ޕީޕީއެމް އޭދަފުށި އޮތްގޮތަށް ޕީއެންސީއަށް

viber-image11.jpg

އެދަފުށީގެ ޒުވާނަކު ޕީއެންއޭއަށް ފޯމް ފުރުމަށްފަހު އެމްޕީ ސަލީމްއާ ހަވާލު ކުރަނީ. -ފޮޓޯ : ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އޭދަފުށީގައި ތިއްބެވި ރައީސް ޔާމީނަށް ތާއީދުކުރާ ހުރިހާ ސަޕޯޓަރުން ބަދަލުވުމުގެ ހަރަކާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ އޭދަފުށީ އޮފީހުގައި ރޭ ފެށި މިހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުންގެ އިތުުރުން އަންހެނުންނާއި ފިރިހެނުންވެސް ވަނީ ޕީއެންސީއަށް ފޯމް ފުރައި އެމްޕީސަލީމުއާ ފޯމް ހަވާލު ކޮށްފައެވެ.

މި މައުލޫމާތު އީވީއާ ހިއްސާކުރަމުން އެމްޕީސަލީމުގެ އޮފީހުގައި ފޯމުފުރުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވީ ޕީއެންއޭ އަށް ފޯމު ފުރުމުގެ ހަރަކާތްތައް ބާރުމިނުގައި ކުރިއަށް ދާ ކަމަށާ މިއަދުވެސް އެކަމަށް އެދި ގިނަބަޔަކު ގުޅަމުން އެބަ ގެންދާ ކަމުގައެވެ.

ރޭ ޕީއެންސީއަށް ފޯމު ފުރުމަށް އެމްޕީ ސަލީމްގެ އޮފީހަށް ވަޑައިގެންނެވި ކަނބަލުން

“އަޅުގަނޑުމެން އަނެއްކާވެސް މިރޭ ފަށާނަން މިމަސައްކަތް. ފޯމް ފުރުއްވަން ބޭނުންވާ ބޭފުޅުން ވަޑައިގަންނަވާއިރު އައިޑީ ކާޑު ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަން .” އޭނާ ވިދާޅުވިއެވެ.

އޭދަފުށީގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ގަބޫލު ކުރަނީ ޕީޕީއެމް އަކީ ރައީސް ޔާމީންގެ ފުރިހަމަ ބާރު ހިނގަން ޖެހޭ ޕާޓީއެއް ކަމަށެވެ. ރައީސް ޔާމީން ނެތް ޕާޓީއެއްގައި އުޅެން ބޭނުން ނުވާ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

“ޕީޕީއެމް އުފައްދައި ޕާޓީ ވަރުގަދަ ކުރެއްވުމަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑެތި މަސައްކަތް ކުރައްވާފައި .އެމަނިކުފާނާ ނުލާ ޕީޕީއެމް އެއް ނޯންނާނެ. އެހެންކަމަށް ވާނަމަ އަނެއްކާވެސް ތަކުރާރުވެގެންދާނީ ޑީއާރްޕީގެ އާ އެޕިސޯޑެއް. .އެއީ ޝައްކެއްވެސް އޮތްކަމެއް ނޫން. “ޕީޕީއެމްގެ ދުވަސްވީ މެންބަރަކު ނަން ނުޖެހުމަށް އެދި ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސްޕްރީމް ކޯޓާއި އިލެކްޝަންސް ކޮމިޝަނުން ޕާޓީގެ އާންމު މެންބަރުންގެ ރުހުމާ އިޚްތިޔާރުން ބޭރުން ވަކި ބައެއްގެ ނުފޫޒުން ރައީސް މައުމޫނާއި ޕާޓީ ހަވާލު ކުރެވިދާނެކަމަށާ އެހެނަސް އެއީ ޕާޓީގެ ތޮށިގަނޑު ކަމަށާއި މެންބަރުންގެ ލޯތްބާއި ކުލުނު ލިބޭނީ ރައީސް ޔާމީނަށްކަމުގައެވެ.

އޭދަފުށީ ރައްޔިތުންގެ ތާއީދާއި ލޯބި ކުރިން އޮންނަނީ ރައީސް މައުމޫނަށެވެ. ނަމަވެސް ރައީސް މައުމޫނު އެމްޑީޕީއާއި ކޯލިޝަން ހެދި ހިސާބުން މައުމޫނަށް އޮތް ތާއީދު ވަނީ ގެއްލިފައެވެ.

މިއަދު އެމްޕީސަލީމުއާއި އޭނާގެ ޓީމް ހަރަކާތްތެރިވަމުން ދަނީ މާޅޮހުގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު