އަތޮޅު ރައްޔިތުންނަށް މާއްޑޫ ދިނުމަށް ގޮވާލަން: އަތޮޅު ކައުންސިލް

unnamed.jpg

މާއްޑޫ

މާލޭ ރަށްވެހިންނެކޭ އެއްގޮތަށް ބ އަތޮޅު ރައްޔިތުންވެސް ދަތުރު ގޮސް މޫދަށްއެރިލާނެ ރަށެއް ބޭނުންކަމަށާއި އެކަމަށް އޭދަފުށީގެ ދެކުނުން ޖެހިގެން އޮތް މާއްޑޫ ބ.އަތޮޅު ރައްޔިތުންނަށް ދިނުމަށް އަތޮޅު ކައުންސިލުން ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ޓިކެޓްގައި އަތޮޅުކައުންސިލް އަށް ވާދަކުރައްވައިގެން ހޮވިފައިވާ އަތޮޅު ކައުންސިލްގެ ރައީސް ރައީސް މަބްރޫކް ނަސީރު އޭނާގެ ފޭސްބުކްޕޭޖްގައި އިއްޔެ ކުރައްވާފައިވާ ޕޯސްޓެއްގައި ލިއުއްވާފައިވަނީ ބ. އަތޮޅު ގައި މީހުން ދިރިއުޅޭ ، ރިޒޯޓް ، ފަޅުރަށް ، ފިނޮޅު ހިމެނޭ ގޮތަށް ޖުމްލަ 82 ރަށުގެ ތެރެއިން އެއްވެސް ފަރާތަކަށް ނުދީ ބާކީ އޮތީ 2ރަށް (ބ މާއްޑޫ އަދި ދަކަންދޫ) ކަމަށެވެ.

“ހަމައެކަނި ބާކީ އޮތް މިދެރަށް ދަނޑުވެރިކަމުގެ ނަމުގައި ދޫކޮށްލުމަކީ ވަރަށްބޮޑު ދެެރައެއް ! ބ އަތޮޅުން މިހާރުވެސްވަނީ ދަނޑުވެރިކަމަށް 5 ރަށް އަދި އެކުއަކަލްޗަރ އަށް 1 ރަށް ދޫކޮށްފައި، އެންމެ ރަނގަޅު ގޮތަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައި އެކަން ކުރުވުން. ނުކުރާނަމަ އެރަށްތަށް އަނބުރާނެގުން ( ދަނޑުވެރިކަން ކުރުމުގެ ނަމުގައި މިރަށްތަކުގައި މަހުޖަނުންގެ ހޮލިޑޭ ހޯމް ހެދުމަކީ އިންސާފެއްނޫން )މާއްޑޫ ބ.އަތޮޅު ރައްޔިތުންނަށް ދިނުމަށް ގޮވާލަން ، މާލޭ ރައްވެހިންނެކޭ އެއްގޮތަށް ބ އަތޮޅު ރައްޔިތުންވެސް ދަތުރު ގޮސް މޫދަށްއެރިލާނެ ރަށެއް ބޭނުން!” މަބްރޫކު ލިއުއްވާފައިވެއެވެ.

އޮންލައިން ނޫސް ‘މިހާރު”ގައި މަބްރުކްއާ ހަވާލާދެއްވައި ލިއުއްވާފައިވަނީ ދަނޑުވެރިކަން ކުރުމަށް މާއްޑޫ ދޫކުރަން ސަރުކާރުން އިއުލާން ކުރުމާ އެކު ރައްޔިތުންގެ ކެތްތެރިކަންކޮޅުން ލައިފިކަމަށެވެ. އެމީހުންގެ ޝަކުވާ އަކީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އެ މަސައްކަތް ނުކޮށް، މަހުޖަނުން “ހޮލިޑޭ ހޯމް” އަކަށް ބޭނުން ކުރުންކަމަށް މަބްރޫކު ވިދާޅުވެފައިވެއެވެ.

“މި އަތޮޅުގައި ދަނޑުވެރިކަމަށް ހަ ރަށް ދޫކޮށްފައިވާއިރު، އެތަނުގައި މަސައްކަތް ކުރަނީ އެންމެ ރަށެއްގައި،” މަބްރޫކް ނަސީރު ވިދާޅުވި އެވެ. “އެހެން ހުރިހާ ރަށެއް ބޭނުން ކުރަނީ މަހުޖަނުން ޗުއްޓީ ހޭދަކޮށްލަން، ހޮލިޑޭ ހޯމެއްގެ ގޮތުގައި.” ސަރުކާރު ހިންގާ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލަރު ވިދާޅުވި އެވެ.

މާއްޑޫގައި ދަނޑުވެރިކަން ކުރުމަށް ބިޑަށް ލުމުން ރެކޯޑް އަދަދަކަށް މީހުން ކުރިމަތި ލިއެވެ. ބޮޑެތި ވިޔަފާރިވެރިންނާއި މަޖިލީހުގެ މެމްބަރުންނާއެކު 127 މީހުން ކުރިމަތިލި އެ ބިޑުގައިވާ ގޮތުން، 27 ހެކްޓަރުގެ އެ ރަށުގައި ދަނޑުވެރިކަން ކުރާނީ 30 ޕަސެންޓްގަ އެވެ.

ބ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އަތޮޅުގެ ބޮޑެތި، ރީތި ރަށްތައް ދަނޑުވެރިކަމަށް އެތައް އަހަރަކަށް ދޫކޮށްފައި އޮންނައިރު އޭގެ މަންފާ އެއްވެސް ގޮތަކަށް ނުކުރުމެވެ. މަބްރޫކް ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް އޮންނަ ހަ ރަށުން މިހާތަނަށް އެންމެ ހަ ވަޒީފާ ވެސް ނުއުފެއްދޭ ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭގެ ވިޔަފާރިވެރިންނާއި މަހުޖަނުން ޗުއްޓީ ހޭދަކޮށްލަން ދާނެ ރަށްތައް ހުރި ނަމަވެސް، 15،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ބ. އަތޮޅުގެ މީހުންނަށް އެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށެވެ.

ދަނޑުވެރިކަމަށް މާއްޑޫ ދޫކުރަން އިއުލާނު ކުރުމުގެ ކުރިން، އަތޮޅު ރައްޔިތުންގެ މި ކަންބޮޑުވުން ސަރުކާރާ ހިއްސާ ކުރި ކަމަށާ ކައުންސިލުން އެދުނީ، އެންމެ މަދުވެގެން ތިން ރަށް، އަތޮޅު ރައްޔިތުންނަށް ދޫކޮށްލެއްވުމަށް ކަމަށް އެދުނު ނަމަވެސް އޭގެ ބަދަލުގައި، ރައްޔިތުން ދަތުރުދާން އޮތް ހަމައެކަނި ރަށް ސަރުކާރުން ނެގުމުން މާޔޫސްވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޝަކުވާތައް ސޯޝަލް މީޑިއާ އާއި ހިއްސާ ކުރަން ޖެހުނީ މާއްޑޫ ބީލަމަށް ލުމުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށާއި ފިޝަރީޒް މިނިސްޓްރީ އަށް ސިޓީލައިގެން ޖަވާބެއް ނުލިބުމުންނާއި ރަސްމީކޮށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއް ނުފެނުމުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ދަނޑުވެރިކަމަށް މާއްޑޫ ދޫކޮށްލަން ނިންމުމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންވެސް ވަނީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު، ޒަހާ ވަހީދުއާއި ސުވާލު ކުރައްވާފައެވެ.

ޒަހާ ވިދާޅުވީ ބ.އަތޮޅުގެ ހުސްކޮށް އޮތް ފަސް ރަށުގެ ތެރެއިން އެންމެ ބޮޑު އެއް ރަށް މާއްޑޫ، ދަނޑުވެރިކަމަށް ދޫކޮށްލަން ނިންމާފައިވަނީ އިކޮނަމިކް ކައުންސިލްގައި ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށާ އެކަމުގެ ރަނގަޅު ނަތީޖާ ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މާއްޑޫ އަކީ 26.6 ހެކްޓަރުގެ ރަށެކެވެ. މިރަށް އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން 2013ވަނަ އަހަރު ކެބިނެޓުން ފާސްކޮށް އެއަހަރުގެ ޖުލައިމަހު އޭދަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއްގެ ގޮތުގައި ހަމަޖެއްސެވި އެވެ. އެހެންނަމަވެސް ވާއެއްނުވާއެއް ނޭނގި އެރަށް ވަރުވާއަށް ދޫކުރެއްވީއެވެ.

އެންމެ ފަހުން މިއަހަރުގެ ކުރީކޮޅު އަނެއްކާވެސް އެރަށް ބެލެހެއްޓުން ވަނީ ވަގުތީ ގޮތުން އޭދަފުށީ ކައުންސިލާ ހަވާލުކޮށްފަ އެވެ.

އޭދަފުށީ ރައްޔިތުން އެރަށުގެ ބޭނުން މިހާރު ކުރަމުން ގެންދަނީ ދަތުރު ދިއުމަށާއި ދަރުކާށި ހޮވުމުގެ ގޮތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top