އަލަތު ކައިވެނި ބްރިޖްގައި ކުރާ ކުދިންނަށް ހުރިހާ ޚަރަދެއް ސަރުކާރުން

sinamale-bridge-china-maldives-friendship-bridge_-9-755x435.jpg

މާލެ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ބްރިޖް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މާލެއާ ހުޅުލެ ގުޅުވާލާފައިވާ ސިނަމާލެ ބްރިޖް ގައި ކައިވެނި ކުރުމުގެ ދައުވަތު ސަރުކާރުން މިހާރުވަނީ ދީފައެވެ. މި ދިޔަ ހަފްތާގައި ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތަށް މިއަދު ވަނީ  އެކަމަށް އެދޭ ފޯމް ދޫކުރައްވަން ފައްޓަވާފައެވެ.

ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

އުފާވެރި ޚަބަރަކީ މިގޮތުން ކުރެވޭ އަލަތު ކައިވެނީގެ ޚަރަދުގެ ބޮޑު ބައެއް ސަރުކާރުން ދިނުމަށް ނިންމަވާފައި ވުމެވެ. ކައިވެނި ކުރަން ބޭނުންވާ މީހުންނަށް މިއަދު ދޫކުރަން ފަށާފައިވާ ފޯމްގައި ބުނާ ގޮތުން ކައިވެނި ކުރުމުގެ ޚަރަދުގެ ގޮތުގައި އަންހެން މީހާގެ ކައިވެނީގެ ހެދުމަށް ސަރުކާރުން 15،000 ރުފިޔާ އާއި ފިރިހެން މީހާގެ ހެދުމަށް 7000 ރުފިޔާއާއެކު ޒީނަތްތެރިވުމަށް ކޮންމެ މީހަކަށް 5000 ރުފިޔާ ދޭނެއެވެ. އެހެންވީމާ ކައިވެނި ކުރާ މީހުންގެ ހެދުމާއި ޒީނަތްތެރިވުމަށް އެކަނި ސަރުކާރުން 27000 ރުފިޔާ ޚަރަދު ކުރާނެއެވެ. މީގެ އިތުރުން ކައިވެނި ޕާޓީގެ ކެއުމާއި ޕާޓީ ތައްޔާރު ކުރުމުގެ ޚަރަދުވެސް ކުރާނީ ސަރުކާރުންނެވެ.

ފޯމްގައި ބުނާ ގޮތުން މި ކައިވެނީގެ ހަފުލާގައި ބައިވެރިވެވެނީ 50 މީހުންނަށެވެ.

ބްރިޖްގައި ކައިވެނި ކުރެވޭނީ ފަސް ތީމަކަށެވެ. އެއީ “މޯލްޑިވިއަން”، “ޗައިނީޒް”، “ފްލޯރަލް”، “ސަންސެޓް”ގެ އިތުރުން “ވިންޓޭޖް” ތީމެވެ.

ޕާޓީ ބޭއްވުމަށް އެދި ހުށަހަޅާ ފޯމުގައި، ދެ ތީމެއް ހިޔާރު ކުރެވެ އެވެ.

ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ފޯމު ހުށަހަޅާއިރު، ފެމެލީ ކޯޓުގެ “ކައިވެނީގެ ފޯމު”ގެ އިތުރުން އެކަމަށް ބޭނުންވާ އެހެން ލިޔެ ކިޔުންތައް ހުށަހަޅަން ޖެހޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ބްރިޖްގައި ކައިވެނިކުރާ ޒުވާނުން ކައިވެނި ކުރާތަނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން އެޒުވާނުންގެ އުފަލުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top