މިފްކޯ އަށް ކަޅުބިލަމަސް ގަންނަ އަގު ދެން ކިލޯއަކަށް 20ރ. ރުފިޔާއަށް ވުރެ ދަށް ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް އެކަށޭނަ ހެޔޮ އަގެއް ކަށަވަރުކޮށް ދިނުން ކަމަށެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސުލް ވެވަޑައިގެންނެވި ވައުދުފުޅަކީ މަސް ގަންނަ އަގު 16ރ. ރުފިޔާއަށް ވުރެ ދަށްނުވާނެ ގޮތަކަށް ހަމަޖެއްސުން ކަމަށާއި ނަމަވެސް، ސިނާއަތަށް ގެނެވުނު ބަދަލުތަކާއެކު މިހާރު އެ އަދަދު 20ރ. އަށްވުރެ ދަށްނުވާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަން މިނިސްތަރު ފާހގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މަހުގެ އަގު ކަނޑައެޅުމުގައި ބައިނަލްއަޤްވާމީ ބާޒާރަށް ވެސް ރިއާޔަތް ކުރަން ޖެހެއެވެ. އަދި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، މިފްކޯގެ އިތުރުން މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ވެސް މިހާރު 21ރ. އާއި 22ރ. ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި މަސް ގަންނަމުން އަންނަ ކަމަށެވެ. އެހެންވެ މިގޮތަށް އުފެދޭ ވާދަވެރި މާހައުލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރައި، އޭގެ ހަގީގީ މަންފާ އާއި ފައިދާ ސީދާ މަސްވެރިންގެ ޖީބުތަކަށް ވާސިލްވެގެން ވިދާޅުވި އެވެ.






