އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް މެދުކަނޑާލުމާ ގުޅިގެން، އަމިއްލަ އަތުން ފައިސާ ދައްކަންޖެހޭ ހާލަތްތަކުގައި ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާއިން މިކަން އިއުލާނު ކުރީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އާސަންދަ ސްކީމަށް ގެނައި ބަދަލާ ގުޅޭގޮތުން އާއްމުންނަށް އަރާފައިވާ އޮޅުން ސާފުކޮށްދިނުމަށްޓަކައި އެންސްޕާ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ޕޭމެންޓް ހުއްޓާލި ކަމުގައި ވިޔަސް، އަމިއްލަ އިންޝުއަރެންސް ޕޮލިސީން ކަވަރޭޖް ނުލިބޭ ހާލަތްތަކުގައިވެސް ކޮންމެ މީހަކަށް ވެސް އާސަންދައިގެ ކަވަރޭޖް ލިބޭނެކަމަށެވެ.
އާސަންދައިގެ އާ އުސޫލުގެ ދަށުން، އަމިއްލަ އިންޝުއަރެންސް ކަވަރޭޖެއް އޮތްނަމަ އާސަންދަ ލިބޭނީ އެ ކަވަރޭޖެއް ހުސްވުމުން ކަމަށް ކުރިން އޮތް ނަމަވެސް، މިހާރު އެ އުސޫލަށް ބަދަލު ގެނެސްފައިވެ އެވެ. މި ބަދަލާ އެކު، އަމިއްލަ އިންޝުއަރެންސް ޕޮލިސީން ކަވަރޭޖު ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަންޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ކަވަރޭޖު ކުރިއެކޭ ވެސް އެއްގޮތަށް ލިބިގެންދާނެ އެވެ.
ނަމަވެސް، އޭޑީކޭ ހޮސްޕިޓަލުން ފާހަގަކޮށްފައިވަނީ މި ބަދަލާ ގުޅިގެން ހޮސްޕިޓަލްގެ ކައުންޓަރުން ހިދުމަތް ދިނުމަށް ލަސްތަކެއް އަންނާނެ ކަމަށެވެ. އަދި ޕްރައިވެޓް އިންޝުއަރެންސްގެ ލިމިޓް ހަމަނުވާ ނަމަ، ހިދުމަތް ހޯދަންދާ މީހާގެ އަތުން އެ ހިދުމަތަށްވާ ފުރިހަމަ އަގު ނަގަން ޖެހިދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.