ފިލްމް ސައްޔާރާގެ ބަތަލާ އެނގެނީ ކިހާ ވަރަކަށް؟

aneer-1.jpg

އިންޑިޔާގެ ދިއްލީ ޔުނިވާސިޓީގެ ކްލާސް ރޫމުން ނުކުމެގެން ސީދާ ޔާޝްރާޖް ފިލްމްގެ ސައްޔާރާ ގެ ސެޓަށް ނުކުތް އަނީތު ޕާޑާއަކީ ކާކު ހެއްޔެވެ. ނަމުގެ ފަހަތަށް ފިލްމީ އާއިލާގެ ނަމެއް ނެތް އަދި ޕަބްލިސިޓީ ކެމްޕޭނަކާވެސް ނުލައި އޭނާގެ ފުރަތަމަ ފިލްމުގެ ބޮޑު ކާމިޔާބާއެކު ކުއްލިއަކަށް ފިލްމީ ދުނިޔޭގެ މެދު އުޑުގައި ފިޔަޖަހާ ތަރިއަކަށް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ. އޭނާގެ ފިލްމް ”ސައްޔާރާ“ އެހާ ބޮޑަށް އަރައިގެން ދިޔައީ ފިލްމީ ދުނިޔެއަށް އަލަށް ތައާރަފްވި އުމުރުން އެންމެ 22 އަހަރުގެ ޒުވާން އަނީތު ޕާޑާއަހާން ޕަންޑޭއާއި ގެ ކެމިސްޓްރީ މާބޮޑަށް ކަމުގޮސްގެންނެވެ.

އިންޑިޔާގެ ޕަންޖާބު، އަމްރިތުސާގެ އާދައިގެ އާއިލާއަކަށް އުފަން އަނީތުގެ އުފަންދުވަހަކީ 2002ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 14އެވެ. ސްކޫލްގައި ކިޔެވި ދުވަސްވަރު ޓީޗަރުން އޭނާ ފާހަގަކޮށްފައިވަނީ ލަދުރަކި މަޑުމައިތިރި ކުއްޖެއްގެ ގޮތުގައެވެ. ފުރާވަރު އުމުރުގައިވެސް އޭނާއަކީ ޑްރާމާއަށް އެހާ ޝައުގުވެރިކަން ހުރި ކުއްޖެއް ނޫނެވެ. ސަމާލުކަން ދިނީ ކިޔެވުމަށެވެ. ހައިސްކޫލް ނިންމުމަށްފަހު ދިއްލި ޔުނިވަސިޓީ އިން އޭނާވަނީ ޕޮލިޓިކަލް ސައިންސުން ބީއޭ ނަގާފަ އެވެ.

އަނީތު އެންމެ ފުރަތަމަ ކެމެރާ ކުރިމައްޗަށް ނުކުތީ ނެސްކެފޭ އިޝްތިހާރެއް ކުޅުމަށެވެ. ސިކުންތު ކޮޅެއްގެ އެ އިޝްތިހާރުގައި އޭނާގެ ފަރި ހިނިތުންވުމާއި ހުނަރު ފެނި މިއީ މުސްތަގުބަލެއް އޮތް ތަރިއެއް ކަން އެނގުނެވެ. އެގޮތުން 2022 ގައި ޓީވީ ޑްރާމާ އެއްގެ ލީޑު ރޯލް ލިބުން ވެގެން ދިޔައީ އެ އިޝްތިހާރުގައި އޭނާ ދެއްކި ހުނަރުވެރިކަމުންނެވެ.  އެއަށްފަހު 2024ގައި އެމެޒޯން ޕްރައިމް ސީރީސް ގެ ”ބިގް ގާލްސް ޑޯންޓް ކްރައި” ގައި ކުޅުނު ރޫހީގެ ރޯލުން އިންޑިޔާގެ ބޮޑެތި ޕްރޮޑިއުންސަރުން އޭނާ ފަހަތުން މުގޯލި އަޅަން ފެށިއެވެ. އެގޮތުން ޔާސް ރާޖް ފިލްމްސްގެ ޑިރެކްޓަރު މޯހިތު ސޫރީ، އޭނާގެ އާ ފިލްމް ސައްޔާރާގެ ބަތަލާ އަކަށް އަނީތު ހޮވީ ޔަގީންކަމާ އެކުއެވެ. ވާގޮތެއް ބަލާލާކަށް ނޫނެވެ. ސްކްރީން ޓެސްޓެއް ހެދީވެސް ޔަގީންކަމާ އެކުއެވެ. އެއަށްވުރެ ކުރިންވެސް މޯހިތު ވަނީ އަނީތު ކުޅުނު ޑްރާމާ ބަލާފައި ހިންދީސިނމާ އަށް ހަމަ މިހާރު ފޯކަސްކުރަންވީ ކަމަށް  ބުނެފައެވެ. ނަމަވެސް އަނީތު އޭރު ބުނީ އެހެން ޕްލޭނެއް އޮތްކަމަށެވެ.

މިދިޔަ ޖުލައި މަހު ނުކުތް ސައްޔާރާއަށް ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި ވަނީ 400 ކުރޯޑު ރުފިޔާ ލިބިފައެވެ. ފިލްމު މާކެޓް ކުރުމަށް އިޝްތިހާރުގެ ގޮތުގައި އެއްވެސް ކެމްޕޭނެއް، ރެޑް ކާޕެޓް އިމޭޖެއް، ޕޯސްޓަރެއް ބޭނުން ނުކޮށެވެ. މިވަރުގެ ބޮޑު އާމްދަނީއެއް ލިބުނީ އާ ދެތަރިންގެ އެކްޓް އާދަޔާ ޚިލާފަށް މޮޅުވުމުން ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާ ތަކުން ބުނެ އެވެ.

ޕޮލިޓިކަލް ސައިންސްއިން ބީއޭ ނަގާފައި ހުރި އާދައިގެ އަންހެންކުއްޖެއް ގެ މި ބޮޑު ކާމިޔާބީ އާއި ގުޅިގެން އޭނާގެ ޓީޗަރަކު ބުނެފައިވެއެވެ. ”އަނީތު އަކީ އަބަދުވެސް އުދުހޭ ހިތްވާ ކުއްޖެއް. އެހެންވީމާ އަހަރެމެންނަށް އޭނާ އަށް މި ހޯދައިދެވުނީ އުދުއްސައިގަންނަން ބޭނުންވާ ވަރަ ނުވަތަ ފިޔަގަނޑު “

މިހާރު އަނީތު އެހެރީ ހަތަރު އަނގޮޅިއެއްގެ މެދުގައެވެ. އޭނާއަކީ މިހާރު އާދައިގެ ތަރިއެއް ނޫނެވެ. ލީޑިންގެ ލޭޑީއެކެވެ. ކުރިއަށް ދާންވީއެވެ. ހަތަރު ފަރާތުންވެސް އޭނާއަށް ހަނާ އަޅަނީ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top