ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                                21ޑިސެމްބަރ އާއި ގުޅޭ

ކައިރި އެހެނަސް ދުރު

އެއަރ އިންޑިއާގެ ބޯއިންގ 747 ގެ ބޯޓެއް 23 ޖޫން 1985 ގައި މޮންޓްރިއާލުން ފުރިއެވެ. އެ ބޯޓުގައި ތިބީ ފަޅުވެރިންނާއެކު 329 މީހުންނެވެ. އެ ބޯޓުގެ ދަތުރު އޮތީ މޮންޓްރިއާލުން ފުރައިގެން ލަންޑަނުގައި ޖައްސާފައި ދިއްލީއަށް އަންނަ ގޮތަށެވެ. ދިއްލީގެ ޕާލަމް އެއަރޕޯޓް އޮތީ ފުރިފައެވެ. އެ ފްލައިޓުން އަންނަ މީހުންގެ ގާތްތިމާގެ މީހުންނާއި، ރަޙުމަތްތެރިންނެވެ. އަންނަ މީހުންގެ ތެރޭގައި ރަށުން ބޭރުގައި މަސައްކަތްކޮށްފައި ރައްކާކުރި ފައިސާކޮޅު ހިފައިގެން ރަށަށް އަންނަ މީހުން ހިމެނެއެވެ. އަދި އިންޑިއާގައި ކާވެނި ކުރަން އަންނަ ބައެއް ޒުވާނުންވެސް ހިމެނެއެވެ.

ކުއްލިއަކަށް އެތަނަށް ވެރިވެފައި އޮތް އުފާވެރިކަން ހިތާމައަށް ބަދަލުވެގެން ހިނގައްޖެއެވެ. ލިބުނު ޚަބަރަކީ ދިއްލީއަށް ދަތުރު ކުރަމުން އައި ބޯޓް އެޓްލާންޓިކް ކަނޑުގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ދިމާވި ޙާދިސާއެއްގައި ބޯޓް އަޔަރލޭންޑްގެ ކައިރިއަށް ވެއްޓުނު ޚަބަރެވެ. އެއަރޕޯޓުގެ ފަރާތުން މަރުވި މީހުންގެ ލިސްޓު އެންމެންނަށް ފެންނާނޭހެން ނެރެފިއެވެ. އެއްވެފައި ތިބި އެންމެން ދުއްވައިގަތީ ލިސްޓު ހުރި ދިމާއަށެވެ. މި ކުޅިގަނޑު ބަލަން ހުރި އިނގިރޭސި ނޫހެއްގެ ރިޕޯޓަރަކު އެ މަންޒަރު ސިފަކުރަމުން ބުނެފައިވެއެވެ.

“އެއްވެފައި ތިބި މީހުންނަކަށް އެމީހުންގެ ބުއްދި ފަސްކޮށްލި ޚަބަރު ޤަބޫލެއް ނުކުރެވުނެވެ. ތިމަންނާއަށް މި ކަހަލަ ހިތާމަވެރި ކަމެއް ދިމައެއް ނުވާނެއޭ ކޮންމެ މީހެއްގެވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް މަރުގެ ރަޙްމެއް ނެތް ލިސްޓު އެ އެންމެންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލީ ވަކި މީހަކަށް ބެލުމެއް ނެތިއެވެ.” (ހިންދުސްތާން ޓައިމްސް – 24 ޖޫން 1985) ނަން ލިސްޓުގައި ލިޔެފައިވާ ގޮތުގައި ބޯޓުގައި ދަތުރުކުރި 329 މީހުން ކުރެ އެކަކުވެސް ސަލާމަތެއް ނުވެއެވެ. އެންމެން މަރުވީއެވެ. އިންތިޒާރުގައި ތިބި ގާތް މީހުންނަކާ އެކަކަށްވެސް ބައްދަލެއް ނުކުރެވުނެވެ.

ދުނިޔޭގައި ކޮންމެ ދުވަހަކު އެތައްހާސް ބަޔަކު މަރުވެއެވެ. މިއީ އިންސާނާގެ ހިތަށް އަސަރު ކުރަންޖެހޭ ކަމެކެވެ. އެކަމަކު މީހަކު މަރުވާތަން ފެނުނީމާ ނުވަތަ މީހެއްގެ މަރުގެ ޚަބަރު ލިބުނީމާ ކޮންމެ މީހަކުވެސް ހީކުރަނީ މަރަކީ އެހެން މީހުންނަށް ޚާއްޞަ ވެފައިވާ ކަމެއް ކަމަށެވެ. މަރު ތިމާޔާ ޙަމަލާ ނުދޭނޭ ކަމަށެވެ. މަރުގެ އިމުން އަމިއްލައަށް ބޭރުކޮށް ގަނެގެން ހުރުމުގެ ނަތީޖާއަކީ މަރުން ލިބެންވާ ފިލާވަޅުތައް ނުލިބުމެވެ. މަރާ ނިހާޔަތަށް ކައިރީގައި ހުރެމެ، މަރު އޭނާއަށް ގެނެސްދޭ މެސެޖު ލިބިގަންނަން ނޭނގުމެވެ.

އެހެން ދުނިޔެއެއްގެ ބޭނުން

ދޮސްތަވްސްކީ (1881-1821) އަކީ ރޫސީވިލާތުގެ މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ. އޭނާގެ ކާމިޔާބު ވާހަކަ ތަކުގެ ތެރޭގައި “ކުށާއި، އޭގެ އަދަބު” ހިމެނެއެވެ. މި ވާހަކައިގެ ބަޠަލު ހަދާ ގޮތަކީ މުސްކުޅި، ހަރުކަށި، ނުބައި އަންހެނަކު މަރާލަނީއެވެ. އެއީ އެ އަންހެންމީހާގެ ފައިސާގެ ބޭނުން ކޮށްގެން މަތީ ތަޢުލީމު ޙާޞިލު ކުރުމުގެ ބޭނުމުގައެވެ. މި ޙާދިސާ ހިނގުމާއެކު ވާހަކައިގެ އެހެން ބައިވެރިންނާއި، ވާހަކަ ކިޔާ މީހާގެ ކުރިމަތީގައި ވާހަކައިގެ ބަޠަލު ކުށްވެރި އަކަށް ވެދެއެވެ. މުސްކުޅި އަންހެންމީހާގެ މުދަލަކީ އެ ޤާތިލަށް، މިނިކާވަގަކަށް ފުއްލާގެ މަސް ބޭނުންވާ މިންވަރަށް، ބޭނުންވެފައިވާ އެއްޗެއްކަން އެނގޭ ޙާލުގައިވެސް މެއެވެ. މިނިކާވަގު، ފުއްލާގެ މައްޗަށް ޖެހިގަނެ، އެސޮރުގެ ދުވަސް ދުއްވާލައި، ލޭ ފޮދު ބޮއި، މަސްގަނޑު ކައިލުމަކީ އެކަކުވެސް ޙައިރާންވާ ކަމެއް ނޫނެވެ. މިނިކާވަގަށް އަދަބުދޭނޭ ޤާނޫނެއް އޮންނަން ވާނެއެކޭ އެކަކުގެ ހިތަކަށްވެސް ނާރައެވެ. އެހެންނަމަވެސް މި ޢަމަލު އިންސާނެއްގެ ފުށުން ހިނގުމާއެކު އޭނާއަށް އަދަބުދޭން މުޅި އިންސާނިއްޔަތު ހަރު އަޑުން ގޮވައިލައެވެ.

މީގެ ސަބަބަކީ ކޮބައިބާވައެވެ؟ ފެންނަން އޮތީ ހަމަ އެންމެ ސަބަބެކެވެ. އެއީ އިންސާނާއަކީ ޒިންމާދާރު މަޚުލޫޤެއްކަމަށް އެންމެންވެސް ދެކޭ ކަމެވެ. އޭނާގެ ކޮންމެ ޢަމަލަކީ ހެވާއި، ނުބައިގެ ތިލަފަތުން ކިރައިލެވޭ ޢަމަލަކަށްވާ ކަމެވެ. ޖަނަވާރުންނަކަށް މި ބާވަތުގެ ކަމަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ޖަނަވާރުންގެ ކުރިމަތީގައި އޮންނަނީ ބޭނުންތެރިކަމާއި، ބޭނުމެއް ނެތް ކަމުގެ ތިލަފަތެވެ. ހެވާއި، ނުބައިގެ ތިލަފަތެއް ނޫނެވެ. އިންސާނާއަކީ އަޚުލާޤީ ޙައިވާނެކެވެ. ޖަނަވާރަކީ ހަމަ އެކަނި ޙައިވާނެކެވެ.

އިންސާނުންނާއި، ޙައިވާނުންނާ ދެމެދު ލައްވާފައިވާ މި ތަފާތުގެ ސަބަބުން މިއީ އެއްކަހަލަ ދެ މަޚުލޫޤުން ނޫން ކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. ޙައިވާނުންނަކީ އެސޮރުމެންގެ ޢަމަލުތަކުގެ ސަބަބުން އަޚްލާޤީ ޢަދާލަތަކަށް ޙާޒިރު ކުރެވޭނޭ ބައެއް ނޫނެވެ. ޢަމަލުތަކުގެ އަޚްލާޤީ ޝުޢޫރު ޙައިވާނުންގެ ކިބައިގައި ނެތީސް އެސޮރުމެންގެ މައްޗަށް ޝަރީޢަތެއް ހިންގޭނީ ކިހިނެއްތޯއެވެ؟ އެހެންނަމަވެސް އިންސާނާ މިޔާ މުޅިން ޚިލާފެވެ. އިންސާނާގެ ކިބައިގައި ހެވާއި، ނުބައި ވަކިކުރުމުގެ ބާރު ހުރުމުން އެކަނިވެސް އިންސާނުންނަކީ އަޚްލާޤުގެ ކުރިމަތީގައި ތިމާމެންގެ ޢަމަލު ތަކުގެ ޒިންމާ އުފުލަން ޖެހޭނޭ ބައެއްކަން އެނގެއެވެ. ޚުދު އިންސާނާގެ ޒަމީރު އޭނާ ކުށްވެރި ކުރާ ކަމަކަށް ބޭރު ފުށުން އަދަބެއް ލިބުމަކީ ފިޠުރީ ކަމެކެވެ.

ކަން މިހެން އޮތްކަމުގައި ވިޔަސް އިންސާނާގެ އަޚްލާޤީ ކުށްތަކުގެ ހިސާބު ބަލާނޭ ކޯޓެއް އަހަރެމެންނަކަށް މި ދުނިޔެއަކުން ފެންނާކަށް ނެތެވެ. އަހަރެމެންނަށް ފެންނަނީ ރީތި، މޮޅު ބަސްތަކެއްގެ ނިވަލުގައި ތިމާގެ ކުށްތައް ފޮރުވާ ތަނެވެ. ޤާނޫނީ ނުކުތާ ތަކުގެ އެހީގައި އަދަބުން މިންޖުވެގަންނަ ތަނެވެ. ބާރާއި، ނުފޫޒުގެ ބޭނުން ކޮށްގެން ތިމާޔާ ދެކޮޅަށް އުފުލޭ ކޮންމެ އަޑެއް ބަންދުކޮށްލާ ތަނެވެ. މި ހުރިހާ ކަމަކަށް ބަލައިލީމާ ދުނިޔެ މިހާރު މި އޮތް ޙާލަތުގައި އޮވެގެން އަޚްލާޤީ ކޯޓެއް ޤާއިމު ކުރެވުމަކީ އެކަށީގެންވާ ކަމެއް ނޫންކަން އެނގެއެވެ. މި ބާވަތުގެ ކޯޓެއް ޤާއިމު ކުރެވޭނީ މިއަށްވުރެ ފުރިހަމަ ދުނިޔެއެއް ގައެވެ.

އިންސާނާގެ ނުކުޅެދުންތެރިކަން

ދުނިޔެ ހެއްދެވީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މިއީ ވަރަށް ފުރިހަމަ، ރީތި ދުނިޔެއެކެވެ. މި ދުނިޔޭގައި އިންސާނާ ބޭނުންވާ ހުރިހާ އެއްޗަކާއި، ކަމެއް ލައްވާފައި ވެއެވެ. އެއަށްފަހު އެ ކަލާނގެ އިންސާނާ އުފެއްދެވިއެވެ. އަދި އޭނާ ދުނިޔެއަށް ފޮނުއްވުމަށްފަހު ޣައިބުގައި ލިޔުއްވިއެވެ. އިންސާނާއަށް ހަމައެކަނި މި ދުނިޔެ ބަލައިލެވޭނީއެވެ. ދުނިޔެ ޙާޞިލެއް ނުކުރެވޭނެއެވެ.

ދުނިޔޭގެ ޢިއްޒަތާއި، އުފަލުގެ ސަބަބުން އިންސާނާ އެ ދުނިޔެއާ ދިމާއަށް ދަމަނީއެވެ. އެކަމަކު އޭނާ އަކަށް ދުނިޔޭގެ ޢިއްޒަތާއި، އުފާ މިލްކު ކުރެވޭނޭ ގޮތެއް ނޯވެއެވެ. ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ލިބިއްޖެ ކަމަށް ހީކޮށްގެން ހުންނަ މީހާއެކޭ، އެއްވެސް އުފަލެއް ނުލިބޭ މީހާ އެކޭ އެއްވެސް ތަފާތެއް ނުހުރެއެވެ. ދެ މީހުންވެސް ތިބެނީ ހިތް ނުފުރިގެން ޝަކުވާ ކޮށް ކޮށެވެ.

ގުލް އާނަންދަކީ މުމްބައިގެ ފިލްމު އުފައްދާ މީހެކެވެ. އޭނާ އިނީ ވަރަށް ރީތި އަންހެނަކާ އެވެ. އެ އަންހެން މީހާގެ ނަމަކީ ޝޯބާ އެވެ. ބަލާބެލުމަށް މި ދެމަފިރިން އުޅެމުން ދިޔައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. މީހަކު ދުނިޔެއިން ބޭނުން ވާނޭ ހުރިހާ އެއްޗެއް އެ ދެމަފިރިންނަށް ލިބިފައިވާ ހެން ހީވެއެވެ. މުމްބައި ގައި ގުލް އާނަންދުގެ އެތައް ގެއެއް ހުރެއެވެ. އެއިން ކޮންމެ ގެއެކޭ ބޮޑު ގަނޑުވަރެކޭ އެއްވަރެވެ. އެ ދެމަފިރިން އުޅެމުން ދިޔައީ އުފާވެރި ކަމުގެ ސުވަރުގެ އެއްގައި ކަމަށް މީހުން ސިފަ ކުރެއެވެ.

އެހެން ނަމަވެސް ކުޑަ ދުވަސްކޮޅަކުން އެ މީހުންނަށް މި އުފާވެރި ދުނިޔެ މުޅިން ފުރިހަމަ ނޫން ކަމުގައި އިޙްސާސް ކުރެވެން ފަށައިފިއެވެ. އިނދެގެން އެތައް ދުވަހެއް ވީއިރުވެސް ދަރިއެއް ނުލިބެއެވެ. މި އިޙްސާސްގެ ސަބަބުން ދެމަފިރިންގެ މެދުގައި ހަމަހިމޭން ދުރުކަމެއް އުފެދެން ފަށައިފިއެވެ. އެންމެ ފަހުން އެ ދެމަފިރިން ކޮންމެވެސް ޔަތީމުޚާނާ އަކުން ދެ ކުދިން ގެނެސްގެން ދަރިންހެން ގެންގުޅެން ފަށައިފިއެވެ. އަންހެން ކުއްޖަކާއި، ފިރިހެން ކުއްޖެކެވެ. އެހެންނަމަވެސް މި މަޞްނޫޢީ ޙައްލަކުން އެ މީހުންގެ މައްސަލަތަކެއް ނުނިމުނެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ދުރުކަން ގާތްވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ދެމަފިރިން ވަކިން ދެ ގޭގައި އުޅެން ފަށައިފިއެވެ.

ޑަކްޓަރުން ބަލާފައި ޝޯބާގެ ސިކުނޑީގެ މައްސަލައެއް ހުރި ކަމަށް ބުނެފިއެވެ. އޭނާ ދިހަ އަހަރު ވާންދެން އެ ބައްޔަށް ބޭސް ކުރިއެވެ. އެކަމަކު އެދެވޭ ނަތީޖާ އެއް ނުފެނުނެވެ. ފެބްރުއަރީ 1983 ގައި އޭނާގެ ޢިބްރަތުން ފުރިފައިވާ ވާހަކަ ނިމިއްޖެއެވެ. ޝޯބާ ދިރިއުޅުނީ ޢިމާރާތެއްގެ ސޯޅަ ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގައެވެ. އޭނާ އެ އެޕާޓްމަންޓްގެ ކޮޓަރިއަކަށް އޭނާގެ ދެ “ދަރިން” ގޮވައިގެން ވަދެ އެތެރެއިން ތަންޑު އެޅުވީއެވެ. އެއަށްފަހު އެ ދެ ކުދިން ކުޑަ ދޮރުން ބޭރަށް ވައްޓައިލީއެވެ. ފަހަތުން އޭނާވެސް ފުންމައިލީއެވެ. ތިން މީހުންވެސް ބިންމަތީގައި ޖެހުމާއެކު މަރުވީއެވެ.

މި ޙާދިސާ އާ ބެހޭ ގޮތުން ގުލް އާނަންދުގެ ބަހަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރީމާ އޭނާ ބުންޏެވެ.

“އަހަރެންގެ އަނބިމީހާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔަށް ކިޔާނޭ ނަމެއް އަދިވެސް އަހަރެންނަކަށް ނޭނގެއެވެ.” (ޓައިމްސް އޮފް އިންޑިއާ، މުމްބައި، 9 ފެބްރުއަރީ 1983)

ސާޅީސް އަހަރު ފަހުން

31 ޖުލައި 1984 ގައި އިންޑިއާގެ ދިއްލީގެ ފައިޟް ރޯޑްގައި މީހަކު މަރުވެފައި އޮއްވާ ފެނުނެވެ. މަރުވެފައި އޮތް މީހާގެ ޢުމުރަކީ ފަސްދޮޅަސް އަހަރެވެ. އޭނާ ޤަތުލު ކޮށްފައި އޮތީ ވަރަށް ބޮޑަށް ޒަޚަމްވެސް ކޮށްފައެވެ. ފުލުހުންގެ އެތައް މަސައްކަތަކަށްފަހުވެސް އެއީ ކާކުކަން އެނގޭނެގޮތެއް ނުވިއެވެ. އޭނާ ލައިގެން ހުރި ގަމީހުގައި “އާޒާދު ޓެއިލަރސް” ގެ ނަންޖަހާފައި އޮތެވެ. ތަޙުޤީޤު ކުރަމުން ގޮސް ދިއްލީގެ ފުލުހުންނަށް ކުޑަކުޑަ ފިހާރައަކާ ހަމައަށް ދެވިއްޖެއެވެ. އެފިހާރައިގެ ވެރިމީހާގެ ނަމަކީ ޞަލާޙުއްދީނެވެ. ޞަލާޙުއްދީން ބުނިގޮތުގައި މަރުވެފައި އޮތް މީހަކީ އޭނާއަށް ހީވާގޮތުގައި ޕާންޑޭ ނަމަކަށް ކިޔާ މީހެކެވެ. މިނަމުގެ އެހީގައި ކުރި މަސައްކަތުން “ކަމްލާ ކްލޯތު ހައުސް” އޭ ނަމަކަށް ކިޔާތަނަކާ ހަމައަށް ދެވިއްޖެއެވެ. އެތަނުން އޮޅުން ފިލި ގޮތުގައި މަރުވެފައި އޮތް މީހާގެ ނަމަކީ ދޭވް ނާރާއިން ޕާންޑޭއެވެ. އެއީ ފައިޟްއާބާދުގެ މީހެކެވެ. މަސައްކަތް ކުރަނީ ދިއްލީގައެވެ.

ދޭވް ނާރާއިން ޕާންޑޭ ކުރި މަސައްކަތަކީ ބޫޓް ޕޮލިސް ކުރުމެވެ. ފުލުހުންގެ ތަޙުޤީޤު ދިޔައީ ކުރިއަށެވެ. އެންމެ ފަހުން އެނގުނުގޮތުގައި މި ޕާންޑޭ ވަނީ ޒާތީ އަރާރުމެއްގެ ތެރޭގައި މީހަކު މަރައިލާފައެވެ. މަރުވި މީހާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ މަހެންދްރަ ކުމާރް ޗައުދަރީ (23 އަހަރު) ކުޑައިރުއްސުރެ އޭނާގެ ބޮޑުބޭބެ މަރާލީ ޕާންޑޭ އޭ މީހުން ކިޔާ އަޑު އަހައެވެ. ބަދަލު ހިފުމުގެ ހުޅުގަނޑު އޭނާގެ ހިތުގައި ދިޔައީ އަނދަމުންނެވެ. އޭނާ އެންމެ ފުރަތަމަ ކުރާ ކަމަކީ ދޭވް ނާރާއިން ޕާންޑޭ އާ ރަޙުމަތްތެރިކަން ޤާއިމު ކުރުމެވެ. އެންމެ ފަހުން ދަނޑިވަޅު ބަލާފައި އޭނާ މަރައިލީއެވެ. ޤާތިލު މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ. އޭނާވަނީ ކުށަށް އިޢުތިރާފު ވެފައެވެ. (ހިންދުސްތާނު ޓައިމްސް، 14 ސެޕްޓެމްބަރ 1984)

ސާޅީސް އަހަރުވީއިރުވެސް މަހެންދްރަ ކުމާރު ޗައުދަރީގެ ޢާއިލާގެ މީހުންގެ ހިތަކުން ޤާތިލުގެ ހަނދާން ފޮހެވިގެންނެއް ނުދިޔައެވެ. ޕާންޑޭ މަރާލެވުނީމާ ނޫނީ ބަދަލު ހިފުމުގެ އަލިފާންގަނޑު ނިއްވައިލެވޭ ގޮތެއް ނުވިއެވެ.

އެކަކު އަނެކަކާ ނުވަތަ އެއްބަޔަކު އަނެއްބަޔަކާ މެދު ނުރުހުންތެރިކަން އުފެދި، ޝަކުވާ ކުރެވޭ ގޮތް ވުމަކީ ހުރިހައި ތަނެއްގައިވެސް އޮންނަ ކަމެކެވެ. އޭގެ ޙައްލަކީ ބަދަލު ހިފުމެއް ނޫނެވެ. މިފަދަ ކަންތައްތައް ހަނދާން ނައްތާލުމަކީ މައްސަލަ މުޅީން ނެތިގެންދާ ކަމެކެވެ. ބަދަލު ހިފުމަކީ މައްސަލަ ބޮޑުވެ، ފުޅާވެގެންދާ ކަމެކެވެ.

މިއީ ފަސޭހަ ކަމެއް ނޫނެވެ. އިންސާނާއަށް ކަމެއް ހަނދާން ނައްތައިލެވެނީ ލިބުނު ގެއްލުމަށްވުރެ ބޮޑު ފައިދާއެއް ލިބުނީމައެވެ. ކަމަކުން މަޙުރޫމް ވެއްޖެނަމަ އެކަމެއް ހަނދާން ނައްތައިލެވޭނީ އެއަށްވުރެ ބޮޑު އުފަލެއް ޙާޞިލު ކުރެވުނީމައެވެ. އެ ބޮޑު އެއްޗަކީ، ނުވަތަ ބޮޑު ކަމަކީ ނުވަތަ ބޮޑު އުފަލަކީ އާޚިރަތެވެ. އާޚިރަތް ދުވަހަށް އީމާންވާ މީހާގެ ކުރިމަތީގައި އެހެން އެއްވެސް އެއްޗެއް އާޚިރަތަށްވުރެ އަގު ބޮޑެއް ނުވާނެއެވެ. އާޚިރަތަށް އީމާންވާމީހާ ދުނިޔޭގެ ހުރިހާ އެއްޗަކާއި، ކަމެއް ދޫކޮށްލަން ތައްޔާރުވާ ސަބަބަކީ މިއީއެވެ.(ނުނިމޭ)

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top