އަންނަ މަހުވެސް ކަރަންޓު ބިލް ބޮޑުވާނެ ކަމަށް ލަފާކުރެވޭ: ފަހުމީ

DSCN7252.jpg

ކަރަންޓް ކޭބަލް ރަނގަޅު ކުރުމުގެ މަސައްކަތުގައި ފެނަކަ ސްޓާފުން -އީވީ ފޮޓޯ

ލަފާކުރެވޭ ގޮތުގައި އަންނަ މަހުގެ ކަރަންޓު ބިލްވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާ ޕީއެސްއެމް ނިއުސްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ގޭބީސީތަކުގެ ކަރަންޓު ބިލު ބޮޑުވާ ކަމަށާއި ސްޓެލްކޯގެ ހިސްޓްރީ ޕެޓާން ހުރި ގޮތުން މި މަހުގެ ކަރަންޓުގެ ބިލުގެ އިތުރުން އަންނަ މަހުގެ ކަރަންޓު ބިލުވެސް ބޮޑުވާނެ ކަމަށެވެ.

”އެއީ މޫސުމަށް މި އަންނަ ބަދަލުތަކާއި އަދި އަޅުގަނޑުމެންގެ މި ވަގުތުގެ ޕީކް މިހިރަ ގޮތުންނާއި އަޅުގަނޑުމެންގެ ޑީސަލް ކޮންސަންޕްޝަނާއި މި ހުރިހާ އެއްޗެއްގެ ޕެޓާނަށް ބަލާއިރު އަޅުގަނޑަަކަށް ގަބޫލެއް ނުކުރެވޭ މި އަންނަ މަހުގެ ބިލު ވެސް ކުޑަވެދާނެ ކަމަށެއް،“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު އެހެން އަހަރުތަކާ ހިލާފަށް ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އެ ބިލު ބޮޑުވީ ސްޓެލްކޯ އިން ކަމެއް ކޮށްގެން ނޫން ކަމަށެވެ. ކަރަންޓު ބިލު ބޮޑުވެގެން އުޅެނީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށާއި ރާއްޖޭގެ މިފަހުގެ ތާރީހެއްގައި އެންމެ ހޫނު ގަދަވީ މިދިޔަ މަހާއި މި މަހު ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

މީގެ ހައްލަކީ ކަރަންޓު އިގްތިސާދު ކުރުން ކަމަށާއި އެކަން އެގޮތަށް ނުކޮށް ކަރަންޓު ބިލު ކުޑަކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.

”އަޅުގަނޑު ދަންނަވާނީ މޫސުމަށް މި އަންނަ ބަދަލު ނުވަތަ އެމްބިއެން ޓެމްޕަރޭޗާ ހޫނު ވެއްޖެ ދެއްތޯ. އަދި ކައިރި ގައުމުތަކަށް ވެސް ހޫނު ވެއްޖެ،” އޭނާ ވިދާޅުވިއެވެ.

ރަމަޟާން މަހު ޑޮމެސްޓިކް ކަރަންޓު ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައި ދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ބިލަށް އެހެން މަސް މަހަށްވުރެ އިތުރުވާ އެވްރެޖު އަދަދަށް ޑިސްކައުންޓު ދިނުމަށެވެ.

އެހެންވެ ނިމިދިޔަ ރަމަޟާން މަހު ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ބިލް ކުރީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މީގެކުރިން ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top