ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
(31 މެއި އާ ގުޅޭ ) މިއާޔަތުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، ނަމާދުގެ އެންމެ ފުރަތަމަ ބޭނުމަކީ މުއުމިނާ، އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއާއި، ގުޅުވާލަދިނުމެވެ. އޭނާއަކީ މާތްﷲއަށް އީމާންވާ މީހެއްކަން، އޭނާގެ އަމިއްލަ ނަފްސަށް ހަނދާންކޮށްދީ، މިކަން އޭނާގެ ނަފްސުގައި އަށަގަންނުވައި ދެމެހެއްޓުމެވެ. މިއާޔަތުގައިވާ ولذكر الله أكبر، (އަދި (މާތް)ﷲ މަތީން ހަނދުމަކުރުމަކީ އެންމެ މޮޅުއިތުރުވެގެންވާ ކަމެވެ)، މިއިބާރަތުން ދޭހަވާ ފަދައިންނެވެ. މީގެ އިތުރުން، މިދެންނެވި ގުޅުމުމުގެ ބޭނުމެއް އޮތްކަމާއި، އަދި އެބޭނުމަކީ ކޮބައިކަންވެސް މިނަންގަތް އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ބަޔާން ކުރެވިފައިވެއެވެ. މިގުޅުމަކީ މާނަ ހުރި ގުޅުމަކަށް ހަދައިލުމަށް ޓަކައެވެ. އެކަމަށް އިޝާރަތް ކުރެވިފައިވަނީ މިއާޔަތުގެ إن الصلاة تنهى عن الفحشاء والمنكر މިބައިގައެވެ. ނަމާދަކީ ޒިނޭފަދަ ހަޑިހުތުރުކަން ބޮޑު ވެގެންވާ ފާފަތައް ކުރުމުންނާއި، މީހުން މެރުމާއި، އަދި އެނޫންވެސް އެފަދަ ބޮޑެތި ކުށްތައް ކުރުމުން، ނަމާދު ކުރާމީހާ ދުރުހެލި ކުރުމަށް އެހީވެދޭ ކަމެއްކަން ބަޔާންކޮށްދެމުންނެވެ. އާދެ، ނަމާދު ވާންޖެހޭނީ ފާފަވެރި އަމަލުތަކުންނާއި ނުރަނގަޅު ކަންތައްތައް ކުރުމުން އަމިއްލަ ނަފްސު ދުރުހެލި ކުރުވާ ކަމެއްކަމަށެވެ. އަދި، ނަމާދު ކުރާމީހާއަށް، އެފަދަ ކުށް ފާފަތަކަށް އަރައިގަތުމުން ދުރުހެލި ނުވެވޭނަމަ، އޭނާ، ނަމާދުކޮށް، މާތްﷲއާއި އޭނާއާއި ދެމެދު އުފައްދަން ބޭނުންވާ ގުޅުން ވާނީ މާނައެއް ނެތް ގުޅުމަކަށެވެ. އެކަންކަމުން ދުރުނުވެވިއްޖެނަމަ، ނަމާދުވާނީ އެއްވެސް ފައިދާއެއްނެތް ގޮތުގައި ކުރެވޭ މާނައެއްނެތް ހަރަކާތްތަކަކާއި ކިޔޭކިޔުން ތަކަކަށެވެ. ނަމާދުފަދަ އަޅުކަންކަމުގެ މިދެންނެވި މަގުސަދު ހާސިލު ނުކުރެވޭނަމަ، އެފަދަ އަޅުކަންކަމުން، ތިމާގެ ނަފްސަށް ލިބުން އެދެވޭ ރޫހާނީ ދިރުމަކާއި ކުރިއެރުން އޮންނަނީ ނުލިބިފައެވެ. މިކަމަށް އިޝާރަތް ކުރައްވައި، މަލިންގޭ ހުސައިންދީދީ މިއާޔަތުގެ ތަފްސީރުގައި ލިއުއްވި ވާހަކަ ކޮޅެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ. އަލްޢަންކަބޫތު ސޫރަތުގެ 45 އާޔަތް ތަފްސީރު ކުރައްވަމުން، އޭނާ ލިޔުއްވައިފައިވެއެވެ.
… އެންމެހައި ހަޑި މުޑުދާރު ކަންތައްތަކުންނާއި، އަދި މާތްރަސްކަލާނގެ ރުހިވޮޑިގެން ނުވާ އެންމެހައި ކަންތައްތަކުން، މީހާ ދުރުވެގަތުމަށް ނަމާދު އެއީ، ނުހަނު ބޮޑު ޛަރީޢާ އެކެވެ [ވަސީލަތެކެވެ]. ނަމާދު ގާއިމުކޮށް އުޅޭމީހަކަށް، ނަމާދު ފެންނާނީ، ހެޔޮކަންތަކަށް ތިމާއަށް އަމުރުކުރާ ތަނާއި އަދި ނުބައި ކަންތައްތަކުން ނަހީ ކުރާތަނެވެ. ނަމާދުކުރާ މީހާއަށް ތިމާގެ ނަމާދުގެ ޛަރީޢާއިން ނުބައި ކަންތަކުން ދުރުވެ ނުގަނެވިއްޖެނަމަ، އެމީހަކު ދާހުރީ ކީރިތި ﷲއާއި ނުހަނު ބޮޑަށް ދުރުވަމުން، ދުރުވަމުންނެވެ. ތިމާ ކުރާ ނަމާދު، ފާފަތަކުންނާއި، އަދި ނުބައި ކަންތައްތަކުން، ތިމާ ދުރު ނުކޮށްފިނަމަ، ﷲގެ ހަޟްރަތުގައި އެމީހާގެ ނަމާދު ޤަބޫލުނުވާހުއްޓެވެ. މިފަދައިން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލާ ކުރައްވާފައިވާ ޙަދީޘްފުޅެއް، އިބްނު އަބީ ޙާތިމްގައި ރިވާވެގެންވެއެވެ. އަދި މިނޫންވެސް މިކަމާއި މެދުގައި ރިވާވެގެންވާ ރަސޫލާގެ ޙަދީޘްފުޅުތައް ގިނަގުނައެވެ. (މަލިންގޭ ހުސައިންދީދީ ލިޔުއްވި ކީރިތި ޤުރްއާނުގެ ތަރުޖަމާ އާއި ތަފްސީރު، ދެވަނަބައިގެ ތިންވަނަ ޖިލްދުގެ 651 ވަނަ ސަފުހަ.)
މިހިސާބުން، މިދެންނެވުނު ވާހަކަ ތަކުގެ އަލީގައި އަލްފާތިޙާ ސޫރަތުގެ ފަސްވަނަ އާޔަތުގައިވާ ‘إياك نعبد’ (އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި އިބަރަސްކަލާނގެ ކިބަފުޅަށެވެ) މިއިބާރާތުގެ މާނައިގެ މައްޗަށް ނަޒަރު ހިންގާލަމާތޯއެވެ. ކުރިންވެސް ނަންގަނެވުނުފަދައިން އަޅުކަން ކުރުމުގެ މާނަ ގުޅެނީ މާތްﷲއަށް ބޯލަނބައި ކިޔަމަންގަނެ، އެކަލާނގެއަށް ތަޢުޡީމު އަދާކުރުމާއެވެ. މާތްﷲގެ ކިބަފުޅަށް އަޅުކަން ކުރެވެނީ، އެކަލާނގެ ރަސްކަންފުޅުގެ ހައިބަތާއި މަތިވެރިކަން ހިތަށް ގެނެސް، އަޅުވެރިޔާގެ ނަފްސު އެކަލާނގެ ކިބަފުޅަށް ތަސްލީމުކޮށް، ދީލާލައި، ކިޔަމަންތެރި ކުރުވައިގެންނެވެ. މިތަސްލީމުކުރުމާއި ކިޔަމަންތެރިކަން އަދާކުރެވެނީ ކުށް ފާފަތަކަށް އަރައިގަތުމުން ދުރުހެލިވެ، ހެޔޮ އަމަލުކުރެވިގެންނެވެ. އިސްލާމް ދީނުގެ އަޅުކަމުގެ އެންމެ މުހިއްމު އެއްރުކުން ކަމުގައިވާ ނަމާދުގެ މަގުސަދާއި ބެހޭގޮތުން، ދެންމެ ނަންގަނެވިދިޔަ، އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި އަންގަވާފައިވާ ފަދައިންނެވެ.
ދެން، ‘نستعين’ (“އަޅަމެން ވާގިއެދެމެވެ”) މިލަފުޒުގެ މައްޗަށް ބަލައިލަމާތޯއެވެ. ‘نستعين’ މިލަފުޒުގެ ނެގިފައިވަނީ استعانة މިމަސްދަރުންނެވެ. މާނައަކީ ‘ވާގިވެރިކަން’، ނުވަތަ ‘އެހީތެރިކަން’، ހޯދުން، މިއެވެ. وإياك نستعين “އަޅަމެން ވާގި އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ހަޟްރަތުންނެވެ.” މިއާޔަތުގެ މާނައަކީ ކަމެއް ކުރުމަށް ނުވަތަ ކަމެއް ހާސިލުވެ ދިޔުމަށް، މުއުމިނާ ބޭނުންވާ އެހީތެރިކަން، އާދެ، ހިތްވަރާއި ބާރު، ލިބުން، އޭނާ އެދެނީ، ހަމައެކަނި މާތްﷲގެ ހަޟްރަތުންކަމެވެ. އެންމެ ފުރަތަމަ، އެކަލާނގެއަށް އަޅުކަންކޮށް ކިޔަމަންތެރިކަން އަދާ ކުރުމުގައެވެ. އަދި، އެއަށްފަހު، މުއުމިނާގެ ދުނިޔަވީ ކަންތައްތައް ފުރިހަމަކޮށް، އޭނާ ކަނޑައަޅާލާ ލަނޑުދަނޑިތަކާއި ހަމައަށް، ވާސިލުވުމުގައެވެ.
އިންސާނާ ކަމެއް ހާސިލުކުރުމަށްޓަކައި ތަފާތު މަރުހަލާތަކެއް ކަޑައްތު ކުރަންޖެހެއެވެ. އެންމެ ފުރަތަމަ އެކަން ކުރަން ގަސްދުކޮށް، އެކަން ކުރުމުގެ ވަރުގަދަ އަޒުމެއް ހިތުގައި ކަނޑައަޅާލުމެވެ. ތަހައްދީތަކާއި ގޮންޖެހުންތައް، ދަތިތަކާއި ހުރަސްތައް، ކުރިމަތި ވިޔަސް، އޭނާ ބޭނުންވާ ކަމެއްކޮށް ނިމެންދެން، އެކަން ކުރުމުގެ އެދުން ފަނޑުނުވެ ހުންނާނޭ ފަދަ، ނުގުޑާ ވަރުގަދަ އަޒުމެކެވެ. އެއަށްފަހު، އެކަން ހަގީގަތަކަށް ހަދާލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަރުހަލާއެވެ. އާދެ، ކުރަން ގަސްދުކުރާ ކަމަކާ ހަމަޔަށް ވާސިލުކޮށްދޭ އަސްބާބުތަކުގައި ހިފުމުގެ މަރުހަލާއެވެ. މިއީ އެކަން ކުރުމުގެ މަގުގައި ކުރިމަތިވާ ހުރަސްތައް ގިރާކުރުމާއި ދިމާވާ ދަތިތައް ނެތިކޮށްލުމުގެ މަރުހަލާ ވެސް މެއެވެ. މިހުރިހާ މަރުހަލާތަކެއްގައި ވެސް ހިތްވަރާއި ބާރު، ވާގިވެރިކަމާއި އެހީތެރިކަން، އޭނާ ބޭނުންވެއެވެ. މިސާލަކަށް ކިޔަވާކުއްޖަކު އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދަން އެދޭނަމަ، އެންމެ ފުރަތަމަ މިކަމަށް ނިޔަތްގަނެ އަޒުމު ކަނޑައަޅާލަންޖެހެއެވެ. އެއަށްފަހު، އޭނާގެ ލަނޑުދަނޑިޔާ ހަމަޔަށް ގެންގޮސްދޭނޭ އަސްބާބުތަކުގައި ހިފަން ޖެހެއެވެ. އާދެ، އޭނާގެ ފިލާވަޅުތައް ކިޔައި ފަހުމްކޮށް ދަސްކުރަންޖެހެއެވެ. ނޭނގޭ އެއްޗެއް އޮތްނަމަ އެކަން ފާހަގަކޮށް، އެއެއްޗެއް އޮޅުން ފިލުވަންޖެއެވެ. އާދެ، ކުރުގޮތަކަށް ދަންނަވަނީ ނަމަ، ދުރާލައި ވަރަށް ރަގަޅަށް އިމްތިހާނަށް ތައްޔާރުވާންޖެހެއެވެ. މިކަމުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަންވެސްޖެހެއެވެ. ބައެއް ފަހަރު، ނިދިން މަހްރޫމުވެ، ހިތްހަމަޖެއްސުމުގެ ކުޅިވަރުތަކާއި މަޖާކުރުމާއި އަރާމު ކުރުމާއިވެސް ވަގުތީގޮތުން ދުރަށް ދާންޖެހެއެވެ. މިފަދަ ވަގުތުތަކުގައި އޭނާގެ އަމިއްލަ ނަފްސު އިމްތިހާނު ކޮށްލެވެއެވެ. ތިމާގެ އަޒުމުގެ ހުރިނަމަ ހުރި ސާބިތުކަމަކާއި އަދި ތިމާގެ ހިތްވަރުގެ ފަންވަރު ވެސް އެނގި، އަމިއްލަ ނަފްސު ދަސްވެއެވެ. ބައެއް ފަހަރު އަމިއްލަ އަޒުމު ބަލިކަށިވެ، ހީނަރުވާގޮތްވެއެވެ. އަދި ހިތްވަރު އެލި، ނަފްސަށް ކަންނެތްކަމާއި ލޮޑުކަން ވެރިވެއެވެ. އަދި ބޭނުންވާ ލަނޑުދަނޑިއާ ހަމަޔަށް ދާން ކުރަންޖެހޭ މަސައްކަތް ކުރުން ހުއްޓޭގޮތްވެއެވެ. މިފަދަ ވަގުތުތަކުގައި އިތުރު ހިތްވަރާއި ބާރު އަމިއްލަ ނަފްސުގައި އުފައްދާލަންޖެހެއެވެ. ހަމަ އެހެންމެ، ބޭނުންވާ ކަންތައް ހާސިލުކުރުމަށް ހުރަސްއަޅާ، ތިމާގެ އަމިއްލަ ބާރުން ބޭރުގައިވާ، ކަންތައްތައް ވެސް ހުރެއެވެ. އިމްތިހާނުގެ ދުވަސްވަރު ބަލިވުން ފަދަ ކަންކަމެވެ. ނޫންނަމަ ގާތްތިމާގެ މީހަކު ވަކިވެ ދިޔުން ފަދަ ހިތާމަވެރިކަމަކާއި ކުރިމަތިލާން ޖެހުމެވެ. އެކަމުގެ ސަބަބުން މުޅި ނަފްސު ލޮޅުން އަރުވާލައި، ފިލާވަޅުތައް ދަސްކޮށް އިމްތިހާނަށް ތައްޔާރުވުމުގެ ތަރުކީޒު ގެއްލި ދާގޮތްވެއެވެ.
“އަޅަމެން ވާގި އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ހަޟްރަތުންނެވެ.” މިއާޔަތުން ދޭހެކޮށްދެނީ މުއުމިނާ އޭނާ ކަމެއް ކުރަން ގަސްދުކުރާއިރު އޭނާއަށް އެކަން ކުރުމުގެ މަގު ފަހިކޮށްދެއްވުމާއި އަދި ކާމިޔާބު ގޮތެއްގައި އެކަމާ ހަމައަށް ވާސިލުކޮށް ދެއްވުމަށް ވާގިވެރިވެ، އެހީތެރިވެދެއްވުމަށް އަދައިދަންނަވަނީ ހަމައެކަނި މާތްﷲގެ ހަޟްރަތުގައިކަމެވެ. އެންމެ ފުރަތަމަ އޭނާ ކަނޑައަޅާލި އަޒުމުގެ މަތީ ނުގުޑާ ދެމިހުރުމަށްޓަކައި ބޭނުންވާ ވާގިވެރިކަމާއި އެހީތެރިކަމެވެ. އެއަށްފަހު، އެކަމަށް މަގުފަހިކޮށް ދޭ އަސްބާބުތައް މެދުވެރިކޮށް ދެއްވުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ. އަދި، ކުރިމަތިވެދާނެ ދަތިތަކާއި ހުރަސްތައް، ތިމާގެ އަމިއްލަ ނަފްސުގައި، އެކަންކަން ނެތިކޮށްލެވޭނެ އެކަށޭނަކަން ހުރިނަމަ، އެފަދަ ދަތިތަކާއި ހުރަސްތަކާއި ކުރިމަތިލައި، އެކަންކަން ނެތިކޮށްލުމުގެ ހިތްވަރާއި ބާރު އަމިއްލަ ނަފްސުގައި އުފައްދާލުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ. އެފަދަ ހުރަސްތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ތިމާގެ އަޒުމު ބަލިކަށިވެ، ހިތްވަރު އެލޭ ވަގުތުތަކުގައި، ތިމާގެ އަޒުމު އަލުން އާކޮށް، އިތުރު ހިތްވަރު ތިމާގެ ނަފްސުގައި އުފައްދާލުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ. އަދި ތިމާގެ އަމިއްލަ ބާރުން ބޭރުގައިވާ ދަތިތަކާއި ހުރަސްތައް މެދުވެރި ނުކުރެއްވުމަށް އެދި ދަންނަވައި، މިގޮތުން ވެސް ވާގިވެރިވުމާއި އެހީތެރިވުމެވެ. އާދެ، މުއުމިނާ މިފަދަ ހުރިހާ ކަމެއްގައިވެސް ވާތްގާއި އެހީތެރިކަމަށް އެދި ދަންނަވަނީ ހަމަ އެކަނި މާތްﷲގެ ހަޟްރަތުގައެވެ.
މިހިސާބުން އަލްޙަމްދު ސޫރަތުގެ ފުރަތަމަބައިގެ، އާދެ، އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ، ތަފްސީރުގެ ވާހަކަ ނިމުނީއެވެ. މަތީގައި ބަޔާން ކުރެވި ދިޔަ ފަދައިން، މިބައިގައި އައިސްފައި ވަނީ، ބިސްމި ކިޔައި ސޫރަތް ކިޔަވަން ފަށައި، މާތްﷲއަށް ހަމްދުކޮށް ޘަނާ ދަންނަވައި ޝުކުރުކުރުމާއި، އެކަލާނގެ ތަމްޖީދުކޮށް، އެކަލާނގެއަށް ތައުޠީމު އަދާކުރުމާއި، އަދި އެއަށްފަހު މާތްﷲއާއި މުއުމިނާއާއި ދެމެދު އޮންނަ ގުޅުމުގެ ވާހަކައެވެ. މުއުމިނާގެ އަޅުކަން ކުރުމާއި އަދި އޭނާ ބޭނުންވާ ކަންކަން ހާސިލުކުރުމުގައި ވާތްގާއި އެހީތެރިކަން އެދެނީ ހަމައެކަން މާތްﷲގެ ކިބަފުޅުން ކަމެވެ. ދެން އަންނަ ހަފްތާގައި، އިރާދަކުރެއްވިއްޔާ، ބަލާލެވޭތޯ މަސައްކަތް ކުރާނީ އަލްޙަމްދު ސޫރަތުގެ ދެންއޮތް ބަޔަށެވެ. އެސޫރަތުގެ ފަހު ދެ އާޔަތުގެ މައްޗަށެވެ. ސޫރަތުގެ މައިގަނޑު މައުޟޫއުގެ މައްޗަށެވެ. އާދެ، މާތްﷲގެ ޙަޟްރަތުގައި ތެދުމަގު ހޯދުމަށް އެދި ދެންނެވޭ ދުޢާގެ މައްޗަށެވެ. (ނިމުނީ )