އޭދަފުށީގެ ތާރީހުން ސަފްހާއެއް: ދިގަލި ބާގިރާއެކު

ބާގިރު-22.jpg

އަބްދުލްބާގިރު އަހްމަދު---އީވީ ފޮޓޯ

(ގައްޔޫމް ނަސީރު)

އޭދަފުށީ ސައިމާގޭ އަބްދުލްބާގިރު އަހްމަދު، ދިގަލި ބާގިރުގެ ނަމަށް ބަދަލުވީ އޭދަފުށީ ”ދިގަލި“ އަނީސާ ޔޫސުުފާއި ކައިވެނި ބައްލަވައިގެން އެގެއަށް ދިރިއުޅުން ބަދަލު ކުރެއްވި ހިސާބުންނެވެ.

ސަރުކާރުގެ ހިދުމަތަށް ބާގިރު ނުކުންނެވީ 1966 ގައި އުމުރުން 17 އަހަރުގައެވެ.

”ކިޔަވައި ނިމިގެން މާލެ ދާން އުޅުނީ. އަހަންނާއެކު ކިޔަވައި ނިމުނު ހުރިހާ ކުދިންވެސް ސަނަދު ނަގަން މާލެ ދިޔައީ. އެހެންވެ ބޭނުންވީ މާލެ ދާން. އެކަމަކު ޔޫސުފް ކަލޭފާނު ވިދާޅުވި މާލެ ނުދެވޭނެއޭ. ހުންނަވާނީ ބައްޕަ ގާތު ރަށުގައޭ.”

ވަޒީފާ އަދާކުރައްވަން ފެއްޓެވީ ބ.އަތޮޅު އަތޮޅު ކޮމިޓީގެ އޮފީހުގަ އެވެ. އެއީ ސަރުކާރު ވަޒީފާއަކަށް ނުވާތީ އަލްމަރުހޫމް އިސްމާއީލް ކަލޭފާނުގެ އަތޮޅުވެރިކަމުގައި 1972ގައި ސަރުކާރު ވަޒީފާއަކަށް ބަދަލު ކުރެއްވުމުގެ ގޮތުން ބ.އަތޮޅު އޮފީހުގެ ރޭޑިއޯ ޓެލެފޯން އޮޕްރޭޓަރުކަމުގެ ވަޒީފާ ދެއްވި އެވެ. އޭގެ ފަހުން އަތޮޅު އޮފީހުގެ އެކި މަގާމުތަކަށް ބަދަލު ވަމުން އައިސް އަތޮޅުވެރިޔާގެ އިސް އެހީތެރިކަމާއި އއ.އަތޮޅުގެ އަތޮޅުވެރިކަމުގެ މަގާމު އާދަަކުރެއްވިއެވެ. މަގާމުން ރިޓަޔާކުރެއްވި އިރު ހުންނެވީ އެޓޮލްސް މިނިސްޓްރީގެ ރާއްޖެތެރޭގެ ވަކީލެއްގެ މަގާމުގައެވެ.

ހަނދާނުގެ އެންމެ ތޫނު ކަށިތައް

ހިތުން ނުފިލާނެ ހިތާމަވެރި ހަނދާން.  ކޮލެރާގައި ބާގިރު

1978 މާޗް މަހެވެ. ބާގިރު އުޅުއްވީ ސަރުކާރުން ބ. އަތޮޅަށް ފޮނުއްވި މެލޭރިޔާ އާއި ބެހޭ ސާވޭ ޓީމެއް ގޮވައިގެން އަތޮޅުތެރޭގަ އެވެ. ރޭޑިއޯ ޓެލެފޯނު އޮޕަރޭޓަރެއްގެ މަގާމުގައި ހުއްޓަސް ލޯންޗުގެ ކައްޕިއަކީވެސް އޭނާއެވެ.

ހެނދުނު އޭދަފުށިން ގުޅާފައި ރަށުގެ ހާލަތު ކިޔައިދެމުން ތިން ހަތަރު މީހުން ކުއްލިއަކަށް މަރުވި ހަބަރާއެކު ލޯންޗު އަވަހަށް މާލެއަށް ދިއުމަށް އެންގެވިއެވެ. އެހެންކަމުން ޕްރޮގްރާމް މެދު ކަނޑާލައްވައި މިސްރާބު ބަދަލު ކުރެއްވީ މާލެއަށެވެ.

11:30ގައި މާލެއަށް ގޮސް މާޖެހިގޭގައި އިންނެވީ ނާސްތާ ކުރައްވާށެވެ.

”ޝަހީދާ ވިދާޅުވެއްޖެ ބާގިރު ބަލާ ޕޮލިސް ބަސް އަތުވެއްޖެއޭ. ކީއްކޮށްގެންހޭ ތި އުޅެނީ. ހަމަމިހާރު ދަބަހާ ހުރިހާ އެއްޗެއް ހިފައިގެން އަވަހަށް ބަހަށް އަރަން އަންނަން އެބަބުނެއޭ “

ބިރުން ހުރެ ބަހަށް އެރިތަނުން ބަސް ދުއްވާފައި ގޮސް މަޑުކޮށްލީ ބ.އަތޮޅު ފިހާރަ ދޮރު މައްޗަށެވެ.  އެތަނުގައި ޑރ.އަބްދުއްސައްތާރު ޔޫސުފާއި ޒާހިރު ނަސީރު އާއި ދޮންފަނު މުހައްމަދު ޔޫސުފާއި އޭދަފުށީ އަބްދުއްރަހީމާ އަދިވެސް ބޮޑު ގްރޫޕެއް ތިއްބެވި އެވެ. ބާގިރަށް އެންގެވީ ސެންޓަރު އަހަންމަދު (އަހްމަދު ޚަލީލު )އާއި ހެލްތު ވޯކަރު ސައީދު (އައްޑޫ ސައީދު ) ގޮވައގެން އަވަހަށް އޭދަފުއްޓަށް ފުރާށެވެ.  ކުރިއަށް އޮތީ ރޭގަނޑުކަމުން ރޭގަނޑު ދަތުރުކުރަން ނުކެރޭނެއޭ ބުނުމުން އެހީތެރިއަކަށް އޭދަފުށީ އަބްދުއްރަހީމްވެސް ދުރުވާނެއޭ ބުނެ އަވަހަށް ފުރަން އެންގެވި އެވެ.

”ސެންޓަރު ސައީދު” ކަނާތް ފަރާތުގައި

”2:30 ހާއި އިރު ފުރައިގެން ރަށަށް އާދެވުނު އިރު ރޭގަނޑު9:30. ފާލަމުގައި ތިބި މީހުން، ރަށުން މީހުންތައް މަރުވަނީއޭ ކިޔާފައި ރޯންފެށީ. އޭރު ހިޔަލީގޭ އަބްދުއްނައީމް އޮތީ ނިޔާވެފަ.  ރަށުތެރެއިން އިވެނީ ތަކްބީރުގެ އަޑު. ތަންތަނުގައި އަލިފާން ޖަހާފައިހުރީ. ދެން ވަރަށް ބިރު ގަންނާނެ ދޯ.“

އޭރުވެސް މިއީ ކޮލެރާކަމެއް ނޭނގެއެވެ. ކިޔައިއުޅުނީ ތ.އަތޮޅުން ގެނައި މަސްތަކެއް ކައިގެން ވިހަވީ ކަމަށެވެ.

އަނެއް ދުވަހު ހެނދުނު ސެންޓަރު ސައީދު އެންގެވީ ބަލި އެންމެން އެއްތަނަކަށް އެއްކުރާށެވެ. އެއޯޑަރަށް ބަލި މީހުން ގެނެސް ބޭތިއްބީ އެވާބްލޫ ގައެވެ.

”ހެނދުނު 9 ޖެހިއިރު ސައީދު ދުރުވެއްޖެ އަތޮޅު އޮފީހަށް ޒާހިރު ނަސީރާ ގުޅަން ސަރުކާރުން އެދިގެން. ރޭޑިއޯ ތެލެފޯނުން ވާހަކަ ދަައްކަނީ. ސައީދު ބުނުއްވި، މިއީ ހަމަ ސީދާ ކޮލެރާއޭ. ޒާހިރު ނަސީރު އައްސަވަނީ ކިހިނެއްހޭ ކޮލެރާކަން އެނގެނީ. ސައީދު ޒާހިރަށް މި ދަންނަވަނީ 1968ގަ އައްޑުއަތޮޅު ގަމުގަ އިގިރޭސިން ނާއެކު އުޅުނު އިރު އެތަނަށް ޖެހުނޭ މިކަން. އެއާ މިކަމާ އެއްވެސް ތަފާތެއްނެތޭ.“

ޒާހިރު ވިދާޅުވަނީ ރާއްޖޭގައި ކޮލެރާ ނެތް ކަމަށެވެ. ސައީދު ގޮތް ދޫނުރައްވައި ވިދާޅުވީ އެތައް ބަޔަކު މަރުވަމުން ދާއިރު މިރަށުގައި އެމީހުންނަށް ފަރުވާދެވޭނެ އެއްވެސް އެއްޗެއް ނެތްކަމަށެވެ. ކުޑަމިނުން ކްލޮރިން ކޮޅެއް އައިވީއެއް ވެސް ނެތްކަމަށް ސައީދު ދެންނެވި އެވެ.

އެ ނުރައްކާތެރި ވަގުތު ސައީދުއާ ޚަލީލުގެ މަސައްކަތަށް ބާގިރު ސާބަސް ދެއްވަމުން ވިދާޅުވި އެވެ. ”ހާލު ދެރަ މީހުންނަށް އައިވީގެ ބަދަލުގައި ކުރުނބާ ފެން ގުޅައިގެން ފަރުވާދިނީ. ހޮޑުލުމާއި އެހެން ގޮތްގޮތުން ހަޑިވެފައިވާ ތަންތަނަށް އަޅާނެ ކްލޮރިން ކޮޅެއް ނެތިގެން އުވަގެނެސް އެތަންތަނަށް އެޅީ .“

ރަށުގައި އޮތީ ހިމޭންކަމެވެ. އެހިމޭން ކަމުގެ ތެރެއިން ބައެއް ފަހަރު ވަޔާއެކު އިވެމުން ދާ އަދަކީ މީސްމީހުންގެ ރުއިމުގެ އަޑާއި ތަކްބީރު އަޑެވެ.

ބާގިރު، އީވީއަށް އިންޓަވިއު ދެއްވަނީ

”އަހަރެމެން ލޯމަތީގަ ހިކިފިނިފެންމާގެ އަބްުދުލް ގަފޫރުގެ މަންމައާއި ބައްޕަ އެ ދުވަހު އެއްވަގުތު ނިޔާވެގެން ދިޔައީ. ބައްޕަ ހިނަވަނިކޮށް މަންމަ މަރުވެގެން ދިޔައީ. ހިނަވަން އުޅުނު މީހުންވެސް ތިބީ ބިރުން. ކުއްލިއަކަށް އެގޮތަށް މަރުވުމުން ހިނަވަމުން ދިޔައިރުވެސްް ގުނަންތައް ހަރަކާތް ކުރާތީ އެކަމާވެސް ވަރަށް ބިރުން ތިބީ. ހީވާ ގޮތުގައި މިރަށުން 17 މީހުން މަރުވި.“

އޭގެ ތިން ދުވަސް ފަހުން ކޮލެރާ އާއި ބެހޭ ކަންކަން ހިންގަން ގަލޮޅު ބޯޅަ ދަނޑު ހަމަޖައްސަވައި ސީދާ ރައީސް ނާސިރުގެ ބެއްލެވުމުގެ ދަށަށް ގެންދެވި އެވެ. އިސާހިތަކު ޑޮކްޓަރުންނާއި ބޭހާ ކްލޮރިން އާއި އެހެން ކަންތައްތައް ފުރިހަމަވެގެން ދިޔައެވެ.

ޔޫސުފްކަލޭފާނު ނިޔާވުން

އެއީ އޭދަފުށީގެ ބައްޕައެވެ. އޭދަފުށީ ރައްޔިތުން މިއަދުވެސް އެދަރިއަކަށް ޓަކާ ފަހުރުވެރިވާ ހަމައެކަނި ޝަޚްސިއްޔަތެވެ. ދުނިޔޭގައި ހޭދަކުރައްވަން ލިބިވަޑައިގަތް މަދު އަހަރު ކޮޅުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ކަމަށް ތާރީހު ހެކިދެއެވެ. ރަށުގެ ތައުލީމާއި އުމްރާނީ ތަރައްގީއަށް އޭނާ ގެނެސްދެއްވި އިންގިލާބީ ބަދަލަކީ އޭރުގެ ހާލަތަށް ބައްލަވައި މުސްތަގްބަލަށް ކުރައްވާފައިވާ އުއްމީދު ތަކެއްގެ ތައުބީރުކަން ބާގިރު ވެސް ގަބޫލު ކުރައްވައެވެ. ތަގްދީރުގެ ނިޔާ އެވެ. ވަކިވެގެން ދިޔައީ އޭދަފުށީގެ ތަރައްގީއަށް އޭނާ ރާވާފައިވާ ޕްލޭން ފުރިހަމަ ނުކުރެވިއެވެ. ކަލޭފާނު ނިޔާވި ދުވަހު އޭދަފުށީގެ ހާލަތު ބާގިރު ކިޔައިދެއްވި އެވެ.

”ލާއިލާހަ އިއްލައްﷲ. އެއީ ވަރަށް ހިތާމަވެރި ދުވަހެއް. އޭގެ ކުރިން އޭދަފުށި ނުދެކޭ ފަދަ ހިތާމަވެރި ދުވަހެއް އެއީ. ވަކި މީހެއް ނޫން. އެންމެންގެ ލޮލުންވެސް އެދުވަހު އޮހިގެން ދިޔަ ކަރުނަ އަކީ ހެޔޮލަފާ ވެރިއެއް ވަކިވެގެން ދިޔަކަމުގެ ހިތާމަވެރި ކަރުނަ. އެންމެންގެ ހާލު ވަކިވަކިން ބައްލަވައި ރަށަށް ތަރައްގީއާއި ކުރިއެރުން ގެނެސް ދެއްވުމަށް މުޅި އުމުރު ހޭދަކުރެއްވި ބަތަލެއް އެއީ. އެކަން އެދުވަހު ފެނިގެން އެދިޔައީ“

ބާގިރަށް ޔޫސފް ކަލޭފާނުގެ ސިޔާސީ ހަޔާތް ފެނުމުގެ ނަސީބު ލިބުނީ އެންމެ ތިން އަހަރު އެވެ. ކަލޭފާނު ނިޔާވީ ކެންސަރުގެ އާލާސްކަން ފުޅުގައި 1969ގައެވެ.

އުފާވެރި ދުރު ހަނދާންތައް

ބާގިރު އެންމެ އުފާވީ ބ.އަތޮޅު އޮފީސް ދަރަވަންދޫން އޭދަފުއްޓަށް ބަދަލު ކުރި ތާރިހީ ދުވަހު އެވެ. އެއީ 1962 ވަނަ އަހަރުގެ ޖޫން މަހުގެ 2 އެވެ. އޭރު އުމުރުން 12 އަހަރުގެ ބާގިރު އެދުވަހުގެ މަންޒަރުތައް ސިފަކޮށްދެއްވި މިގޮތަށެވެ.

“ހަވީރު ރަށުގެ އަންހެނުންނާއި ފިރިހެނުން ވަރުގެ ކޮޅަށް ނަލަ ހެދިގެން އުތުރު ފަރާތު އަތިރިމައްޗަށް އެއްވެ ތިބީ. މުޅި މާހައުލުގައި އޮތީ އުފާވެރިކަން. ހަސަންފުޅު މުހައްމަދުމެން ކުޑައާކުރުބޭ މެން މޫސާ މުހައްމަދުމެން ފަދަ އެތައް ބަޔަކު އަރުވާ ޖަހާފައި އަޑުގެ ކޮޅަށް ލަވަކިޔާ ނަގަނީ. ފަނި ގިރާފައި އޮތީ ހެސްކިޔާފައި. ދަރަވަންދޫގައި ހުރި ބ.އަތޮޅު އޮފީހުގެ ދިދަ ބާލައި ދިދަ ދަނޑި ހިފައިގެން އޭދަފުއްޓަށް ދޯނި ފަހަރު އަންނަ މަންޒަރު ބަލަން އެންމެން މިތިބީ އަތިރި މަތީގައި. ކުންފުނަދޫ (ސޮނެވާފުށި ރިސޯޓް) އާއި ހަމަވުމުން ދޯނިފަހަރުގެ ރިޔާ ދޫކޮށް ފަލިޖަހާފައި ލަވަކިޔަމުން ރަށަށް އައީ.

އަތޮޅު އޮފީސް، އޭދަފުއްޓަށް ބަދަލުކުރީ ކީއްވެ؟

ތާރީހުން އެނގޭ ގޮތުގައި އެއީ ވަކި ރަށެއްގައި އަތޮޅު އޮފީސް ހުރެގެން ނޫނީ އެއްވެސް މައްސަލައެއް އޮވެގެން ދިމާވި ކަމެއް ނޫނެވެ. ބ.އަަތޮޅު އަތޮޅުވެރިކަމުގައި އޭދަފުށީ ޔޫސުފް ކަލޭފާނު ބަހައްޓަން ސަރުކާރުން ބޭނުންވެގެން ކުރެއްވި ކަމެކެވެ. ޔޫސުފް ކަލޭފާނަށް ފައްސަވާފައި އޮތް ކޯޓެއް ކަމަށް ވާތީ އެވެ. ބާގިރުވެސް މި މައުލޫމާތު ހިއްސާ ކުރެއްވީ މިގޮތަށެވެ. އޭގެ ފަސް އަހަރު ފަހުން އަތޮޅު ކޮމިޓީ އޮފީހުގެ ވަޒީފާއަށް ވެންނެވި އިރު ވެސް އެވާހަކަ އޮތީ ހޫނު ކޮށެވެ.

”ނާސިރު އޭދަފުއްޓަށް ވަޑައިގެން ޔޫސުފް ކަލޭފާނަށް އަތޮޅުވެރިކަން ހުށައެޅުއްވި. ކަލޭފާނު ދެންނެވިކަމަށް ވަނީ ތިމަންނައަށް އަތޮޅުވެރިކަން ކުރެވޭނީ ރަށުގައޭ. ދެވަނަ ފަހަރު އެއީ. އެދަތުރު އޭދަފުށީގައި ބައިސްކޯފް ދެއްކްވުމަށްފަހު އަނެއް ދުވަހު ނާސިރު ފުރާ ވަޑައިގަތީ ފަޅުތެރެއަށް.( ގޮއިފުޅަފެހެންދޫ )”

ބަހިއްޔާގެ ހަނދާންތައް

އޭދަފުށީގައި ބަހިއްޔާ އުފެދުމުގެ ކުރިންވެސް ތައުލީމު ދިނުން އޮތެވެ. އެހެން ނަމަވެސް އޭދަފުށީގައި ޒަމާނީ ތައުލީމު ތައާރަފްކޮށް 1963ގައި މަދްރަސަތުލްބަހިއްޔާ ހުޅުވީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. މަދަރުސާގެ ނާޒިރަކީ ޔޫސުފް ކަލޭފާނެވެ. އޭނާގެ ބެލުމުގެ ދަށުން މަދަރުސާ ހިންގަވަމުން ގެންދެވީ ގ. ސޯސަނީ އަލްއުސްތާޒް މުހައްމަދު ލުތުފީ އެވެ. ވަކި އުސޫލު ތަކަކާއި ގަވާއިދުތަކަކާ އެކުއެވެ.

”ފަތިހު ފަހެއް ޖަހާއިރު ރަނގަބީލު ޖަހާނެ ފަތިސް ނަމާދަށް. ހައެއް ޖަހާއިރު ކަސްރަތު ގަޑިއަށް ރަނގަބީލު ޖަހާނެ. ރަނގަބީލު އަޑު މުޅި ރަށަށް އިވޭނެ. ކަސްރަތު ނިންމާފައި ގެއަށްއައިސް ތައްޔާރުވެލެވޭ އިރަށް ސްކޫލަށް ދާން ރަނގަބީލު ޖަހާނެ. ނުވަގަޑި އިންޓަވަލް އަށް އަނެއްކާ ރަނގަބީލު ޖަހާނެ 9:15 ގަ. ކަސްރަތު ކުރަނީ ބޯޅަ ދަނޑުގަ. ކޮންމެ ބުރާސްފަތި ދުވަހަކު ފަތިހު ފެތުން އޮންނާނެ. މަރުހޫމް ކެލާ އަލިމަނިކު ހުންނަވަނީ ކެޑޭޓް މާސްޓަރަކަށް .“

ބާގިރު ވިދާޅުވީ ބަހިއްޔާއިން ދީފައިވަނީ ހަމައެކަނި ފޮތުގެ ތައުލީމު ނޫންކަމަށެވެ. ރަނގަޅު ތަރުބިއްޔަތަކާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދަރިވަރުން ހަށިހެޔޮ ބަޔަކަށް ހެއްދެވުމުގެ ގޮތުން ފިޒިކަލް އެޑިއުކޭޝަން ތައާރަފް ކުރި ރާއްޖޭގެ ފުރަތަމަ ސްކޫލަކީ ބަހިއްޔާކަމުގައެވެ.

ހެޕީ ގްރައުންޑް އަދި ފުޓްބޯޅަދަނޑު

މިހާރު ބ އަތޮޅު ތައުލީމީ މަރުކަޒު ހުރި ގޯއްޗަކީ ކުރިން އޭދަފުށީގެ ބަށި ކޯޓެވެ. އެތަނުގައި ބަށި ކޯޓެއް އަޅުއްވައި ”ހެޕީގްރައުންޑް”ގެ ނަން ދެއްވައި މާމެލާމެލީގެ ރީތި ބަގީޗާއަކަށް ބަދަލު ކޮށްލެއްވީ އުސްތާޒް ލުތުފީއެވެ.

ކުޑަކުޑަ ވަލެއްހެން އޮތް މުޅި އެސަރަހައްދު ސާފުކުރީ ބާގިރުވެސް ހިމެނޭ ގޮތަށް މަދަރުސާ ކުދިންނެވެ. ”ސާފުކޮށް ނިމުމުން ފުނަ އޮށުން ”ހެޕީގްރައުންޑް“ ޖަހާފައި ބޮޑު ރަސްމިއްޔާތަކާވެސް އެކު ބަށި ކޯޓު ހުޅުވީ.“

އޭދަފުށީގެ ރަސްމީ ބޯޅަދަނޑު މިހާރު ފެންނަން ހުރި ގޮތަށް ބަދަލު ކޮށްލެއްވީވެސް ނާޒިރުގެ ބެލުމުގެ ދަށުން ބާގިރުމެންނާއެކު ކިޔެވި ބަހިއްޔާގެ ދަރިވަރުންނެވެ.

”1964ގަ އެއީ. އޭރު ދަނޑު އެއްވަރެއް ނުވާނެ. އުސް ތަންތަނާއި އަޑި ތަންތަން ދަނޑުގައި ހުރޭ. ދަނޑު އޮންނާނީ އިރާ ހުޅަނގަށް. ލުތުފީ ވިދާޅުވީ ކީޕަރު ލޮލަށޭ އިރު އެޅޭނީ. ބޯޅައެއް އަތެއް ނުވާނެ އޭ. އެހެންވެ ބަދަލުކޮށްލީ އުތުރާ ދެކުނަށް.“

ކަޑަ ޖަހައިގެން ރަހަފަތި ބަހައްޓައިގެން ދަނޑު ތެދުކުރުމުގެ މަސައްކަތް ލުތުފީ ފެއްޓެވިއިރު އެ މަސައްކަތްކުރީ ބާގިރާއެކު މަދަރުސާގައި އުޅުނު ދަރިވަރުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top