ކުޑަކުދިންގެ ކުރިމަގު އުޖާލާކުރުމަށް ހަރުދަނާ ޖީލެއް ބިނާކުރުމަށް ޔުނިސެފްގެ އެހީގައި 10 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް، ”ކުދިންނާ ގާތުން“ އޭދަފުށީގައިވެސް ހިންގާ ގޮތަށް ހަމަޖެހިއްޖެއެވެ.
އޭދަފުށިގެ އިތުރުން މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވާ ރަށްރަށަކީ، ހދ.ކުޅުދުއްފުށި، ށ. ފުނަދޫ، ރ. މީދޫ، ، އއ. އުކުޅަސް، ވ. ފެލިދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ފުވައްމުލައް އަދި އައްޑޫ ހިތަދު އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާ ރަށްރަށުގެ ކައުންސިލްތަކަށް ޚާއްސަކޮށްގެން “ކުދިންނާ ގާތުން”ގެ ނަމުގައި ޚާއްސަ ފޯރަމެއް ވެސް މިއަދު ވަނީ 35 ބައިވެރިންނާ އެކީ ފަށައިފަ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފޯރަމްގައި ޕްރޮގްރާމް ރަށްތަކުގައި ހިންގާނެ އުސޫލުތައް ކައުންސިލްތަކާއިި ކަމާގުޅުން ހުރި އިދާރާތައް އަހުލުވެރިކުރާނެ އެވެ.
ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ޑރ. މަރްޔަމް ޒުލްފާ ވިދާޅުވީ ޔުނިސެފާ ގުޅިގެން ހިންގާ ޕްރޮގްރާމްގެ ބޭނުމަކީ ޔުނިސެފްގެ ދެމެހެއްޓެނިވި ތަރައްގީގެ ފްރޭމްވާކްގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ އެ ކުދިންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް އެހީވުން ކަމަށެވެ.
އެއް އަހަރުގެ މުއްދަތަށް ހިންގާ “ކުދިންނާ ގާތުން” ޕްރޮގްރާމްގައި މައިގަނޑު އަށް ދާއިރާއަކުން ޕްރޮގްރާމްތައް ހިންގާނެއެވެ. އޭގެތެރޭގައި ތައުލީމީ ނިޒާމަށް ބޭނުންވާ އެހީތެރިކަމާއި، ހުނަރު ތަރައްގީކުރުމާއި، ކުދިންގެ ހަރަކާތްތެރިކަން އިތުރުކޮށް ދުޅަހެޔޮކަން އިތުރުކުރުމާއި ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުމާއި، ބެލެނިވެރިންނާ އާއިލާ އަދި މުޖުތަމައުގެ ދައުރު ބުނެދިނުން ހިމެނެއެވެ.