ބ.އަތޮޅުގައި ލަގްޒަރީ ރިސޯޓްތައް ގިނަވާއިރު ބ.އަތޮޅުގެ ވައިގެ ދޮރާށި ތައްޔާރުތަ؟

95793281-800x450-800x450.jpg

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް. ފޮޓޯ: ދަރަވަންދޫ އެއާޕޯޓް

އަޅުގަނޑު އައީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ފުރައިގެން ދަރަވަންދޫ އަށެވެ. މިއީ އަހަރަކު ހަތްލައްކައާ ގާތްކުރާ އަދަދަކަށް މީހުން އުފުލާ ރާއްޖޭގެ އެންމެ ބިޒީ ޑޮމެސްޓިކް އެއާޕޯޓެވެ. ރައީސް ވަހީދު ވިދާޅުވި ފަދައިން ބ.އަތޮޅުގެ ވައިގެ ދޮރާއްޓެވެ. މަދު އަދަދެއްގެ ދިވެހިން ކޮޅެއް ތިބި ނަމަވެސް  ބ.އަތޮޅުގެ ރިސޯޓްތަކަށް ފަތުރުވެރިން ގޮވައިގެން އައި ފްލައިމީގެ ފްލައިޓެއްގައެވެ.

ބައެއް ފަތުރުވެރިން އައީ އާއިލާ އާއެކު ދެއަހަރު ނުފުރޭ ދަރިން ވެސް ގޮވައިގެންނެވެ. ވިއްސަކަށް މިނިޓްގެ ދަތުރަކަށްފަހު ދަރަވަންދޫ ވައިގެ ބަނދަރަށް ބޯޓު ޖެއްސިއިރުވެސް ތުއްތު ކުއްޖަކު ރޮމުން ގެންދެއެވެ. ބޯޓުތެރެ އެކުދިން ބޭނުންވާ ވަރަށް ފިނި ނުވުމުން ކަމަށް ވެދާނެއެވެ.

“އަންނަމީހުން” ގެ މާލަމަށް ގެސްޓުން ވަނުމާއެކު އެމީހުން ރިސީވް ކުރަން އައިސްތިބި ރިސޯޓްތަކުގެ ސްޓާފުން ހިނިތުން ވުމާއެކު “މަރްހަބާ ދިވެހި ރާއްޖެ” ކިޔާފައި ސަލާންކޮށްލިއެވެ. އެމީހުންގެ މޫނުން ލުއިލުއި ހިނިތުންވުމެއް ފެނުނެވެ. އެކަމަކު ގައުމުން ފުރައިގެން އައި ފަތުރުވެރިންގެ ޑްރީމީ ޑެސްޓިނޭޝަން ނުވަތަ ވެލާނާ އިންޓަރ ނޭޝަނަލް އެއާޕޯޓަށް އައުމާއެކު ފެންނަ އުފާވެރިކަމެއް ނުފެނެއެވެ. ވަރުބަލިވީމާ ކަމަށް ވެދާނެއެވެ. ނޫނީ އެމީހުން ހީކުރި ގޮތަށް ކަންތައް ނުހިނގާތީ ކަމަށްވެސް ވެދާނެއެވެ. އޭރުވެސް އެއް ކުއްޖަކު މަންމަގެ ކޮނޑުމަތީގައި އޮވެގެން ރޮމުން ގެންދެއެވެ. ދެއަހަރެއްހައި ދުވަސް ވެދާނެކަމަށް ހީވާ އެދަރިފުޅު މަސަލަސް ކުރުމުގެ ގޮތުން މަންމަ މި ދައްކަނީ ފްލައިޓުން އެމީހުންގެ ލަޖެޖްތައް ބާލާ ތަނެވެ. ދާންވީ މަންޒިލާ ހަމައަށް ނުދެވިގެން މިއުޅެނީ ލަގެޖްތައް އައުން ލަސްވާތީއެ ބުނާ ކަހަލަ ގޮތަކަށެވެ.

މިނިޓްތަކެއް ފާއިތުވެގެން ދިޔައެވެ. ބޯޓަށް ބަލައިލިއިރު ދެމީހަކު ވެގެން އެމީހުންނަށް ލިބޭ މުސާރައިގެ ސްޕީޑްގައި ލަގެޖްތައް ފްލައިޓުން ބާލައިގެން އެތަނުގައި އޮތް ޒަމާންވީ ރީދޫ ކުލައިގެ ގާޑިޔަލަށް އަރުވަމުން ގެންދެއެވެ. ފްލައިޓް ފުލްކޮށް މީހުން އައިއިރު އެންމެ ގާޑިޔާއަކުން ހުރިހާ އެއްޗެއް ބޭލުމުގެ ބަދަލުގައި އިތުރު އެއްޗެއް ބޭނުން ނުކުރަނީ ކީއްވެގެން ބާއޭ ހިތަށް އެރިއެވެ. ގައިމުވެސް އަވަސްވާނެއެވެ. އެހެންވެ އިތުރު އެހެން ގާޑިއަލެއް ދެން ނެތީތޯ ޖެހިގެން ހުރި “ފުރާ މީހުން” ގެ ހޯލަށް ބޯކޮއްޕާލާފައި ބަލައިލީމެވެ. އެތަނަކުވެސް އިތުރު އެއްޗެއް ނެތެވެ. އެގާޑިޔާ ބަރުކޮށްގެން އައިސް އެއިން ތަކެތި ބާލާފައި އަނެއްކާވެސް ފްލައިޓް ދޮށަށް ދިޔައީ ހަމަ އެގާޑިއާއެވެ. ހުރިހާ އެއްޗެއް ފްލައިޓުން ބާލައި ނިމުނީ މިގޮތަށް ތިން ދަތުރު ކޮށްގެންނެވެ. ވަރަށް ގިނަ ވަގުތު ތަކެކެވެ.

ހިތަށް އެރިއެވެ. މަތީ ފެންވަރުގެ ނުވަތަ ލަގްޒަރީ ފެންވަރުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ރާއްޖެގެ ރިސޯޓުތަކުން ޚިދުމަތް ދޭއިރު ފަތުރުވެރިކަމުގެ މިދާއިރާ މިއޮތީ ހާދަހާ ފަހަތުގައެވެ. މާލެއިން ދަރަވަންދުއަށް އައުމަށް ހޭދަވި ވަގުތަށްވުރެ މާގިނަ ވަގުތު ލަގެޖްގެ އިންތިޒާރުގައި އާދައިގެ ހޯލެއްގައި އެއެންމެން ތުއްތު ދަރިންނާއެކު ކޮޅަށް ބައިތިއްބުމުން ފަތުރުވެރިންނަށް މަރުހަބާ އެކިޔެނީ ކޮން ފެންވަރެއްގައި ހެއްޔެވެ. ކޮންކަަހަލަ މަރުހަބާއެއް ހެއްޔެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމުގައި ސަރުކާރުން ބުނެއެވެ. ޓޫރިޒަމް އިޝްރިހާރު ކުުމަށް ބިޔަ ބަޖެޓެއްވެސް ކޮންމެ އަހަރަކުވެސް އޮވެއެވެ. ދުނިޔޭގެ ހަތަރު ބިތުގައި ފެއަރ ތައް ބާއްވައިގެން ރާއްޖެ އިޝްތިހާރު ކުރެއެވެ. އެކަމަކު ރާއްޖެ އަންނަ ފަތުރުވެރިން ،ރިސޯޓް ތަކަށް ދާން އޮންނަ މަގުގެ މަތިން ސަރުކާރު، ހަނދާން ހުރިހެން ހީއެއް ނުވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތު މާލެއަތޮޅުން ބޭރުވެ އަތޮޅުތަކަށް ފެތުރިގެން ގޮސްފައިވާއިރު އެންމެ ފާހަގަ ކުރެވޭ އަތޮޅަކަށް ބ.އަތޮޅު ވާނެއެވެ. ޖުމްލަ 18 ރިސޯޓު އޮންނައިރު އޭގެ ތެރެއިން 90 އިންސައްތަ ރިސޯޓަކީ މަތީ ފެންވަރުގެ ރިސޯޓްތަކެވެ. އިތުރުކޮށްލާނަމަ ގޮއިދޫ އަތޮޅުގެ ރީތި ގުދުރަތީ މާހައުލާއި މަޝްހޫރު ހަނިފަރު ބޭ ބަލާލުމުގެ ބޭނުމުގައި ރާއްޖެ އަންނަ ފަތުރުވެރިން މަދެއް ނުވާނެއެވެ. ތަންކޮޅެއް އަގުހެޔޮކޮށް މި މާހައުލުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފުޅަދޫއާއި ފެހެންދޫއާއި މާޅޮހާއި ދަރަވަންދޫ އާއި މިނޫން ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރިވެސް މިހާރު ހުރީ ތިންތަރީގެ ފެންވަރުގައެވެ.

ރިސޯޓް ތަކާއި ގެސްޓްހައުސްތައް އޮތީ ތައްޔާރަށެވެ. ދުނިޔޭގެ އެންމެ މުއްސަނދިންނާއި ރޯޔަލް ފެމެލީ އަށް ޚިދުމަތް ދިނުމާމެދުވެސް ސުވާލެއް ނެތެވެ. ސުވާލު އޮތީ އެމީހުން ބ.އަތޮޅުގެ ރިސޯޓްތަކާ ހަމައަށް އައުމަށް މާލޭ ވައިގެ ބަނދަރުން ފުރައިގެން އައުމަށް ކުރަންޖެހޭ ދިގު އަދި ފޫހި ދަތުރުތަކާ މެދުގައެވެ. އެ ދަތުރުތަކަކީ ފަތުރުވެރިން އުފުލަން ޖެހިފައިވާ ބޮޑު ތަކުލީފެކެވެ.

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކަށް އައުމުން އިހުސާސް ކުރެވެނީ އެއާޕޯޓެއް އެޅުމަކީ ހަމައެކަނި ރަންވޭއަކުން ފުއްދާލުން ކަމަށް ސަރުކާރުން ދެކޭހެންނެވެ. އެހެން ނޫންނަމަ ބައިވަރު ލަގްޒަރީ ރިސޯޓުތަކެއްގެ މެދުގައި އޮތް ހައަހަރުވާން މަދު ދުވަސްކޮޅަކަށް ވެފައިވާ މިއެއަޕޯޓުން ލިބޭ ޚިދުމަތުގެ ފެންވަރަށް ކުރިއެރުމެއް ނުލިބިއެއް ނޯންނާނެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top