ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ގެންދާ ބިދޭސީންގެ މައުލޫމާތު ދެނެގަނެވޭ ނިޒާމެއް “އަތޮޅު މޮޑިއުލް” ގެ ނަމުގައި މިއަދު މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފްކޮށްފި އެވެ.
މި ނިޒާމު ތައާރަފުކޮށްދެއްވީ އިމިގްރޭޝަންގައި އޮތް ހެނދުނު އޮތް ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމާއި ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.
މި ޚިދުމަތް ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީގައި އެވެ.
އަތޮޅު މޮޑިއުލްގައި އެރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ޖަމާކުރެވިފަ ހުންނާނެ އެވެ. އެ މަސައްކަތް ކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
އިމިގްރޭޝަނުން ބުނީ މި ވިއުގަ އާއި އިމިގްރޭޝަންގެ ބިދޭސީންނާއި ބެހޭ ވިއުގައާއި ގުޅާލެވިފައިވާ ކަމަށާ ނަތީޖާއެއްގެ ގޮތުން ގަވަައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަންނަން އިމިގްރޭޝަނަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ރަށެއްގައި އުޅޭ ބިދޭސިންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންކަން ކައުންސިލަށްވެސް ދެނެގަނެވޭނެ އެވެ.
އެ އިދާރައިން ބުނީ މި ނިޒާމް އަންނަ ޖޫން މަހުގެ ތެރޭގައި އިތުރަށްހަރުދަނާ ވެގެން ދާއިރު ބިދޭސީއެއްގެ އިނގިލީގެ ނިޝާން ބޭނުންކޮށްގެން އެ ބިދޭސީ މީހާގެ ސަހްޝު ދެނެގަނެވޭނެ ކަމަށާ މޫނުގެ ސިފަ ބޭނުން ކޮށްގެން ސްމާޓް ފޯނުންވެސް އެމީހާގެ ސަޚްޝު ދެނެގަނެ އެމީހާއަށް ރާއްޖޭގައި އުޅުމަށް ދޫކުރެވިފައިވާ ހުއްދައިގެ މައުލޫމާތު ދެނެގަނެވޭނެކަމުގަ އެވެ.