އޭދަފުއްޓާ، ތުޅާދޫން ގޯތިދޫކުރައްވަން ރައީސް އިޢްލާން ކުރައްވައިފި

12744169_587889751376666_1018488152234311035_n-702x432.jpg

ބ. އޭދަފުށި. އީވީ ފައިލްފޮޓޯ

ބ. އަތޮޅުގެ އެންމެ އާބާދީބޮޑު ދެރަށްކަމުގައިވާ އޭދަފުއްޓާއި، ތުޅާދޫ ހިއްކިބިމުން ވަރަށް އަވަހަށް ގޯތި ދޫކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިޢްލާން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢްލާންކުރެއްވީ މިއަދު މެންދުރުފަހު ނ. ހެނބަދޫގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޕޭން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް މިހާރު އެންމެބޮޑަށް ދަތިވެފައިވާ މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަ ކަމަށާ، އެކަން ހައްލުކުރުމަށްޓަކައި ބ. އޭދަފުއްޓާ، ތުޅާދޫގެ އިތުރުން ނ. ވެލިދޫއާއި، ހިންނަވަރުން ވަރަށް އަވަހަށް ގޯތިދޫކުރައްވަން ތައްޔާރުވަމުންދާކަމަށެވެ.

“އެންމެބޮޑު އެއްކަމަކީ ހަމަ ބޯހިޔާވަހިކަމުގެ މައްސަލަ، ގޯތިގެދޮރުގެ މައްސަލަ. އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ގިނަރައްރަށެއްގައި ބިން އަޅުގަނޑުމެންނަށް ހިއްކުނު. އެރަށްރަށުން އަދިވެސް މިހާތަނަށް އޮތީ ރައްޔިތުންނަށް އޭގެފައިދާ ފަސޭހަ ލިބޭގޮތް ނުވެފައި. އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ އެރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައި އަދި ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންނަށް ގޯތިދޫކުރުމަށް ފެށުމަށް. އެގޮތުން ބ. އޭދަފުއްޓާ، ތުޅާދޫއާ، ވެލިދޫއާ އަދިވެސް ހިންނަވަރާ އަދިވެސް އެބަހުރި މިހެން ހިއްކިފައިހުރި. އެރަށްރަށުން ރައްޔިތުންނަށް ބޭނުންވާ ގޯތި ލަހެއްނުވެ އަޅުގަނޑުމެން ދޫކުރާނަން” ރައީސް ސޯލިހް ވިދާޅުވިއެވެ.

2010 ވަނައަހަރު ރައީސް ނަޝީދު ވެރިކަމުގައި ތުޅާދޫ ބިންހިއްކިނަމަވެސް އެރަށުން މިހާތަނަށް ގޯތި ދޫކޮށްފައެއް ނުވެއެވެ. ނަމަވެސް 2012 ވަނައަހަރު ފެށުނު 100 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް މަޑު ދުވެލީގައި އަދިވެސް ކުރިޔަށް އެބަދެއެވެ. އޭދަފުށީގެ ބިން ހިއްކީ 2014 ވަނައަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ. 2017، 2018 ވަނައަހަރުގެ ދައުލަތުގެ ބަޖެޓްގައި އޭދަފުށީގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ފައިސާ ހިމެނި ނަމަވެސް އެމަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއްނުވެއެވެ.

އޭދަފުއްޓާ ތުޅާދޫ ހިއްކިބިމުން ގޯތިދޫކުރަށްވާނެކަން ރައީސް އިޢްލާން ކުރެއްވިއިރު ތުޅާދޫގައި ޓާފް ބޮޑު ފުޓްބޯޅަ ދަނޑެއް އަޅުއްވާނެކަންވެސް ރައީސްވަނީ ދާދިފަހުން ހާމަކުރައްވާފައެވެ. އަދި ހުއްޓިފައިވާ އޭދަފުށީގެ މަގުތަކުގައި ތަރުއެޅުމުގެ މަސައްކަތްވެސް ދާދިފަހުން އެމްޓިސީސީއާ ސަރުކާރުންވަނީ ހަވާލުކޮށްފައެވެ.

ތިންހާހާ ގާތްކުރާ އާބާދީއެއް އޮތް ތުޅާދޫން އެންމެފަހުން ގޯތިދޫކުރީ 1999ވަނަ އަހަރުއެވެ. ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށިން އެންމެ ފަހުން ގޯތިދޫކޮށްފައިވަނީ 1989 ވަނައަހަރުއެވެ. މިދެރަށުން ގޯތިދިނުން ލަސްވަމުންދާތީ މިދިޔަ ފަނަރަވަރަކަށް އަހަރުތެރޭގައި އެރައްރަށުގެ ރައްޔިތުން ދޭތެރެެދޭތެރެއިން ރަށުކައުންސިލަށާ، ކަމާބެހޭ އިދާރާތަކަށްބޮޑެތި ޕްރެޝަރތައް ކުރިމަތިކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top