ދައުލަތުން މި އަހަރު ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމާފައިވާ 1.6 ބިލިއަން ރުފިޔާގެ ތެރެއިން، 134 މިލިއަން ރުފިޔާ، ކައުންސިލުތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދީފައިވާ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީން ބުނެފިއެވެ.
އެލްޖީއޭއިން އިއްޔެ ކުރި ޓުވީޓެއްގައިވަނީ ދައުލަތުން ކައުންސިލްތަކަށް ދޭ އާއްމު ހިލޭ އެހީގެ ގޮތުގައި 134،584،205 ރުފިޔާ ޖަމާކޮށްދީފައި ވާނެ ކަމަށެވެ.
މި އަހަރުން ފެށިގެން ކައުންސިލްތަކަށް ބަޖެޓް ދެމުންއައި އުސޫލު، “ބްލޮކް ގްރާންޓް” އުސޫލުން ފައިސާ ދޫކުރާގޮތަށް ބަދަލުކޮށް، މިއަހަރަށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.
ކައުންސިލްތަކަށް ފައިސާ ބެހޭނެ ކަމަށް ލަފާކުރާ ގޮތް
– 500 އަށް ވުރެ އާބާދީ މަދު ރަށްތަކުގެ ކައުންސިލްތަކަށް 3.8 މިލިއަން ރުފިޔާ.
– 1000-500އާ ދެމެދު އާބާދީ ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް 5.4 މިލިއަން ރުފިޔާ.
– 2000-1000އާ ދެމެދުގެ އާބާދީގެ ރަށަކަށް 7.9 މިލިއަން ރުފިޔާ.
– 5000-2000 ދެމެދެ އާބާދީގެ ރަށަކަށް 13.3 މިލިއަން ރުފިޔާ.
– 5000 އިން މަތީގެ އާބާދީތަކަށް 33 މިލިއަން ރުފިޔާ
މި އުސޫލުން ފައިސާ ބަހާއިރު ބައެއް ކައުންސިލްތަކަށް މީގެ ކުރިން ލިބުނު ބަޖެޓަށް ވުރެ 400 އިންސައްތަ ބޮޑު ބަޖެޓެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ގާތްގަނޑަކަށް 148.6 އިންސައްތަ، އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155.1 އިންސައްތަ އަދި ސިޓީ ކައުންސިލުތަކަށް ލިބޭ ފައިސާ 433.4 އިންސައްތަ އިތުރުވާނެ ކަމަށް މި އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.