
ތުޅާދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ތުޅާދޫގެ އިތުރުން 17 ރަށެއްގައި ފުޓްސަލްދަނޑު އެޅުމަށް އެގްރީމެންޓް ކުރި / ފޮޓޯ: އިންޓަނެޓް
ސަރުކާރުން މިއަހަރު ކުރިޔަށްގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅު ތުޅާދޫގައި ފުޓްސަލް ދަނޑެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އިއްޔެ ހަވީރު ގަލޮޅު ބޯޅަ ދަނޑުގައި އޮތް ރަސްމިއްޔާތެއްގައި ތުޅާދޫގެ އިތުރުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުން 17 ރަށެއްގައި 18 ދަނޑެއް އެޅުމަށްވެސް ޔޫތް މިނިސްޓްރީން ވަނީ އެގްރީމެންޓްގައި ސޮއިކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށް އެމްޓީސީސީއާ ހަވާލުކުރިއިރު އަނެއްބައި ރަށްރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ކޯޕަރޭޝަނާއެވެ.
މި އެއްބަސްވުމުގައިވާ ގޮތުން ޕިޗް އެޅުމުގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް ދެ ކުންފުނިން ފުރިހަމަކުރަން ޖެހޭނެ އެވެ. އަނެއްބައި މަސައްކަތްތައްވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.
2000 ން މަތީގެ ކޮންމެ އާބާދީއެއްގައި މިއަހަރުތެރޭގައި ސްޕޯޓްސް އެރީނާ ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގައި ދެން ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައެވެ. މިދަނޑު ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.