މެންބަރު ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއި ކުރައްވައިފި

ނާޒިމް ޕީޕީއެމްއަށް ސޮއިކުރި ފޯމް ރައީސް ޔާމީނަށް އަރުވަނީ

ނާޒިމް ޕީޕީއެމްއަށް ސޮއިކުރި ފޯމް ރައީސް ޔާމީނަށް އަރުވަނީ

ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއިކުރެއްވިކަން އެޕާޓީން ޔަގީންކޮށްދެއްވި ނަމަވެސް އޭނާ ޕީޕީއެމަށް ސޮއިކުރެއްވި ވަކި ދުވަހެއް އެ ޕާޓީން ބުނެފައެއް ނުވެ އެވެ. ނަމަވެސް ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއިކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އީވީއަށް ވަނީ ޔަގީންކުރެވިފަ އެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް ތުޅާދޫ ދާއިރާގެ މެންބަރު ކަން ކުރައްވާފައިވާ ނާޒިމް ރަޝާދު ނިމިގެންދިޔަ މަޖިލީހަށް 2009 ވަނަ އަހަރު އިންތިހާބުވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ވަނަ އަހަރު އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ. އަދި މިހާރު ކުރިއަށްދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭނާ ތުޅާދޫ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ.

ނާޒިމް ޕީޕީއެމަށް ސޮއިކުރެއްވީ މީޑިއާއަށް ދައުވަތު ނުދީ މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީންގެ ހާޒިރުގަ އެވެ.

ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއި ކުރެއްވުމާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އެޕާޓީގެ މެންބަރުންގެ އަދަދު ވަނީ 42 އަށް އަރާފަ އެވެ. އަދި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 23 މެންބަރުންނަށް ދަށްވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top