އަންނަ މާޗްމަހު ފެށޭ މިނިވަން 50 ޗެމްޕިއަންޝިޕްގައި 75 ޓީމް ރާއްޖެއިން ބައިވެރިވެފައިވާއިރު ފުޓްބޯޅައަށް މަޝްހޫރު ބ. އަތޮޅުން ބައިވެރިވެފައިވަނީ އެންމެ ދެޓީމެވެ.
އެއީ ޒޯން 3 ގައި ހިމެނޭ އޭދަފުށްޓާއި ދަރަވަންދޫއެވެ.
މާޗްމަހުގެ 15ގައި ފެށުމަށް ހމަޖެހިފައިވާ މި މުބާރާތުން ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ. އެއަީ އަތޮޅު ބުރާއި މާލޭގައި ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ޒޯން ލީގު ބުރެވެ. ޕްރެމިއަރލީގަށް ހޮވޭނީ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ލީގު ބުރުގެ ގަދަ ހަތަރެކެވެ.
މުބާރާތް ފަށާ ދުވަހުން ފެށިގެން އެ އަތޮޅެއްގެ މުބާރާތާއި ޒޯން މުބާރާތް އެއް މަސް ތެރޭގައި ކުޅެ ނިންމާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޒޯން ޗެމްޕިއަނުންގެ ބުރާއި ޕްރިމިއާ ލީގަށް ކޮލިފައިވާ ގަދަ ހަތަރު ޓީމު މާލޭގައި ހަތަރު މަހެއްހާ ދުވަހު މަޑުކުރަން ޖެހޭއިރު، އެ ޓީމުތަކަށް މާލީ އެހީއެއް ފޯރުކޮށްދޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. މި ގޮތުން ޕްރިމިއާ ލީގަށް އަތޮޅު ތަކުން އަންނަ ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ހަތަރު ކުންފުނި މެދުވެރިކޮށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ އޭދަފުށްޓެވެ. އެއީ 0-1 ން ތިމަރަފުށި ބަލިކޮށްގެންނެވެ.