ވޯޓު ސައްހަވާ ގޮތާ ބާތިލް ވާގޮތް އީސީ އިން ކިޔައިދީފި

big_lzCl4b0RK0zvLXFCQkTQz9QEJ.jpg

އިސީ ޝަރީފް --ފޮޓޯ :އަވަސް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ލާއިރު ވޯޓު ސައްހަވާނެގޮތާ ބާތިލު ވާގޮތް ކިޔަދީފި އެވެ.

ކައުންސިލް އިންތިހާބަށް އެކުލަވާލި ގައުމީ ލަފާ ދޭ ކޮމިޓީގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ވޯޓު ބާތިލު ވާނީ އިންތިހާބު ކުރާ ކައުންސިލް މެންބަރުންގެ އަދަދަށްވުރެ އިތުރަށް ފާހަގަ ޖެހުމުންނެވެ.

އޭނާ ވިދާޅުވީ މުޅި ވޯޓު ކަރުދާސް ބާތިލް ވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި ވަނީ ދެ ހާލަތެއްގައި ކަމަށެވެ. އެއް ހާލަތަކީ ޖަހަން ޖެހޭ ފާހަގަ ނޫން ނިޝާނެއް ކުރެހުން ކަމަށާއި އަނެއް ހާލަތަކީ ޖަހަން ޖެހޭ އަދަދަށްވުރެ އިތުރަށް ފާހަގަ ޖެހުމާއި އިތުރަށް ކަރުދާހުގައި ކުރެހުން ކަމަށެވެ.

އަންނަ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކަށް ވޯޓު ދޭ މީހުން ތިން ވޯޓެއް ދޭން ޖެހެ އެވެ. އެއީ ކައުންސިލްގެ މޭޔަރު އިންތިހާބު ކުރާ ވޯޓާއި، ކައުންސިލްގެ ދާއިރާ މެންބަރު އިންތިހާބު ކުރާ ވޯޓާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާ ވޯޓެވެ. އަދި އަތޮޅެއްގައި ވަކި ސިޓީއެއްވާނަމަ އަތޮޅު ކައުންސިލްގެ ރައީސްއަށް ދޭން ޖެހޭ ވޯޓެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ވޯޓު ދޭން ޖެހޭ މީހުން ފަސް ވޯޓެއް ދޭން ޖެހެ އެވެ. އެއީ އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރާ ވޯޓާއި، ރަށު ކައުންސިލްގެ ރައީސްގެ ވޯޓާއި، ކައުންސިލްގެ މެންބަރުންގެ ވޯޓާއި، ކައުންސިލްގެ އަންހެން މެންބަރުންގެ ވޯޓާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ ވޯޓެވެ.ރަށު ކައުންސިލްތަކަށް ވޯޓު ދޭން ޖެހޭ މީހުން އަތޮޅު ކައުންސިލްގެ ރައީސް އަށާއި ރަށު ކައުންސިލްގެ ރައީސްއަށް ވޯޓު ދިނުމުގައި ވެސް އަމަލު ކުރަން ޖެހޭނީ އެ އުސޫލުންނެވެ. އެއިން ކޮންމެ ވޯޓަކަށް އެއް ފާހަގައަށްވުރެ އިތުރަށް ފާހަގަ ޖަހައިފިނަމަ އެ ވޯޓެއް ބާތިލް ވާނެ އެވެ.

ރަށު ކައުންސިލަށް ހަތަރު މެންބަރުން ނުވަތަ ހަތް މެންބަރުން އިންތިހާބު ކުރާއިރު، އެ އަދަދަށްވުރެ މަދުން ފާހަގަ ޖެހިޔަސް އެ ވޯޓެއް ބާތިލް ނުވާނެ އެވެ. އަދި އެއް ވޯޓެއް ބާތިލް ވެފައި އަނެއް ވޯޓު ރަނގަޅަށް އޮތްނަމަ ރަނގަޅަށް ލާފައިވާ ވޯޓު ގުނާނެ ކަމަށް ވެސް އީސީން ބުންޏެވެ.

އެހެންކަމުން ސިޓީ ކައުންސިލަކަށް ވޯޓު ދޭން ޖެހޭ މީހުން ކޮންމެ ވޯޓެއްގައި ވެސް އިންތިހާބު ކުރަނީ އެންމެ މީހެކެވެ. އެހެންކަމުން ފާހަގަ ދޭން ޖެހޭނީ އެއިން ކޮންމެ ވޯޓެއްގައި އެ މީހަކު އިހްތިޔާރު ކުރާ ކެންޑިޑޭޓަކާ ދިމާއަށެވެ. އިތުރަށް ފާހަގައެއް ޖަހައިފިނަމަ އެވޯޓެއް ބާތިލް ވާނެއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. ހަމަ އެ ދުވަހު ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީގެ އިންތިހާބު ބާއްވާއިރު، އެ ކޮމިޓީތަކަށް 923 މެންބަރުން އިންތިހާބު ކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top