ގައުމީ ފެންވަރުގެ އަންހެން ފުޓްބޯޅަކުޅުންތެރިން އޭދަފުށީގައި އެބަތިބި – ފަދުވާ

DSCN7074.jpg

ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން ، ފަދުވާ ޒާހިރު އޭދަފުށީގައި - ފޮޓޯ : އީވީ

ގައުމީ ފެންވަރުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން އޭދަފުށީގައި އެބަތިބި ކަމަށާއި އޭދަފުށީގެ ފިރިހެން ކުޅުންތެރިންނާ ވާދަކުރެވޭ ފެންވަރުގެ އަންހެން ކުޅުންތެރިންތަކެއްވެސް އުފެދިގެންދާނެކަމަށް އުއްމީދުކުރާކަމަށް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރު ބުނެފިއެވެ.

އަޟްޙާ އީދުގެ މުނާސަބަތުގައި އޭދަފުށީގައި މިހާރު ކުރިއަށްދާ އަންހެން ފުޓްބޯޅަ މުބާރާތެއްގައި ކުޅުމަށް މިވަގުތު އޭދަފުށީގައި ހުރި ފަދުވާ ބުނީ އޭދަފުށީގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ކުޅުންތެރިންގެ ފެންވަރު ހީކުރިވަރަށް ވުރެ މާބޮޑަށް ރަނގަޅު ކަމުގައެވެ.

” ކުދިންގެ ފެންވަރު ވަރަށް ރަނގަޅު. ފާހަގަކުރެވޭ މޮޅު ކުޅުންތެރިން ތަކެއްވެސް އެބަތިބި. އޭގެ ތެރެއިން ގައުމީ އަންހެން ޓީމަށް ނެގޭވަރުގެ ތިން ހަތަރު ކުޅުންތެރިން ފާހަގަ ކުރެވުނު.” އީވީއަށް ދިން އިންޓަވިއުއެއްގައި ފަދުވާ ބުންޏެވެ.

ފަދުވާ މިވަގުތު އޭދަފުށީގައި ހުރީ އޭދަފުށީ މަގޫސްޓާރގެ ދައުވަތަކަށް އެޓީމަށް ކުޅުމަށެވެ. މަގޫސްޓާރގެ ފަރާތުން އޭނާ އޭދަފުށްޓަށް ގެނައީ އެޓީމަށް ތަށި ހޯދައި ދޭށެވެ. މަގޫސްޓާރގައި ފަދުވާ ނޫން އެހެން މަޝްހޫރު ކުޅުންތެރިންވެސް ވަނީ  މާލެއިން ގެނެސްފައެވެ. މި މޮޅު ކުޅުންތެރިންނާއެކު ފަދުވާ ގެ ކެޕްޓަންކަމުގެ ދަށުން މަގޫސްޓާރ އަށް ތަށި ނުހޯދެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވަނީ އެޓީމްގެ މަސްއޫލު ވެރިޔާ ނިމާލް އެކަންޏެއްނޫނެވެ. ފަދުވާގެ ވާހަކައަކީވެސް އެއީއެވެ. އޭނާވެސް ހުރީ އެއަޒުމްގައެވެ.

” އަދި މާގިނަ މެޗްތަކެއް ނުކުޅެވޭ. މާގިނަ ކުޅުންތެރިންގެ ފެންވަރެއްވެސް ނުފެނޭ. އެހެން ނަމަވެސް މުބާރާތް ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.” ވަރަށް މަޑުމައިތިރި މިޒާޖެއްގެ ފަދުވާގެ ވާހަކައަކީމިއެވެ.

އޭދަފުށީ ޓީމްތަކުގެ ކުޅުންތެރިންނާމެދު ދެކޭގޮތް ބަޔާންކޮށްދެއްވަމުން ބުނީ ހީކުރިވަރަށްވުރެ ބޮޑު ކުރިއެރުމެއް އޭދަފުށި ވަނީ ފުޓްބޯަޅައިން ހޯދާފައި ކަމަށާއި ގައުމީ ޓީމް ގެ ކެޕްޓަނެއްގެ ހައިސިއްޔަތުން އެކަމަށް ފަޚްރުވެރިވާކަމުގައެވެ.

ފަދުވާ ވިދާޅުވީ އަންހެނުންގެ ފުޓްބޯޅައިގެ ރަނގަޅު ކުރިއެރުމެއް އޭދަފުށީގައި އޮތްކަމަށާއި އޭނާއަށް ފެނިފައިވާ ކުޅުންތެރިންގެ ތެރެއިން ތަޖްރިބާ މަދު ކުޅުންތެރިންވެސް ކުރިމަގުގައި ރަނގަޅު ކުޅުމެއް ކުޅޭތަން ފެނި މާލޭގެ ދަނޑުތަކުގައިވެސް އެކުދިންގެ ވިދުން ފެނިގެންދާނޭ ކަމުގެ އުއްމީދު ބޮޑުކަމުގައެވެ.

“އޭދަފުށްޓަށް މިއައީ އަލަށް .މި ރަށުން ލިބުނު މެހްމާން ދާރީއާއި ހިތް ހެޔޮކަމަކީވެސް ޝުކުރު އަދާކުރަން ޖެހޭ ކަމެއް .ހަމައެއާއެކު މަގޫސްޓާރގެ ފަރާތުން ލިބުނު މެހްމާންދާރީއާއި އޯގާތެރިކަން ހީކުރިވަރަށްވުރެ މާބޮޑަށް ވެސް ރަނގަޅު. އެކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.”

އޭދަފުށްޓަަކީ ވަރަށް ހިތްހެޔޮ ރައްޔިތެއްް އުޅޭ ރަށެއް ކަމަށް ފާހަގަކުރައްވަމުން އޭނާ ބުނީ މިދަތުރަކީ އޭނާގެ ހަޔާތުގައި ކުރެވުނު ވަރަށް އުފާވެރި އިހްސާސްތަކަކާ ހަމަ އެހާމެ އުފާވެރި ހަނދާން ތަކަކާއެކު ނިންމާލެވޭ ދަތުރެއްކަމަށް ވާތީ މިއީ ހިތުންނުފިލާނެ ހިތްގައިމު ހަނދާނެއްގެ ގޮތުގައި އަބަދުވެސްރައްކާ ކުރެވިގެންދާނެ ކަމަށް ފަދުވާ ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top