ދަރަވަންދޫ އެއާޕޯޓަށް ޖެއްސި ފްލައިޓްގެ އަދަދު 30000އަށް

20191229_094421.jpg

މޯލްޑިވިއަންގެ ފްލައިޓެއް ދަރަވަންދޫގައި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ބ. ދަރަވަންދޫ އެޢަޕޯޓަށް މިއަދު 30000ވަނަ ފްލައިޓް ޖައްސައި އަތޮޅުތެރޭގެ އެންމެ ބާރު ބޮޑު ޑޮމެސްޓިކް އެއާޕޯޓާއެކު ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.

2012 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ ދަރަވަންދޫ އެއާޕޯޓް އޮންނަނީ ފަތުރުވެރިކަން އެންމެ ކުރި އަރާފައިވާ ސަރަހައްދު ގައެވެ.

ދަރަވަންދޫ އެއާޕޯޓަށް ޖައްސާ ފްލައިޓްތަކަކީ ރާއްޖޭގައި ހިންގަމުން އަންނަ ތިން އެއާލައިންކަމަށްވާ، މޯލްޑިވިއަން އާއި ފްލައިމީގެ އިތުރުން މަންތާ އެއާ އެވެ.

އެ އެއާޕޯޓަށް ދުވާލެއްގެ މައްޗަށް 18 ވަރަކަށް ފްލައިޓް އޮޕަރޭޓް ކުރަމުން ދެއެވެ.

އައިއޭސް އިން މިއަދު ބުނީ، ދަރަވަންދޫއަށް މިއަދު 30،000 ވަނަ ފްލައިޓް ޖެއްސީ 11:05 ގައި ކަމަށެވެ.

ދަރަވަންދޫ އެއާޕޯޓް މެނޭޖަރ ނާޒިމް އަބްދުއްސައްތާރު ކުރިން އީވީއަށް ވިދާޅުވީ އެވްރެޖްކޮށް މިދިޔަ އަހަރު ދުވާލަކު ޖެއްސި ފްލައިޓްގެ އަދަދު އުޅެނީ 17ގައި ކަމަށާ، މުޅިއަހަރަށް ބަލާއިރު 2018 އަށްވުރެ ފަނަރަ ފަސެންޓް ގިނަ ފްލައިޓް ދަރަވަންދޫއަށް އޮޕަރޭޓްކުރި ކަމަށެވެ. އަދި ފޯކާސްޓް ދައްކާގޮތުން މިފެށުނު އަހަރު އިތުރު ރެކޯޑްތައް ހަދާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

”ދެހާސް ބާރަވަނަ އަހަރު ދުވާލަކު ހަތަރު ފްލައިޓުން ފެށީ، އެހެންގޮސް ކޮންމެ އަހަރަކު އިތުރުވަމުން މިއަންނަނީ ބޮޑުތަނުން. މިހާރު އެއްދުވަސްތެރޭގައި 23 ފްލައިޓް އޮޕަރޭޓް ކުރެވުނީމާ ދެންވިސްނާލާ އެއާޕޯޓް ބިޒީވަމުން އަންނަވަރު” ނާޒިމް ވިދާޅުވިއެވެ.

ދަރަވަންދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ 17 އޮކްޓޯބަރު 2012 ގައެވެ. އެއާޕޯޓް ހުޅުވައިދެއްވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top