ނޫސްތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހައްދަވައިދެއްވާނެ: ރައީސް

big_SkWMiVsRQdML8xKN48En08zB1.jpg

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވުން... ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މިސަރުކާރުން ވައުދުވެފައިވާތީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު އެކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންނަށް ތަހުނިޔާ އާއި ހެޔޮއެދުން ތައް ފޮނުއްވައި ނޫސްވެރީންގެ އަގުހުރި، ބުރަ މަސައްކަތަށް ތައުރީފު ކުރައްވައި އާންމު ކުރެއްވި ޚިތާބުގައި ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން ނޫސްތަކަށް އިނާޔަތެއް ދިނުމަށް މިސަރުކާރުން ވައުދުވެފައިވާތީ އެކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަން ކަމަށެވެ. އެކަމަށް ކުރިއަށް އޮތް މަޖިލީހާ އެކު ހައްލު ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ޚިތާބުގައި ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރިންގެ ބައިވެރިވުމާ ޚިދުމަތް ވަރަށް މުހިއްމު ކަމުގައި ވިދާޅުވި އެވެ. އަދި ރެއާއި ދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި މުޖުތަމައު ހޭލުންތެރިކުރުވުމާއި ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި ދައުލަތުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް ބުނެދިނުމާއި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ނޫސްވެރިންގެ ހުށަހެޅުންތަކާއި އުންމީދުތައް ދެނެގަނެ އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވީ ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި އެކި ދާއިރާތަކުން ތައުލީމާ ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރު ކޮށްދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާ ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުން ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ޚިތާބުގައި ނޫސްވެރިންނާއި ނޫސްތަކުން ތެދު މައުލޫމާތު ފެތުރުމަށާއި ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި ކޮންމެ ކަމެއްގެ ހަގީގަތްވެސް ހޯދައި ބެލުމަށް ސަމާލުވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top