އަންނަ މަހުން ފެށިގެން ސާވިސްޗާޖް ދިނުން މަޖްބޫރު ވާނެ!

b_TLvEDkjqadpFwZ1vVm4SRWJ6X-800x600-800x600.jpg

ބ. އަތޮޅުގެ ރިސޯޓު ތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޓީމް

އަންނަ ޖަނަވަރީ މަހު 1ވަނަ ދުވަހުން ފެށިގެން ހޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ ހިދުމަތުން ނަގާ ސާވިސްޗާޖު، ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް ހަމަހަމަ އަށް ބަހަންޖެހޭ އިސްލާހަށް އަމަލު ކުރަން ފަށާއިރު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖު ނަގަން ޖެހެއެވެ.

އަދި، ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ވިޔަފާރިތައް ފިޔަވައި، އެހެން ވިޔަފާރިތަކަށްވެސް އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން ސާވިސްޗާޖް ނެގުމުގެ އިހުތިޔާރު އެފަރާތްތަކަށް ގާނޫނުން ލިބެއެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު، ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަން ޖެހޭނެއެވެ.

އެގޮތުން ސާވިސްޗާޖުގެ ގޮތުގައި ލިބޭ ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހޭއިރު ސާވިސްޗާޖް ބެހުމުގައި އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނު ބުނެއެވެ.

އެގޮތުން ވިޔަފާރިއެއްގެ ތެރޭގައި ތަފާތު ހިދުމަތްދޭ ވަކިވަކި ވިޔަފާރިތައް މާނަކުރަންވާނީ އެއް ހަމައަކުން ކަމަށްވެސް ގާނޫނު ބުނެއެވެ. އޭގެ ތެރޭގައި ހިދުމަތްދޭ ފަރާތުން، ހިދުމަތް ދިނުމުގައި ސީދާ ގޮތުން އަދި ނުސީދާ ގޮތުން ބައިވެރިވާ މުވައްޒަފުންވެސް ހިމެނޭ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސާވިސްޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ އަދަދުގެ އެއް ޕަސެންޓު، އިދާރީ ފީގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ނެގިދާނެ ކަމަށާއި އެއަށްވުރެ އިތުރަށް އެ ފައިސާ އިން ވަޒީފާ ދޭ ފަރާތުން ނެގުން ގާނޫނުން ވަނީ މަނާކޮށްފައެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު ހިދުމަތެއް ފޯރުކޮށްދިނުމުގައި ވަޒީފާދޭ ފަރާތަށް ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު ޖުމުލަ އާމްދަނީ އާއި، އެމަހަކު ސާވިސްޗާޖް ލިބުނު މުވައްޒަފުންގެ އަދަދާއި، ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ހައްގުވާ މިންވަރާއި، ސާވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު، ވަޒީފާދޭ ފަރާތުން ގަވާއިދުން ބަލަހައްޓަން ޖެހެއެވެ.

އަދި ކޮންމެ އަހަރަކު ދެ ފަހަރު، އެ މައުލޫމާތު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފޮނުވަން ޖެހެއެވެ.

އަދި މިގޮތަށް ގާނޫނުގައި އޮތްނަމަވެސް، ލޭބާ ރިލޭޝަންސް އިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެ މައުލޫމާތު އެ އޮތޯރިޓީ އަށް ހިއްސާ ކުރަން ޖެހެއެވެ.

މިކަމާ ހިލާފުވެއްޖެ ނަމަ ވަޒީފާ ދޭ ފަރާތް 50،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ގާނޫނުގެ ދަށުން ލިބިދެއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަމުން ނުދާނަމަ ނުވަތަ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސްޗާޖު ބަހަމުން ނުދާނަމަ ވަޒީފާ ދޭ ފަރާތްތައް 100،000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމާއެކު އެފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ބާރު ވެސް ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ގާނޫނުން ލިބިދެއެވެ،

މިގޮތަށް ޖޫރިމަނާކުރުމުގެ އުސޫލުތަކާއި އަޅާނެ ފިޔަވަޅުތައް ބަޔާންކޮށް، މި ގާނޫނުގެ ދަށުން ލޭބާ ރިލޭޝަންސް އޮތޯރިޓީން ގަވައިދެއް ހަދައި އާންމު ކުރަންޖެހެއެވެ.
މީގެ ކުރިން ގާނޫނުގައި އޮންނަގޮތުން، ވަކި އިންސައްތައެއް ސާވިސްޗާޖުގެ ގޮތުގައި ނަގަން ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ސާވިސްޗާޖުގެ ގޮތުގައި ލިބޭ ފައިސާ އިން އިދާރީ ހިދުމަތަށް އެއް ޕަސެންޓު ނެގުމަށްފަހު ބާކީވާ ބައި މުވައްޒަފުންގެ މެދުގައި ބަހަން ގާނޫނު ލާޒިމް ކުރެއެވެ.

ނަމަވެސް ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ ވަޒީފާ ދޭ ފަރާތުން، ސާވިސް ޗާޖުގެ ގޮތުގައި ނަގާ 10 ޕަސެންޓުން، މުވައްޒަފުންނަށް ހައްގުވާ ބައި ނުލިބޭކަމުގެ ޝަކުވާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top