ބ.ކެންދޫގައި އެމްއެންޑީއެފްގެ ފަރާތުން މެރިޓައިމް ސޭފްޓީ އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކެންދޫގައި މިއަދު ފެށި މެރިޓައިމް ސޭފްޓީ އެވެއާނަސް ޕްރޮގްރާމުގައި 22 ފަރާތެއް ބައިވެރިވި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ތިން ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކާ ގުޅޭ މައުލޫމާތާއި އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލު ކުރާނެ ގޮތްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވުނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރާނެ ގޮތާއި، ހާލުގައި ޖެހިފައިވާ އުޅަނދުފަހަރަށް އެހީތެރިވާނެ ގޮތާއި، ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ޒަޚަމްވެފައިތިބޭ މީހުންނަށް ސިއްހީ އަވަސް ފަރުވާދިނުން ފަދަ މުހިންމު ބައިތައް ކިޔަވައިދޭނެ އެވެ.
މީގެ އިތުރުން، ރެސްކިޔު ސްވިމިންގގެ ޕްރެކްޓިކަލް ކްލާސްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މިއީ ކެންދޫގެ ރައްޔިތުން މެރިޓައިމް ސޭފްޓީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި އެމްއެންޑީއެފުން ހިންގާ ޕްރޮގްރާމެކެވެ.
މެރިޓައިމް ސޭފްޓީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމު ހިންގުމުގައި އިސްވެ ހަރަކާތްތެރިވާނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.