާން ފެށުމެވެ. ދިނީ ދެބަސްވުންތަކާއި ޚިލާފުތައް އުފެދި، ދީނީ ތަސައްވަރުތަކުގައި މީސްތަކުން ބައިބައިވެގެންދިޔުމެވެ.
  • ސިޔާސީ ރޮނގަށް ވިސްނާލާއިރު، ޚަލީފާއިންނާއި ރަސްރަސްކަލުންގެ ތެރޭގައި، ވެރިކަމުގެ އިސްލާމީ އުސޫލު ނެތި، ބޭކާރު އިސްރާފުކުރުމާއި ޝާން ޝައުކަތުގެ ޖާހިލީ ސޫރަ އައިސް، ކުޅިވަރާއި، މަޖާތައް އަދި”ފީކަޅާ’ ކަންތައްތައް އެކުލެވޭ ތަރަފުގެ ހަޔާތް ފެށިގެންދެއެވެ. އުއްމަތުގެ އިޞްލާހާއި ފައިދާތަކަށްޓަކައި މަސައްކަތް ކުރެއްވުމަށްވުރެ އަމިއްލަ އާއިލީ ވެރިކަމެއް ގާއިމުކޮށް ސާބިތުކުރެއްވުމަށް އިތުރު މަސައްކަތާއި ހުރިހާ ސަމާލުކަމެއް ދެވެނީއެވެ.
  • އިލްމުވެރިންގެ ތެރޭގައި “ޢުލަމާއުއް ސޫއި” (ނުބައިގޮތްތަކަށް މަގުދައްކާ ޢިލްމުވެރިންނާއި ދަންނަބޭކަލުން) އުފެދި ޚަލީފާއިންނާއި ރަސްރަސްކަލުންނަށް ޚުޝާމަދުކޮށް، ނިފާޤުކަމާއެކު، ވެރިން ރުއްސުމަށްޓަކައި، ދީނީ ފަތުވާތައް ނެރެ، ނިފާގުކަމާ ދެފުށްދެގޮތްކަމާއެކު، ޤުރްއާނާއި ޙަދީޘު ބަދަލުކޮށް ތަޢުރީފް ކުރުން ކަމަށް ހިމެނޭ ކަންތައްތައް ކުރަމުން ގެންދާން ފެށެއެވެ. އަބަދުވެސް ހުރިހާ ޒަމާނެއްގައި ވެސް ޢުލަމާއުއްސޫއުގެ ނުރައްކާތެރިކަމުން އިސްލާމީ އުއްމަތަށް ލިބިފައިވާ ގެއްލުންތަކުގެ ބޮޑުކަން ވަޒަން ވެސް ނުވެވޭ ފަދަ ކަމަކަށް ވެގެންދެއެވެ.

މިދެންނެވި މުހިއްމު އަދި މައިގަނޑު ތިން ނުކުތާއާ މެދު ތާރީޚީ ހެކިތަކާއި މިސާލުތައް އިސްލާމީ އުއްމަތުގެ ޙަޔާތުން ފާއިތުވެގެންދިޔަ ސާދަސަތޭކަ އަހަރުގެ ދިގު ޒަމާންތަކުގެ ތެރޭން އަޅުގަނޑުމެންނަށް ހޮވާލެވިދާނެއެވެ. އިސްލާމީ އެމްޕަޔަރުގެ ރަން ޒަމާންކަމަށް ބެލެވޭ ޢައްބާސީ ޚިލާފަތާއި އުމަވީ ޚިލާފަތުގެ ޒަމާނުގައިވެސް، އިސްލާމީ ޙަޔާތަށް ޖާހިލިއްޔަތުގެ އަސަރާއި، ނުފޫޒު ފޯރުވޭ ގޮތުގެ ދިރިހުރި މިސާލުތައް ތާރީޚުގައި ވަނީ ފާހަގަކުރެވިފައެވެ. އެކިއެކި ޚަލީފާއިންގެ ދަރުބާރުތަކުގައި ތަމްސީލުވެގެން ދިޔަގޮތް ބަޔާންކުރެވޭއިރު ހީވަނީ ފުލޯކު ވާހަކައެއް ހެންނެވެ. އަދި މިޒަމާނުގެ އޮރިއެންޓަލިސްޓުން އިސްލާމީ ތާރީޚް، ދުނިޔެއަށް ދައްކާލުމަށް ބޭނުންކުރީ މިދެންނެވި ފަދަ ނޭދެވޭ ބައެއް ކަންތައްތަކެވެ. އެކަންކަމަކީ މުސްލިމުންގެ ވެރިކަމުގެ ޒަމާނުގައި ހިނގިޔަސް އިސްލާމީ ވެރިކަމާގުޅޭ ކަންތައްތަކެއް ނޫނެވެ. މިކަން އެންމެ ފާޅުގޮތެއްގައި ހާމަވެގެން ދިޔައީ އުމަވީ ޚިލާފަތުގެ ދުވަސްވަރުގައި، އާދެ! ހިޖުރައިން އެއްވަނަ ޤަރުނުގެ ތެރޭގައި ފެނިގެންދިޔަ އިސްލާހީ މަސައްކަތުންނެވެ. އިސްލާމްދީނުގެ ފުރަތަމަ މުޖައްދިދެއްކަމަށް އާދެ! ފުރަތަމަ ޤަރުނުގައި ފާޅުވި އިސްލާމްދީން ދިރުވައިދެއްވި ބޭކަލެއްގެ ގޮތުން ތާރީޚްގައި، ފާހަގަކުރެވުނު ޢުމަރުބުނު ޢަބްދުލްޢަޒީޒުގެ ޢަމަލުތަކުންނެވެ.

މުސްލިމުންގެ ރަންޒަމާނުގައި އިލްމީ ހުރހާ ރޮނގެއްގައި އެ މީހުން ކުރިއަރާ ދިޔައެވެ

ބަނޫ އުމައްޔަތުގެ ޚަލީފާއިންގެ ތެރޭގައި ބޮޑުފުޅުވި ނަމަވެސް ޢުމަރުބުނު ޢަބްދުލް ޢަޒީޒަކީ އޭގެ ފުރިހަމަ މާނައިގައި އިސްލާމީ ވެރިއެކެވެ. އަމިއްލަ ޒާތީ އަޚުލާޤާއި އަޅުވެރިކަމާއި ޒާހިދުކަމާއި ވަރަޢުވެރިކަމަށް ބެލިޔަސް ސިޔާސަތާއި ޢިލްމުވެރިކަމަށް ބެލިޔަސް، ޚުލަފާއުއްރާޝިދީންގެ ރިވެތި މިސާލެއް ދެއްކެވި ވެރިއެކެވެ. އުމަވީ ދައުލަތުގައި އިސްލާމީ ހަމަތަކާއި ޚިލާފަށް ކުރެވިފައިހުރި ހުރިހައި ކަންތައްތަކެއް އުވާލައްވައި ހުރިހާ ކަމެއް އިސްލާމީ  އުސޫލަށް އަޅުވާލެއްވެވިއެވެ. އޭނާގެ ހުރިހާ މަސްލަހަތެއްކަމަށް ބެއްލެވި އެއްޗަކީ ހުރިހާކަމެއް އިސްލާމީ ހަމަޔަށް އަޅުވާލެއްވުމެވެ. ނުފޫޒުގަދަ ބާރު ގަދަ މީސްތަކުންގެ ތެރެއިން އޭނާ އެޅުއްވި ފިޔަވަޅުތަކަށް ނުރުހޭމީހުންގެ ނުރުހުމަކަށް ނުބައްލަވައެވެ. އޭނާޔާއި ހަމަޔަށް ޚަލީފާކަން އައިއިރު ޚިލާފަތަކީ އުމަވީ ޚާންދާނުގެ ވާރުތައެކެވެ. ނަމަވެސް ޚަލީފާކަމަށް ބައިޢަތު ހިފުނު ވަގުތު އެންމެންގެ ތެރޭގައި ނުހަނު ސާފު ސަރީހަކޮށް އިޢުލާންކުރެއްވީ، އޭނާއަށް ބައިޢަތުހިފުމަކީ، މީސްތަކުންނަށް މަޖުބޫރުކަމެއް ނޫންކަމުގައެވެ. އެ އަޅުވެތިކަމުން، މީސްތަކުން މިނިވަން ކުރައްވައިފިކަމެވެ. މީސްތަކުން ބޭނުން މީހަކު ޚަލީފާއަކަށް އިންތިޚާބުކުރާށޭ އެންގެވިއެވެ. އެވަގުތު މީސްތަކުންގެ އަމިއްލަ ރުހުމާއެކު ޚަލީފާއެއްކަމުގައި އޭނާ އިންތިޚާބުކުރިއެވެ.

މުސްލިމުންގެ އިމްރާނީ މަސައްކަތް އަދުވެސް ފެންނަން އެބަހުއްޓެވެ. މިއީ މުސްލިމުން އިސްޕޫނުގައި ވެރިކަންކުރި އިރު ގުރުތުބާގައި ބިނާކުރެވުނު މިސްކިތެކެވެ. މިހާރު މި މިސްކިތްވަނީ ފައްޅިއަކަށް ބަދަލުކުރެވިފައެވެ

ޚަލީފާކަމަށް އިސްވެވަޑައިގަތުމާއެކު އެޒަމާނުގެ ރަސްރަސްކަލުން ކަމަށް ހިމެނޭ، ކިސްރާއާއި ޤައިޞަރުގެ އަދި މިސްރުގެ ފިރުޢައުނުންގެ ޝާހީ ޢިއްޒަތްތަކާއި ދަރުބާރުގެ ހުރިހާ ރަސްމުތަކެއް ދޫކޮށްލެއްވިއެވެ. އޭގެ ބަދަލުގައި މުސްލިމުންގެ ތެރޭގައި ޚަލީފާއަކު ގެންގުޅުއްވަންވީ ސާދާގޮތުގެ އަމަލީ ނަމޫނާ ދައްކަވާލެއްވިއެވެ.

ދެން އެޅުއްވި އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި އުމަވީ ޚާންދާނުގެ ބޭފުޅުންނަށް ޚާއްސަވެފައިވާ ކަންތައްތަކާއި ތަކެތި އެހެން ހުރިހާ މުސްލިމުންނެކޭ އެއްގޮތަށް ހަމަހަމަކޮށްލެއްވިއެވެ. އުމަވީ ޚާންދާނުގެ އިއްޒަތްތެރި ބޭބޭފުޅުންނަށް ބައިތުލްމާލުން ދެވިފައިވާ މުދާތައް، ޚުދް އޭނާއަށް އެރުވިފައިވާ ހުރިހާ ތަކެއްޗާއެކު ދައުލަތުގެ ޚަޒާނާއަށް އަނބުރާ ގެންދެވިއެވެ. ހުއްދަނޫން ސިފަތަކުގައި އެކިއެކި މީސްމީހުންނަށް ދެވިފައިވާ މުދާތަކާއި ބިންތައް އަނބުރާ އޭގެ ހައްގުވެރިންނަށް ލިބިދެއްވިއެވެ. މިއެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޚުދް އޭނައަށް ލިބިވަޑައިގެންނެވި ގެއްލުންތައް އަންދާޒާ ކޮށްލައްވާށެވެ. ކުރިން މިސްރުގެ ގަވަރުނަރެއްގެ ގޮތުގައި އޭނާ ހުންނެވި އިރުއްސުރެ އެކަލޭގެފާނަށް ލިބިވަޑައިގެންނެވި، އާމްދަނީއަކީ 50 ހާސް އަސްރަފީއެވެ. ނަމަވެސް ޚާލީފާއަކަށް ވެވަޑައިގެންނެވުމަށްފަހު އޭގެ ބަދަލުގައި  އޭނާ ބޭނުންފުޅު ކުރެއްވެވީ އަހަރަކު 200 އަސްރަފީއެވެ. އަމިއްލަ ޚާންދާނުގެ އެއްވެސް އެއްޗެއް ނުހިއްޕަވަތެވެ. ޚަލީފާއެއްގެ ގޮތުން ކަނޑައެޅިގެންވާ މުސާރައެއް ވެސް ބޭނުންފުޅެއް ނުކުރައްވައެވެ. ދިރިއުޅުމުގެ މުޅިސިފަ ބަދަލުކޮށްލެއްވިއެވެ. ޚަލީފާއަކަށް ވެވަޑައިގަތުމުގެ ކުރިން އުޅުއްވީ ޝާހީ ދިރިއުޅުއްވުމެކެވެ. ޚަލީފާއަކަށް ވެވަޑައިގަތުމަށްފަހު ފަޤީރަކަށް ވެވަޑައިގަތެވެ. އޭނާގެ ސީރަތު ލިޔުނު މީހާ ބަޔާންކުރަނީ، ޚަލީފާއަކަށް ވެވަޑައިގަތުމުގެ ކުރީގައި އެއްހާސް ދިރުހަމުގެ ހެދުންކޮޅެއް ވެސް ހިތްޕުޅު ހަމަޖެހޭ ކަމަކަށް ނުވެއެވެ. ނަމަވެސް ޚަލީފާއަކަށް ވެވަޑައިގަތުމަށްފަހު ހަތަރު ފަސް ދިރުހަމުގެ ހެދުންކޮޅެއް ވެސް މޮޅުކަމުން ހިތްޕުޅާއި ހަމަކުރެއްވޭ ކަމަކަށްނުވިއެވެ.

އަމިއްލަފުޅު ޢާއިލީ މަސްއަލަތައް ހަމަޖެއްސެވުމަށްފަހު ދެން ކުރިމަތިލެއްވީ ސަރުކާރުގެ މަސްއަލަތަކާއެވެ. އަނިޔާވެރި ގަވަރުނަރުންތައް ވަކިކުރައްވާ އެގޮތް މިގޮތުން އެތަން މިތަނުން ހޯއްދަވައިގެން ސޯލިހު ރަނގަޅު މީސްތަކުން ހޮއްވަވައި ގަވަރުނަރުކަމުގެ ޚިދުމަތް އަދާކުރުމަށް، އިސްކުރެއްވިއެވެ. ހަމައެއް އުސޫލެއްނެތި ގާނޫނަކަށް ބެލުމެއްނެތި، ރައްޔިތުންގެ ފުރާނަތަކާއި މުދަލާއި އަބުރަށް އަރައިގަތުމުގެ ފުރިހަމަ މިނިވަންކަމެއް ލިބިގެން އުޅުނު އާމިލުންތައް، ނުވަތަ ވެރީންތައް (ރަށްރަށަށް ފޮނުއްވާފައިތިބި) ގަވާއިދާއި ގާނޫނަށް ތަބާވުމަށް މަޖުބޫރުކުރެއްވިއެވެ. ސަރުކާރު ހިންގެވުމުގައި ގާނޫނުގެ ނުފޫޒާއި ބާރު އަލުން ގާއިމުކުރެއްވިއެވެ. ސަރުކާރަށް ނެގޭ ޓެކްސްތައް ނެންގެވުމުގެ މުޅި ޕޮލިސީ ބަދަލުކޮށްލެއްވިއެވެ. ކުރީގެ އުމަވީ ޚަލީފާއިން ނަންގަވަމުން ގެންދެވި ހުއްދަނޫން ހުރިހާ ޓެކްސްތައް މުޅިން ހުއްޓުވާލެއްވިއެވެ. ޒަކާތް ނެންގެވުމުގެ އިންތިޒާމް އަލުން ބަލުން ހަމަޖައްސަވައި ހިންގަވާލެއްވިއެވެ. ބައިތުލްމާލަކީ އާއްމު މުސްލިމުންގެ ފައިދާއަށްޓަކައި ވަގުފު ކުރެވިފައިވާ އެއްޗެއްކަމުގައި ހިމަނުއްވާލެއްވިއެވެ. މުސްލިމު ނޫން ރައްޔިތުންނާމެދު ކުރެވިފައިވާ ބޭއިންސާފު ކަންތައްތައް އިންސާފުވެރި ސިފައަކަށް ބަދަލުކޮށްލެއްވެވިއެވެ.  ހުއްދަނޫން ގޮތުން އަތުލެވިފައިވާ އެމީހުންގެ ފައްޅިތައް އަނބުރާ އެމީހުންނަށް ދެއްވިއެވެ. ޣަޞްބުން ފޭރިގަނެވުނު އެމީހުންގެ ބިންތައްވެސް އަނބުރާ އެމީހުންނަށް ލިބިދެއްވެވިއެވެ. ޝަރުޢީ ހަމަތަކުގެމަތިން އެމީހުންނަށް ލިބިގެންވާ ހުރިހާ ހައްގުތަކެއް ބަރާބަރަށް ފުރިހަމަކޮށްދެއްވިއެވެ. ނިޔާއާއި އަދުލު އިންސާފު، ސަރުކާރުގެ ތަންފީޒީ ބަޔާއި ނުބެހޭގޮތެއްގައި މިނިވަން ކުރެއްވިއެވެ. މީސްތަކުންގެ މެދުގައި އަދުލަށް ހުކުމްކުރުމުގެ ގަވައިދުތަކާއި ރޫހު، ޝާހީ އަސަރުތަކާއި ނުފޫޒުން ބޭރުކުރައްވައި ތާހިރު ކުރެއްވުމަށްފަހު، އިސްލާމީ އުސޫލާއި މުޅިން އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސަވާލެއްވިއެވެ.

މުސްލިމުންގެ ވެރިކަން 700 ވަރަކަށްއަހަރުވަންދެން އިންޑިޔާގައިވެސް ދެމިއޮތެވެ. އެދުވަސްވަރު ބިނާކުރެވުނު ތާޖްމަހަލައަކީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ގުނައި ހިމެނާލެވޭ ބިނާއެކެވެ

ދެން އޭނާ ސަމާލުކަންދެއްވީ އާއްމުންގެ އަޚުލާޤާއި އަދި އިޢުތިޤާދީ ކަންތައްތައް އިސްލާހު ކުރެއްވުމަށެވެ. މިކަންވެސް އިސްލާމީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ހަމަޖެއްސެވިއެވެ. ޤުރުއާނާއި ޙަދީޘާއި ފިޤުހުގެ އިލްމުތަކަށް ތޫނުވިސްނުންތަކުގެ އަހުލުވެރިން ކުރިމަތިކުރެއްވިއެވެ. މިމަސައްކަތުގައި އޭނާ ހިންގަވާލެއްވި އިލްމީ ހަރަކާތުގެ ނަތީޖާއެއްގެ ގޮތުން އަބޫ ޙަނީފާއާއި މާލިކު، ޝާފިޢީއާއި އަޙުމަދު ބުނު ޙަންބަލް ފަދަ އިސްލާމީ މުޖުތަހިދުންތައް އިސްލާމީ އުއްމަތަށް ލިބޭނެގޮތް މެދުވެރިކުރެއްވިއެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ އިސްލާހީ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އާއްމުންގެ ދިރިއުޅުމާއި ބައިނަލްއަގުވާމީ ހާލަތުތަކަށް ބަދަލު އަންނަން ފެށިއެވެ. އެއް ރިވާއެއްގައި، ރިވާކުރި މީހާ ބަޔާންކުރަނީ ވަލީދުގެ ޒަމާނުގައި ދެމީހަކު އެއް ތަނަކަށް ޖަމާވެއްޖެ ނަމަ ދައްކާއުޅޭ ވާހަކައަކީ ޢިމާރާތްތަކާއި ބަގީޗާތަކާއި ބެހޭ ވާހަކައެވެ. ސުލައިމާނު ބުނު ޢަބްދުލް މަލިކުގެ ޒަމާން އައި ހިނދު އާއްމުންގެ ތެރޭގައި އެންމެ ގިނަ، އަދި މަގުބޫލު ވާހަކައަކަށްވެފައި އޮތީ، ޝަހުވާނީ ކަންތައްތަކާ ބެހޭ ވާހަކަތަކެވެ. ނަމަވެސް ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ޒަމާން އައުމުން ދެތިން ހަތަރު މީހަކު އެއްވެއްޖެ ނަމަ ފެށެނީ ނަމާދާއި ރޯދައާއި ޤުރުއާން ކިޔެވުމުގެ ވާހަކައެވެ. މުސްލިމުނޫން މީހުންނަށް އޭނާގެ ވެރިކަމުގެ އަސަރު ފެނިގެން ދިޔަގޮތަކީ، ވެރިކަމުގެ ކުރުކުރު މުއްދަތެއްގެ ތެރޭގައި އެތައް ހާސް ބަޔަކު އިސްލާމްވެގެން އައުމެވެ. މިކަމުގެ ސަބަބުން ޖިޒީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ވަރަށް ބޮޑު ބައެއް އުނިވެގެންދިޔައެވެ.

އެދުވަސްވަރު އިސްލާމުންނާ އެންމެ އިދިކޮޅު ޤައުމަކީ، ރޯމަން އެމްޕަޔަރެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒާއި މެދު އެބައިމީހުންގެ ޚިޔާލު ހުރިގޮތް އެންމެ ސާފުކޮށް އެނގެނީ، އެބައި މީހުންގެ އެންމެ މަތީ ވެރިޔާ ޚުދު ގައިސަރުގެ ބަސްފުޅުންނެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާއެކު، ގައިސަރު ވިދާޅުވިކަމަށް ތާރީޚުގައި ލިޔެވިފައިވެއެވެ. “ރާހިބަކު ދުނިޔެއަޅާ މީސްތަކުންނާއި ވަކިވެ އަޅުކަމާ މަޝްޣޫލުވެގެން އިނަސް އެއީ އަހުރެން އެކަމާ މެދު ހައިރާންވާ ކަމެއް ނޫނެވެ. ނަމަވެސް އަހުރެން ހައިރާންވަނީ، އެމީހެއްގެ ފައިދަށަށް މުޅިދުނިޔެ ދިޔަ ހިނދު، ދުނިޔޭގެ އެއްވެސް ބޭނުމެއްނެތި، ދެރަ ފަގީރެއްގެ ދިރިއުޅުން ހޭދަކުރި މީހާއާ މެދުގައެވެ.”

ހިޖުރީ އެއްވަނަ ގަރުނުގެ މުޖައްދިދު، ސައްޔިދުނާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒަށް، ވެރިކަމުގައި ހުންނަވަން ލިބިވަޑައިގަތީ، ހަމައެކަނި 2 އަހަރާއި 6 މަސް ދުވަހެވެ. މިދުވަސްކޮޅުގެ ތެރޭގައި، އޭނާ ގެނެސްދެއްވި އިސްލާހުތަކަކީ ސޮސައިޓީއަށް ގެނެވުނު އިންގިލާބެއް ފަދަ ކަމެކެވެ. ދައުލަތާއި މުޖުތަމައަށް އޭނާ ގެނެސްދެއްވި އިސްލާހުތަކުގެ އަސަރު ފެނިގެންދިޔަ ގޮތް، މިޒަމާނުގެ މަޝްހޫރު އިލްމުވެރި ލިޔުންތެރިޔަކު އިބާރާތް ކުރައްވާފައިވަނީ، ތިރީގައިވާ ފަދައިންނެވެ.

“ސައްޔިދުނާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒު، އޭނާގެ ވެރިކަމުގެ ދައުރުގައި، ގެނެސްދެއްވި އިސްލާހުތަކާ ވެރިކަމުގެ އުސޫލު ބަދަލުކޮށް އިސްލާހުކުރައްވައި، ސަރުކާރުގެ މައްޗަށް އިސްލާމީ ޝަރީޢަތް، އަމަލީ ސިފައެއްގައި ހިންގާލުމަކީ، އެކަމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކާއި މާލީ ދަތި މަސްއަލަތައް ކުރިމަތިވެ، ހައްލުނުކުރެވޭނެ އުނދަގޫ އައު މަސްއަލަތަކަކާ ދައުލަތަށް ކުރިމަތިލާންޖެހޭނެ ކަމެއް ކަމުގެ ބިރު، އެދުވަސްވަރު މީސްތަކުންގެ ހިތްތަކަށްވަދެފައި އޮތެވެ. މިބަހަނާއަކީ، ދީނާ ދެކޮޅުވެ، ސަރުކާރު ހިންގުމާ، ދިރިއުޅުމުގެ އުސޫލުތައް އިސްލާމީ ހުކުމްތަކާ އެއްގޮތަށް ބަދަލުކޮށްލުމާ މެދު އިއުތިރާޒުކުރާ މީހުންނާއި، އަދި ދީނާއި ސިޔާސަތު ވަކިކޮށް ދެ އެއްޗަކަށް ހަދާފައި ބޭއްވުމަށްގޮވާ މީސްތަކުން، ހުރިހާ ޒަމާންތަކެއްގައި ވެސް ދައްކައިއުޅޭ ބަހަނާއެވެ. އެދުވަސްވަރު ސައްޔިދުނާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ހުންނެވީ، ކުރިމަތިވެދާނެ ކަމަށް ޚިޔާލުކޮށް ބިރުވެތިވެގެން އުޅުނު، މާލީ ގެއްލުންތަކާއި ދަތިތަކާ، އަދި ދައުލަތަށް ކުރިމަތިވެދާނެ ކަމަށް ލަފާކުރި ހައްލުނުކުރެވޭ މަސްއަލަތަކާ ކުރިމަތިލެއްވުމަށް ފުރިހަމަ ހިތްވަރާއެކު ތައްޔާރުވެވަޑައިގެންނެވެ. ޛިއްމީންގެ (އިސްލާމީ ވެރިކަމުގެ ދަށުގައިތިބޭ، ޣައިރު މުސްލިމުންގެ) ތެރެއިން ގިނަ އަދަދެއްގެ މީހުން އިސްލާމްވަމުންދާތީ، އެމީހުންގެ އަތުންލިބޭ ޖިޒީ ކެނޑި ދައުލަތައް ލިބޭ އާމްދަނީ މަދުވެދާނެ ކަމުގެ ބިރު އިހުސާސު ކުރެއްވި އާމިލަކަށް ލިޔުއްވި ސިޓީއެއްގައި އެންގެވިއެވެ. “ހުރިހާ ޛިއްމީން އިސްލާމްވެ އެމީހުންގެ އަތުންލިބޭ ޖިޒީ ކެނޑި ދައުލަތުގެ މާލިއްޔަތުގައި ޢުމަރު ބުނު ޢަބްދުލް އަޒީޒުގެ ޚަރަދު ބެލެހެއްޓޭނެ ފަދައެއް ނެތި ހިނގައްޖެ ނަމަ، ގޮވާންކުރައްވައިގެން އަމިއްލަ މަސައްކަތުން ލިބޭތަކެތި ފަރިއްކުޅުއްވައި ހެއްދެވުމަކީ، އޭނާ އުފާކުރައްވާ ކަމެކެވެ.”

އިސްލާމީ ހުކުމްތައް ހުރިގޮތަށް ހިންގަވާލެއްވުމަށް ހުރަސްއެޅޭ އެއްވެސް މަސްލަހަތެއް ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ކުރިފުޅުމަތީގައި އޮތްކަމަކަށް ނުހެއްދެވިއެވެ. ކުރިމަތިވެދާނެކަމުގެ ބިރުދެއްކެވި އިގުތިސާދީ ދަތިތަކާ، މެދުވެރިވެދާނެ ކަމަށް ލަފާކުރި ދައުލަތުގެ ހައްލުނުވެވޭނެ މަސްއަލަތަކާ މެދު އެއްވެސް ސިހުމެއް ނެތި، ހުރިހާ ކަމެއްގައި ހުރިހާ ރޮނގެއްގައި އިސްލާމީ އުސޫލުތަކާއި ޙުކުމްތައް ތަންފީޒުކޮށްލެއްވިއެވެ. ނަތީޖާއަކީ ޚިޔާލުކުރި އެއްވެސް ދައްޗެއް ކުރިމަތިވުމެއް ނެތި ހުރިހާ ކަމެއް ހަމަޖެހި، ރައްޔިތުންގެ މެދުގައި ތަނަވަސްކަމާއި ތިޔާގިކަން ފެތުރިގެންދިޔުމެވެ.

މިހާތަނަށް އެއްވަނަ ގަރުނުގެ މުޖައްދިދު ސައްޔިދުނާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ވާހަކަތައް ކުރުކޮށް، ފަހުގެ ގަރުނުތަކުގެ މައްޗަށް ނަޒަރު ހިންގަވާލައްވާށެވެ. އިސްލާމީ އުއްމަތް އަބަދުވެސް އޮންނަނީ، މުސްލިހުންނާއި، މުޖައްދިދުންގެ އަގުހުރި ޚިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭ ގޮތެއްގައި ކަން ފާހަގަކޮށްލުމަށްޓަކައެވެ.

ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ވެރިކަމުގެ ދައުރު ނިމިގެންދިޔުމަށް ފަހު، ދެން އަނެއްކާވެސްއައީ “އިސްލާމީ ވެރިކަމެއްގެ ބަދަލުގައި، “މުސްލިމުންގެ ވެރިކަމެއް” ތަމްސީލުވެގެންދިޔަ ދައުރުތަކެކެވެ. އުމަވީ ޚިލާފަތާ އައްބާސީ ޚިލާފަތުގައި ވެސް ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ފަދަ މިސާލެއް ނުފެނި، ހިޖުރީ ގަރުނުތައް ފާއިތުވެގެން ދިޔައެވެ. ހިޖުރައިން 2 ވަނަ ގަރުނާއި 3 ވަނަ ގަރުނުގެ ތެރޭގައި ވެސް އަދި 4 ވަނަ ގަރުނާއި 5 ވަނަ ގަރުނުގެ ތެރޭގައި، ދީނީ މުޖައްދިދުންގެ ޚިދުމަތްތައް މެދުނުކެނޑި ލިބެމުންދިޔަ ނަމަވެސް، ވެރިކަން ހިންގަމުން އައީ “މުސްލިމުންގެ ވެރިކަމެއްގެ ނަމުން ގަސްދުކުރެވެ މާނަޔާ ގުޅޭ ސިފައެއްގައެވެ. ޔައުނީ ސިޔާސީ ކަންތައްތަކާއި އިގުތިސާދީ ކަންތައްތަކާއި އިޖުތިމާއީ ކަންތައްތަކުގައި، އިސްލާމީ ޙުކުމްތަކުގެ ރޫހާއި މަގުސަދު އަމާޒަކަށް ބަލައިގެން، އިސްލާމީ ޙުކުމްތައް އަމަލީ ގޮތެއްގައި ހިންގާލުމަށްވުރެ ބޮޑަށް، ޚާންދާނީ ވެރިކަމެއްގެ މަސްލަހަތާއި ޒާތީ އެދުންތަކުގެ މަސްލަހަތާއި، ދުނިޔޭގެ ސިޔާސީ ފައިދާތައް އަމާޒަކަށް ހަދައިގެން، މުސްލިމުންގެ ނަމުގައި ތިބި ބަޔަކު ހިންގި ވެރިކަމުގެ ދައުރުތަކެކެވެ. “އިސްލާމީ ވެރިކަމެއް” ގެ ނަމުން ގަސްދުކުރެވެނީ ސިޔާސީ، އިގުތިސާދީ، އަދި އިޖުތިމާއީ ހުރިހާ ކަމަކާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި، އިސްލާމީ އުސޫލުތަކާއި، ޝަރުއީ ހުކުމްތައް، އަމަލީ ސިފައަކަށް ގެނައުން، ދައުލަތުގެ ސިޔާސަތާއި ޕޮލިސީކަމުގައި ހެދި، އާއްމު މަސްލަހަތާއި ފައިދާއާއި އަދި ދައުލަތް ސަރުކާރުގެ މަސްލަހަތުވެސް އޮތީ، އެގޮތަށް ވެރިކަން ހިންގުމުގައި ކަމަށް ހަދާ ވެރިކަމެވެ.

ގަބޫލުކުރަންޖެހޭ ތެދު ހަގީގަތެކެވެ. އިސްލާމީ ތާރީޚުގައި ވޭތުވެގެންދިޔަ ސާދަ ގަރުނަށް ބަލާއިރުވެސް، އަގުހުރި މޮޅު ޖަވާހިރުތަކާއި ތަކެއްޗަކީ، ފެނުން މަދު، ލިބުންދަތި އެއްޗެތި ކަމަށް ހިމެނޭ ފަދައިން ނަމޫނާކަމަށްބެލެވޭ “އިސްލާމީ ވެރިކަމުގެ” ދައުރުތައް ވަރަށްވެސް މަދެވެ. ނަމަވެސް އެތައް ގަރުނެއްގެ ފަހުން، އެފަދަ ވެރިކަމުގެ ނަމޫނާއެއް ފެނުނަސް، އޭގެ ލާބަޔާއި ބަރަކާތް، ފަހުން އަންނަ އެތަކެއް ގަރުނަކަށް ދެމިގެންދެއެވެ. އެފަދަ ދައުރުތަކަށް އާއްމުންގެ ހިތްތަކުގައި އުފެދޭ ޝައުގުވެރިކަމާއި ލޯބި، ތާޒާ ކަމާއެކު ދެމިހުރެއެވެ. އަލުން އެފަދަ ދައުރުތައް ދުށުމަށް އެދޭ އެދުންތަކާއި ކުރެވޭ އުއްމީދުތަކާއި، އާއްމު ހިތްތަކުގެ ޝައުގުވެރިކަން، ފައުޅުކުރެވެމުންދެއެވެ. ހުރިހާ އިރެއްގައި، ހުރިހާ ތަނެއްގައި، ހުރިހާ ޒަމާނެއްގައި ވެސް މިކަންއޮތީ މިގޮތުގައެވެ. އާދޭހެވެ! އިސްލާމީ އުއްމަތް އަބަދުވެސް އޮންނަނީ އިސްލާމީ ހަޔާތަކަށް އެދިއެދިއެވެ. އިސްލާމީ ގިޔާދަތަކަށް އުއްމީދު ކޮށްކޮށެވެ. އިސްލާމީ ވެރިކަމެއް، ހަގީގަތުގައި ދުނިޔެއިން ދުށުމަށް އިންތިޒާރު ކޮށްކޮށެވެ.

ހިޖުރައިން 2 ވަނަ ގަރުނުގައި އިސްލާހީ މަސައްކަތްތަކުގައި، އަލްހަސަނުލް ބަސަރީގެ ހިއްމަތާއި މިންނަތް ފާހަގަކޮށްލެވެއެވެ. އެދުވަސްވަރަކީ، އަލްހަސަނުލް ބަސަރީގެ އިތުރުން، ދީނަށްގޮވާ ވަޢުޡުބުނެހަދާ އެތައް ބަޔަކު އުޅުނު ޒަމާނެކެވެ. ނަމަވެސް އެ އެންމެންގެ ތެރެއިން އަލްހަސަނުލް ބަސަރީ، ދީނީ މުސްލިހެއްގެ ގޮތުން ފާހަގަކޮށްލެވުނެވެ. އޭނާގެ އިސްލާހީ މަސައްކަތުގައި، އެދުވަސްވަރު، އެކިއެކި ޚަލީފާއިންގެ އަރިސްކަން ލިބިގެން އިސްލާމީ އުއްމަތުގެ ތެރެއަށް ފެތުރިގެންދިޔަ މުނާފިގުންނާއި ނިފާގުކަމުގެ މައްޗަށް ސަމާލުކަން ދެއްވިއެވެ. އަދި ސީދާ ޙަމަލަތައް ދެއްވިއެވެ.

އުމަވީ ދައުލަތް ނިމި އައްބާސީ ޚިލާފަތު ފެށުމާއިއެކު ވެސް، ވެރިކަމުގެ ނިޒާމަކަށް އަދި ސިޔާސީ ނިޒާމަކަށް ވެސް މާބޮޑު ބަދަލެއް ނާދެއެވެ. ހަމައެކަނި ވެރިކަމުގެ އާއިލާ ބަދަލުވެ ޢަޖަމީ ރޫހު ފެތުރިގެން ގޮސްފައި އޮތުން، މިދައުރުގެ ޚާއްސަކަމަކަށް ފާހަގަކުރެވުނެވެ. އަދި ގުރީކު ފިލޯސަފީ އަރަބިބަހަށް ތަރުޖަމާކުރެއްވި، ސުރިޔާނީ ބަހުންނާއި، ހިންދީ، އަދި ފާރިސީ ބަހުންހުރި ފަލްސަފާގެ ލިޔުންތަކާ އެނޫން ވެސް ބައެއް ރޮނގުތަކުގެ އިލްމީ ފޮތްތައް ތަރުޖަމާވެ، މީސްތަކުންގެ ތެރެއަށް ޝާއިއުވުމުން، އިތުރު ފިތުނަތަކެއް އުފެދިގެން ދިޔައެވެ. އައްބާސީ ޚަލީފާއިންގެ ޒަމާނަކީ، މުސްލިމް އަންބަރާޠޫރިއްޔަތު އެންމެ ބޮޑުވެ، ރަށްވެހިކަމާއި އިލްމީ ތަރައްގީގައި، މުޅި ދުނިޔޭގެ މައްޗަށް މުސްލިމުންގެ ބާރާއި ނުފޫޒު ވެރިވެފައި އޮތް ދުވަސްވަރެކެވެ.

ފާއިތުވެ ދިޔަ ހިޖުރީ ގަރުނުތަކުގެ މުސްލިހުންނާއި، ދީނީ މުޖައްދިދުންގެ ވާހަކަތައް ކުރުކޮށް ނިންމާލާއިރު، ހިޖުރައިން 5 ވަނަ ގަރުނުގެ ތެރޭގައި އުޅުއްވި، އިމާމު ޣަޒާލީގެ ވާހަކަ، ކިތަންމެ ކުޑަގޮތަކަށް ނަމަވެސް ދަންނަވާ ނުލައި ކުރިޔަށް ދިޔުން ދައްޗެވެ.

އިމާމު ޣަޒާލީއަކީ ޚުރާސާނުގެ ބޭކަލެކެވެ. އެއީ އީރާނުގެ އުތުރުގައި އޮންނަ ތަނެކެވެ. މިހާރު އެތަނަށް ކިޔާއުޅޭ ނަމަކީ މުޝްހަދެވެ. އިމާމު ޣަޒާލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ހިޖުރައިން 450 ވަނަ އަހަރުގައެވެ. ތައުލީމު ހޯއްދެވުމުގެ ދައުރުތަކަށް ފަހު އިމާމު ޣަޒާލީ އުޅުއްވީ ކިޔަވައިދެއްވުމުގެ މަސައްކަތުގައެވެ. އިރާގުކަރައިގެ ބަޣުދާދުގައެވެ. ޣަޒާލީ އިމާމުގެ ދުވަސްވަރަކީ، ދީނީ އިލްމަށްވުރެ އެހެނިހެން ބާވަތް ބާވަތުގެ އިލްމުތައް ކުރިއަރާފައިވާ ދުވަސްވަރެކެވެ. ދީނީ އިލްމުގެ އަގު ދެރަވެފައިވާ ދުވަސްވަރެއްމެއެވެ. ޣަޒާލީގެ އިސްލާހީ މަސައްކަތުގެ ބޮޑުބައި އޮތީ އިލްމީ ރޮނގުގައެވެ. އޭނާ ލިޔުއްވި، އިޙްޔާއު ޢުލޫމުއްދީނުގައި، ދީނީ އިލްމު ދިރުއްވެވުމަށް ވާހަކަތައް ލިޔުއްވާފައި ވެއެވެ.

ޣަޒާލީގެ ދުވަސްވަރުގައި އޮތް، ސަރުކާރުތަކަކީ، އަމިއްލަ މުސްތަބިއްދު ސަރުކާރުތަކެކެވެ. ރަސްރަސްކަލުންނާއި އެކިއެކި ވެރީންގެ ސިޔާސަތަށް ތަންގީދުކޮށް އެމީހުން ގެންގުޅޭ މުދަލާއި ފައިސާއާއިމެދު އެއްޗެއްބުނެ، ކުރާކަންތައްތަކާއި ބެހިއުޅުމަކީ ނުރައްކާތެރިކަމެކެވެ. ބައެއް ފަހަރަށް ފުރާނަގެއްލި އަދި އަނެއްބައި ފަހަރަށް ހައްޔަރުވުމާއި، އިހާނެތި ވޭންދެނިވި އުގޫބާތްތަކަށް ހުރަހެޅޭ ކަމެކެވެ. ނަމަވެސް ޣަޒާލީ އިމާމުގެ ލިޔުއްވުންތަކުގައި، ވެރިންނާއި ޢިލްމުވެރިންނާއި މެދު ނުހަނު ސާފު ތަންޤީދީ ބަސްތައް ލިޔުއްވައެވެ.  އިޙްޔާއު ޢުލޫމުއްދީން، މި ފޮތުގެ 2 ވަނަ ޖިލްދުގެ 132 ވަނަ ސަފުހާގައި ލިޔުއްވާފައި އޮތް، “ޖުމުލަކޮށް ބަލާއިރު ރައްޔިތުން ފާސިދުވެގޮސްފައި ވަނީ، ރަސްރަސްކަލުން ނުބައިވެ ފާސިދުވެގެން ދިޔުމުންނެވެ. ރަސްރަސްކަލުން ނުބައިވެ ފާސިދުވެގެން ދިޔައީ ޢިލްމުވެރިން ފާސިދުވުމުންނެވެ. ނުބައި ގާޒީންނާއި ނުބައި އިލްމުވެރިން ނެތް ނަމަ ވަރަށް މަދު ހާލަތެއްގައި މެނުވީ، ރަސްރަސްކަލުން ފާސިދުވެގެންނެއް ނުދާނެއެވެ. އިލްމުވެރިން ދެކޮޅުވެދާނެތީ ރަސްރަސްކަލުން ބިރުވެތިވާ ކަމަށްޓަކައެވެ.”

ކޮންމެއަކަސް އިމާމު ޣަޒާލީއަކީ، ޢިލްމީ ރޮނގުގައާއި ސިޔާސީ ރޮނގުގައާއި، އަދި އިޖުތިމާޢީ ރޮނގުން އާދަޔާ ޚިލާފު އިސްލާހުތަކެއް ގެންނެވި ދީނީ މުޖައްދިދެކެވެ. އޭނާގެ އިލްމީ ޚިދުމަތްތައް އަދިއަދާއި ޖެހެންދެން އިސްލާމީ ދުނިޔެއަށް ލިބިދެނީ ބޭނުންތެރި ފައިދާތަކެކެވެ. ދީނަށް ގެނެސްދެނީ އާ ދިރުމެކެވެ. ދީނީ ޢިލްމަށް މީސްތަކުންގެ ހިތްތަކުގައި އިތުބާރާއި ގަދަރެކެވެ.

ޣަޒާލީ އިމާމަށްފަހުގައިވެސް އެކިއެކި ގަރުނުތަކުގައި އިސްލާމްދީނަށް ދިރުން ގެނެސްދެއްވި މުޖައްދިދުން ފެންނަމުން އައެވެ. މިހާރުގެ 14 ވަނަ ގަރުނާއި ޖެހެންދެނެވެ. އަޅުގަނޑުމެންނަށް ކުރިމަތިލެވޭ ފަނަރަވަނަ ގަރުނަކީވެސް އިސްލާމީ އުއްމަތަށް އާދިރުމެއް ލިބުން ނިހާޔަތަށް ބޭނުންވެފައިވާ ދުވަސްވަރެކެވެ.

އާދެ! މިއަދުގެ އިސްލާމީ ދުނިޔެއަކީ، ދުނިޔޭގެ ގައުމުތަކުގެ މެދުގައި، ކޮންފަދަ ނިކަމެތި ހާލުޖެހިފައިވާ ބައެއްތޯއެވެ؟ އިސްލާމީ އުއްމަތަކީ މިއަދު ވަކި އުއްމަތެއްގެ ގޮތުން ދުނިޔޭގައި އޮތް އުއްމަތެއްބާވައޭ ހިތްތަކުގައި ސުވާލު އުފެދެއެވެ. ތެދެކެވެ. ނަމުގައި ވިޔަސް އިސްލާމްދީނަށް ނިސްބަތްވާ 907 މިލިޔަނަށްވުރެ ގިނަ އިންސާނުން ދުނިޔޭގައި އުޅެއެވެ. އިސްލާމީ ގައުމުތަކެއްގެ ނަމުގައި މިނިވަން 48 ގައުމު މިއަދުގެ ދުނިޔޭގައި އެބައޮތެވެ. އެބައިމީހުން ދިރިއުޅޭ ބިންތަކަކީ، ގުދުރަތީ އާމްދަނީގެގޮތުން ދުނިޔޭގެ ބިންތަކުގެ ތެރެއިން އެންމެ މޮޅު އެންމެ މުއްސަނދި ބިންތަކެވެ. އެބައި މީހުންގެ ބިންތަކުގައި، މިއަދުގެ މެޝިންތަކުގެ ދުނިޔޭގެ ލޭކަމަށް ހިމެނޭ “ކަޅުރަނު”ގެ ނުވަތަ ތެލުގެ ތިޔާގިކަން އޮތީ ދުނިޔޭގެ އެހެން އެއްވެސް ބައެއްގެ އަތުގައި ނެތް ފަދަ މިންވަރަކަށެވެ. މިފަދަ ހުރިހާކަމެއް މިހެން ހުރުމާއެކު ވެސް، އެބައި މީހުންނަކީ، ހަމައެކަނި ނަމުގައި މިނިވަން ކަމެއް ލިބިފައިވާ ބައެއް ކަމަށް ދެންނެވިދާނެއެވެ. އެބައި މީހުންނަކީ އިގުތިސާދީ ގޮތުން ފުރިހަމަ މިނިވަން ބަޔަކަށް ނުހިމެނެއެވެ. އެބައިމީހުންގެ އިޖުތިމާއީ ހަޔާތުގެ ބާރުތައްވަނީ ރޫޅިގޮސްފައެވެ. އެއްވެސް ކަމެއްގައި އެއްބަސްވެ އެކައްޗަކަށްވެވޭ ދެގައުމެއް ނޯވެއެވެ. އެއްގައުމެއްގައި އެކުވެރިކަމާއި އެކުލެވުން އޮންނަ ދެޕާޓީއެއް ނޯވެއެވެ. އަމިއްލަ ޒާތީ މަސްލަހަތުތަކާއި އާއިލީ ފައިދާތައް ފިޔަވައި އަދި އަމިއްލަ ޕާޓީގެ މަސްލަހަތުނޫން އެއްޗަކަށްޓަކައި ހަރަކާތްތެރިވާ ބަޔަކު ނުވަތަ މީހަކު ނޫޅެއެވެ. ބޭރުގެ ބާރުގެ ބާރުތަކާއި ނުފޫޒުތައް އެބައިމީހުންގެ ތެރެއަށް ވަދެ، ގައުމުތައްވަނީ ބޭރުމީހުނަށް ވިކި، އަޅުވެތިވެފައެވެ. މިނިވަންކަމުގެ އިހުތިފާލުތައް ފިޔަވައި، މިނިވަންކަމުގެ އަސަރެއްވެސް ނެތެވެ. އާއްމު ރައްޔިތުންނަށް  ލިބޭ ހަގީގީ ތަނަވަސްކަމާއި މިނިވަންކަމުގެ ރަހައެއް، ވަހެއް ވެސް ނޯވެއެވެ. ފަގީރުކަމާއި ޖާހިލުކަމާއި، ރަށްވެހިކަމުގެ ރޮނގުން ދަށްކަމުގައި އެބައި މީހުންނަށް މިއަދުގެ ދުނިޔޭގައި ލިބެނީ 1ވަނައެވެ. ދާޚިލީ ހަމަނުޖެހުންތަކާއި ފިތުނަތަކާއި ވެރިކަމުގެ އިންގިލާބުތައް އައުމުގައި މިއަދުގެ އިސްލާމީ ގައުމުތަކަކީ ހޮވާލެވޭ މިސާލެކެވެ. ދީނީ އީމާނާއި އަމަލުތަކަށް ބެލިޔަސް އިސްލާމީ ކުލައާއި އަސަރުތައް ފަނޑުވެ ހުލިވެފައިވަނީ އޭގެ އެންމެ ދަށު ދަރަޖައަށޭ ދެންނެވިޔަސް ކުށަކަށް ނުވާނެއެވެ. އައު ޖީލުތަކުގެ ޒުވާން ދަރިން ދީނަށް ނިސްބަތްވެގެން އުޅުމަށްވެސް ލަދުވެތި ކަމެއް އިހުސާސްކުރެއެވެ. ދީނީ މައިގަނޑު އިއުތިގާދުތަކާއި  މެދު ހިތުގައި އުފެދިފައިވާ ޝައްކުތަކާއި، ހިތްހަމަނުޖެހުންތައް ބައެއް މީހުން ފާޅުގައި ދުލުން ބަޔާންކޮށް ވެސް ހަދައެވެ. މުންކަރާތްތައް، ޚާއްސަކޮށް ޖިންސީ ނަހަމަ ގުޅުންތަކާއި ޚިޔާނަތްތަކާއި ފައިސާގެ ހީލަތްތަކާއި، ރިޝްވަތު ދިނުމާއި ހިފުމާއި ދޮގު ހެދުމާއި ދޮގުހެކި ދިނުމާއި، މިނެކިރުމުގައި ހީލަތްތައްހެދުން ފަދަ، އެކަންކަން ފެތުރިގެން ދިޔުމުން އުއްމަތަށް ލިބޭ ގެއްލުންތަކާއި މެދު ޤުރްއާނާއި ހަދީޘުގެ ނައްސުތައް ފެންނާންހުރި އިޖުތިމާއީ ބަލިތައް މިއަދުގެ އިސްލާމީ ދުނިޔޭގެ، ކޮންމެ މުޖުތަމައެއްގެ ތެރޭގައި ފެތުރި އާއްމުވެފައިވަނީ ބިރުވެތިވާންޖެހޭ ފަދަ ދަރަޖައަކަށެވެ. އިސްލާމީ ފުރަތަމަ ގިބުލަ، މަސްޖިދުލް އަޤްޞާއާއި ބައިތުލް މަޤްދިސް ވަނީ، ބޭރުބައެއްގެ އަތްދަށުގައެވެ. އިސްލާމީ އުއްމަތްވަނީ ތަފާތު ޒަމްތަކަކަށް ނިސްބަތްވާ ވަކިވަކި އެތައް ގައުމަކަށް ބެހި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުފޫޒުގެ ދަށަށްގޮސްފައެވެ. އާދޭހެވެ! ހިޖުރީ 15 ވަނަ ގަރުނަށް އިސްލާމީ އުއްމަތްކުރިމަތިލާއިރު، ހަގީގީސިފައެއްގައި އިސްލާމީ އުއްމަތެއް ދުނިޔޭގައި ވޭބާވައޭ ހީވެއެވެ. އިސްލާމީ މިއްލަތުގެ ވުޖޫދެއް، އޮތްކަމާއިމެދު ޝައްކުކުރެވޭ ހިސާބަށް ހުރިހާކަމެއްވަނީ ބޮއްސުންލާފައެވެ.

މިފަދަ ގޮތެއްގައި ހާލަތު މެދުވެރިވެފައިވަނިކޮށް ހިޖުރީ 15 ވަނަ ގަރުނު ފެށެނީއެވެ. މުޅިދުނިޔޭގެ މުސްލިމުން އެދުވަސް ޚާއްސަ މުނާސަބަތެއްގެ ގޮތުން ފާހަގަކުރުމަށް ކުރިމަތިލަނީއެވެ. މީގެކުރިން ދުވަހަކުވެސް ފާހަގަނުކުރެވޭ ފަދަ އާދަޔާއި ޚިލާފު ކުލަގަދަ ގޮތެއްގައެވެ. ކަމުގެ ތެރޭގައި އިސްލާމީ ޚާލިސް ނަޒަރަކުން ބަލާއިރު މުޅީން ހިތްހަމަޖައްސާނުލެވޭ ބައެއް ކަންތައް ހުރިކަމަށް ވިޔަސް މުޅި އިސްލާމީ ދުނިޔެ ވަރުގަދަ އެއް ހަގީގަތެއް ބަޔާންކޮށްދިނުމަށް މިއަޅަނީ އަގުހުރި މުހިއްމު ފިޔަވަޅެކެވެ. މުޅި ދުނިޔޭގެ ހުރިހާ މުސްލިމުންނަކީ އެއް އުއްމަތެއްގެ މީހުންކަން ދުނިޔެއަށް ހާމަކޮށްދެނީއެވެ. އެންމެން އެގޮތެއްގައި އީމާންވާ އިލާހީފޮތް ކީރިތި ގުރުއާނުގައި ގައުމުތަކާއި، އުއްމަތް ކަނޑައަޅުއްވާލައްވާ ނަޒަރިއްޔާ އަމަލީ ސިފައަކަށް ގެނައުމަށް މަސައްކަތެއް ކުރެވެނީއެވެ. إن هذه أمتكم أمة واحدة (ކަލޭމެންގެ މިއުއްމަތަކީ ހަމަކަށަވަރުން އެއް އުއްމަތެކެވެ،) އަންގަވާ މިއްލީ ނަޒަރަކީ ކޮންމެ ރަށެއްގައި އުޅުނަސް، ކޮންމެ ނަސްލަކަށް ނިސްބަތް ވިޔަސް، ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް، މުސްލިމުންގެ ގައުމީ ނަޒަރިއްޔާކަން ފާހަގަކުރަން ފެށެނީއެވެ. މިޒަމާނުގެ ދުނިޔޭގެ މީސްތަކުންގެ މެދުގައި އެއަށް ތަރުހީބުދެވޭ ގައުމިއްޔަތުގެ އަސްލުތައް ކަމަށް ބެލެވެނީ، އެންމެން އީމާންވާ މައިގަނޑު އަގީދާނޫން ކަންތައްތަކެއް ކަމަށް ބެލެވިފައިވިޔަސް އިސްލާމީ އުސޫލުގައި ގައުމިއްޔަތުގެ މައިގަނޑު އަސްލެއްކަމަށް ހިމެނިފައިވަނީ، އީމާނާއި އަގީދާކަން ބަޔާންކޮށްދެވެނީއެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ އިސްލާމީ މިއްލަތުގެ ވުޖޫދު އޭގެ ހަގީގީ ސިފައިގައި އޮތްކަން އިއުލާނު ކުރެވެނީއެވެ.

އިސްލާމީ އުއްމަތް ހިޖުރީ 15 ވަނަ ގަރުނަށް ކުރިމަތިލާއިރު މުޅި އުއްމަތް އިންތިޒާރު ކުރަނީ، އިލާހީ ރަހްމަތަކަށެވެ. އުއްމަތަށް ކުރިމަތިވެފައިވާ އުނދަގޫ ދަތި މަސްއަލަތައް ހައްލުވެ މީސްތަކުންގެ ހިތްތަކުގައި ބަލިކަށިވެ ދެރަވެގެންދާ އީމާންކަމާ، ހުލިވެ އުވެމުންދާ ދީނީ ރޫހު އަލުން ދިރި އާވެގެން ދިޔުމުގެ ހެއު އެދުންތަކާއި އެކުގައެވެ. މުޅި އުއްމަތް އެދި ގޮވަނީ އުއްމަތުގެ ކަންތައްތައް އިސްލާހުކޮށްދީ  ބޭރު މީހުންގެ އަޅުވެތިކަމާއި ދުޝްމަނުންގެ ނުރައްކާތެރިކަމުން އުއްމަތް ސަލާމަތްކޮށްދޭނެ އުއްމަތުގެ ލީޑަރަކަށެވެ. ދެވަނަ ސަލާހުއްދީނުލް އައްޔޫބީއަކަށެވެ. ބައިނަލްއަގުވާމީ ދުނިޔޭގައި އިސްލާމްދީނުގެ އަގާއި އިސްލާމީ އުއްމަތުގެ ގަދަރު ހިފަހައްޓައިދޭނެ ދީނީ މުޖައްދިދަކަށެވެ. 15ވަނަ ގަރުނު ފެށޭއިރު މުޅި އިސްލާމީ އުއްމަތުގެ ހެޔޮ އުއްމީދުތައް، ޝައުގުވެރި އެދުންތައް، ގުޅިފައިވަނީ އިސްލާމީ އުއްމަތް ދުނިޔޭގައި އަލުން މަތިވެރި މަގާމަކަށް ގެންގޮސްދޭނެ މުޅި އުއްމަތުގެ ޒަޢީމަކަށެވެ.ސާދަ ވަނަ ގަރުނު ނިމިގެންދާއިރު އިސްލާމީ ދުނިޔޭގެ އައުދިރުމެއް، އައު ހޭލުމެއް ފެށިގެންދާކަން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އިސްލާމްދީނުގެ ދުޝްމަނުންވެސް އިހުސާސްކުރަން ފަށައިފިއެވެ. އާޒުވާނުންގެ ތެރޭގައި ދީނީ ޢިލްމު ކުރިއެރުވުމާއި އިސްލާމީ އުއްމަތް މިނިވަންކުރުމުގެ ރޫހު ހިނގައިގެންފިއެވެ. އިސްލާމީ ދުނިޔޭގެ ބައެއް ތަންތާނގައި އިސްލާމީ އިންގިލާބު ގެނައުމަށް ފާޅުގައި ޖިހާދު ކުރަންފަށައިފިއެވެ. ކައިރި މުސްތަގުބަލެއްގައި މުޅި އިސްލާމީ ދުނިޔެއަށް އިސްލާމީ އައު ހޭލުމުގެ އަސަރުތައް ވެރިވެގެންދިޔުމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. 15ވަނަ ގަރުނުގެ އައު މުޖައްދިދެއްގެ ފައުޅުވުން ފެނިގެން ދިޔުމުގެ އަލާމާތްތައް ފާހަގަ ކުރެވޭން ފަށައިފިއެވެ. ހުރިހާ އިސްލާމީ ގައުމުތަކެއްގައި ހެން އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެމަތިން އަމަލީ ގޮތުން ހިންގާލުމަށް އެދެވޭން ފަށައިފިއެވެ. އަޅުގަނޑުމެންނަކީ ވެސް ކިތަންމެ ކުޑަ ނަމަވެސް އިސްލާމީ އުއްމަތަކަށް ނިސްބަތްވާ ގައުމެއްގެ ގޮތުން، އިސްލާމް ދީނާއި ގުޅޭ ރައްޔިތެއްގެ ގޮތުން، އިސްލާމީ ހޭލައިގަތުމުގައި، ހިއްސާކުރާން ބޭނުމެވެ. އަޅުގަނޑުމެންގެ ގައުމުގެ ޒުވާނުން ވެސް މުސްލިމް ގައުމެއްގެ ގޮތުން މާޒީގެ ދުވަސްތަކުގައި ބޭރުގެ އަޅުވެތިކަމުން ގައުމު މިނިވަންކުރި ފަދައިން، ދީނުގެ ދުޝްމަނުންގެ ކިބައިން ވަތަން ސަލާމަތްކުރިފަދައިން، މިއަދުގެ ދަރިން ވެސް އެބައި މީހުންގެ ވާޖިބުތައް އަދާކުރުމަށް ކުރިމަތިލާންވީއެވެ. ގައުމުގެ ހަމަނުޖެހިފައިވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށް، ދީނީ ރޮނގުން ތަނަށް ވެރިވެފައިވާ ޖާހިލުކަމާއި ނިކަމެތިކަން، ދެރަކަމާއި އުނިކަން، ނެއްތާލުމަށް މިފަނަރަ ވަނަ ގަރުނުގެ ފެށުމާއެކު، އައުޖޯޝަކާއިއެކު، ހިއްމަތާއިއެކު، މަސައްކަތް ފަށަމާ ހިންގަވާށެވެ. ކެރިގެން ތިބެ ޖިހާދުކުރުމަށް ނިކުންނަމާ ހިންގަވާށެވެ. ސިޔާސީރޮނގުންނާއި އިގުތިސާދީރޮނގުން އަދި އިޖުތިމާއީ ރޮނގުންނާއި ދީނީ އިއުތިގާދީ ރޮނގުން އިސްލާހުކުރަން ބޭނުންވެފައިވާ ހުރިހާ ކަންތައްތައް އިސްލާހުކުރުމަށް ކެރިގެންތިބެ ކުރިމަތިލަމާ ހިންގަވާށެވެ. ހިޖުރީ ފަނަރަވަނަ ގަރުނުގެ ފެށުމާއެކު މުޅިއިސްލާމީ ދުނިޔެ ހަރަކާތްތެރިވާ އައު ހޭލުމުގެ ހަރަކާތްތަކުގައި ބައިވެރިވަމާ ހިންގަވާށެވެ. ކީރިތިވަންތަ މާތް ﷲގެ ކިބައިން ނަސްރާއި ކާމިޔާބީގެ ވަރުގަދަ އުއްމީދުތަކާއި ހެޔޮއެދުންތަކާއެކުގައެވެ. މުއުމިނުންނަށް ލިބުން ހައްގުވެގެންވާ ނަސްރަކީ، އަޅުގަނޑުމެންގެ ވެސް ހައްގެއްކަމުގެ ވަރުގަދަ އީމާން އައުކުރަމުންނެވެ. وكان حقا علينا نصر المؤمنين.  

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top