އަންނަ ރޯދަމަހު ބ. ކިހާދޫ ދަނޑުތަކުން ބާޒާރަށް ނެރެވޭ ތަކެތީގެ އަދަދު ވަރަށްބޮޑަށް މަދުވާނެކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.
ރޯދައަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެމުން ކިހާދޫ ކައުންސިލުން ބުނީ މިއަހަރު ދަނޑަށް އެދިފައިވަނީވެސް މަދުބަޔަކު ކަމަށާ، ވިޔާދާ ގޮތަކަށް ދަނޑުވެރިކަމެއް މިއަހަރު ނުކުރާ ކަމަށެވެ. ކިހާދޫ ކައުސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް އީވީއަށް ވިދާޅުވީ ދަނޑުވެރިކަން ދަށްވުމުގައި މާކެޓް ނުލިބުމާއި، މިމަސައްކަތަށް ޒުވާނުންގެ ޝައުގުވެރިކަން ކުޑަވުން ފާހަގަ ކުރެވޭ ކަމަށެވެ.
“މާކެޓް ނުލިބުމެއް އެކަންޏެއްވެސް ނޫން. ހައެއްކަ މުސްކުޅިން މިއުޅެނީ. ޒުވާނަކު ނުނިކުމޭ މިކަމަކަށް. އަސްލުގާ ދަނޑުތައް މިހާރު ނުވެސް ހެދެނީ. ރޯދައަށް ކަރާކޮޅެއް މިރުސްކޮޅެއް ނުލިބޭނެއެކޭ ނުބުނާނަން. ” ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ މިވަގުތު އެރަށުގައި ދަނޑުވެރިކަން ކުރަނީ ސައްބީސް ދަނޑުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރު ހައްދާ ދަނޑުތަކުން މުޅިރަށަށް ބޭނުންވާ ވަރަށް ކަރައާއި، މިރުސް އަދި ތަރުކާރީ ހެއްދުނު ނަމަވެސް އަތޮޅުތެރެއަށް ވިއްކާނެ މާބޮޑު އެއްޗެއް ނުލިބޭނެކަމަށެވެ.
“ރަށުގަ ކާބޯ ހަދާލެވޭ ވަރުވާނެ ގައިމުވެސް. ރަށުން ބޭރަށް ވިއްކާނެ އެއްޗެއް ނޯންނާނޭ ބުނާނީ. މިހެން ބުންޏަސް ކޮންމެވެސް ވަރަކަށް ނުވިއްކާނެއެކޭ ނޫން މިދަންނަވަނީއަކީ”
ނަސީމް ވިދާޅުވީ ދަނޑުވެރިކަން އެރަށުން ފަނޑުވަމުންދާތާ ދުވަސްތަކެއް ވެއްޖެކަމަށާ، އަހަރަކަށްވުރެ ދަނޑަށް އެދޭމީހުންގެ އަދަދުވެސް ދަށްވަމުން އަންނަކަމަށެވެ.
500 އަށްވުރެ ބޮޑު އާބާދީއެއް އޮތް ކިހާދުއަކީ ބ. އަތޮޅުގައި ދަނޑުވެރިކަން ގަވާއިދުން ކުރަމުން އަންނަ2 ރަށުގެ ތެރެއިން 1 ރަށެވެ. އަތޮޅުގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަނީ ބ. ގޮއިދޫގައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ބައެއް ރަށްރަށާއި، ފަޅުރަށްރަށުގައިވެސް ދޭތެރެ ދޭތެރެއިން ދަނޑު ހައްދައި ހަދައެވެ.