ބޮޑެތި ގަސްތަކަށް ބޭސްޖަހަން ބޭނުންކުރާ ސްޕްރޭޔަރު ހުރިހާ އަތޮޅަކަށް ފޯރުކޮށް ދީފައިވާ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެފި އެވެ.
މިއީ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޗައިނާއާ އެކުވެފައިވާ އެއްބަސްވުމުގެ ދަށުން ލިބިފައިވާ އެހީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު އޮގަސްޓް 6، 2024 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން 100،000 ޔުއާންގެ ހިލޭ އެހީ ހިމެނެ އެވެ.
އެ އެހީގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަ އިން ފޯރުކޮށް ދިން ތަކެތީގެ ތެރޭގައި 25 ސްޕްރޭޔަރު ހިމެނެ އެވެ.
އެގޮތުން މިހާރު ރާއްޖޭގެ 20 އަތޮޅަށް އެ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްޕްރޭޔަރު، ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއް ނިސްބަތްވާ އަތޮޅެއްގެ ރަށެއްގައި ޕެސްޓު ކޮންޓްރޯލު ކުރަން ބޭނުންވެއްޖެ ހިނދެއްގައި ސިޓީ ކައުންސިލް ނުަވަތަ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އެރަށަކަށް ސްޕްރޭޔަރު ފޯރުކޮށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެކެވެ.
މީގެ އިތުރުން އެރަށްތަކުގެ ކައުންސިލްތަކާ މި މަޢުލޫމާތު ހިއްސާކޮށްދިނުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް އެ އިދާރާތަކުގެ ޒިންމާއެކެވެ.
ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ ރަށްރަށަކީ ހއ. ދިއްދޫ ހދ. ކުޅުދުއްފުށި (ސިޓީ ކައުންސިލް)، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިނބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑު ލ. ފޮނަދޫ، ގއ. ވިލިނގިލި، ތިނަދޫ، ފުވައްމުލަކު، އައްޑޫ ސިޓީ އެވެ.





