ރާއްްޖޭގެ ސްކޫލްތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ޔުނިސެފުން ހަދިޔާ ކޮށްފިއެވެ.
ޔުނިސެފުން މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި 420 ލެޕްޓޮޕާއި، ދަރިވަރުން ކިޔެވުމަށް ބޭނުންވާ 2726 ފޮތާއި ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ 2903 ސާމާނު ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު މިކަމަށް ޚާއްސަ ކޮށްގެން އޮތް ރަސްމިއްޔާތުގައި މިތަކެތި ޔުނިސެފްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކުރެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މުހައްމަދު އަލް-މުނީރެވެ. ދިވެހި ސަރުކާރުގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝާ ވަނީ މިފަދަ ދަނޑިވަޅެއްގައި ޔުނިސެފުން ރާއްޖެއަށް ހަދިިޔާކުރެއްވި ތަކެތިގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު ފައިދާއެއް ވާނެކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ޔުނިސެފުން ކެނޑިނޭޅި ވަމުން އަންނަ އެހީތެރިކަމަށްވެސް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
ކޮވިޑާ ގުޅިގެންވެސް ޔުނިސެފުން ވަނީ ރާއްޖޭގެ 22 ސްކޫލެއްގައި ރައްކާތެރިކަމާއެކު އަތްދޮވެވޭނެ ނިޒާމު ގާއިމު ކޮށްދީފައެވެ.