މީސަލްސް ނުވަތަ ހިމަބިހި ނައްތާލުމަށް ސަރުކާރުން ފައްޓަވާފައިވާ ޤައުމީ ކެންޕޭންގެ ދަށުން ބ. އަތޮޅުގެ ހުރިހާ ރަށަކުން 1300 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެވިއްޖެކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
އެހޮސްޕިޓަލުން ބުނީ މިއީ ޓާގެޓް ކުރި ސްޕީޑަށްވުރެ އަވަސް ސްޕީޑެއްކަމަށާ، މިހަފްތާގެ ނިޔަލަށް ރިސޯޓްތަކާއެކު މުޅިއަތޮޅުން ވެކްސިން ދޭންޖެހިފައިވާ އެންމެން ނިންމާލެވޭނެކަމަށެވެ. ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އިއްޔެގެ ނިޔަލަށް މުޅިއަތޮޅުގެ %93 ޕަސެންޓް މީހުންނަށް ވެކްސިންދީ ނިމިފައިވާ ކަމަށާ، ބާކީ ތިބިމީހުންނަށް ވެކްސިން ނުދެވިވަނީ އެމީހުން ރަށުގައި ނެތުންކަހަލަ ދަތިތައް ދިމާވެގެން ކަމަށެވެ.

ޤައުމީ ކެންޕޭންގެ ދަށުން ރޯޔަލް އައިލެންޑް ރިސޯޓް މުވައްޒަފުންތަކެއް ވެކްސިން ޖެހުމަށް ތައްޔާރުފައި. ރިސޯތްތަކާ. އަތޮޅުގެ ރަށްރަށުން ޕްރޮޤްރާމަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށް އަތޮޅު ހޮސްޕޓަލުން ބުނޭ / ފޮޓީޯ: އަތޮޅު ހޮސްޕިޓަލް
ބ. އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ މިމަސައްކަތް ކުރިޔަށްގެންދިއުމުގައި އަތޮޅުގެ ރަށްރަށުން ވަރަށް ބޮޑަށް އެއްބާރުލުން ލިބުނުކަމަށެވެ. އަދި ރިސޯޓްތަކުގެ މެނޭޖްމަންޓުން މިކަމަށް ބަހައްޓަވަމުންގެންދަވާ ފަރުވާތެރިކަމަށް ސިދުގީ ސެލިއުޓް ކުރައްވާކަމަށް ވިދާޅުވިއެވެ.
“ވަރަށް ފުރިހަމައޭ ހަމަދެންނެވޭނީ. ދަތުރު ފަތުރާ އެހެނިހެން އިންތިޒާމްތައްވެސް. މިހާރު މުޅިއަތޮޅުން ރިސޯޓްތަކާއެކު ވެކްސިން ދެވުނު މީހުންގެ އަދަދު މިއުޅެނީ ގާތްގަނޑަކަށް 1350 އިން މަތީގައި އިނގޭތޯ. ބާކީ ދޭންޖެހޭކަމަށް މިތިބަ މީހުން ކުރިޔަށް މިއޮތް 4 ދުވަސްތެރޭގައި ކަވަރު ކުރެވޭނެ މާރަނގަޅަށްވެސް” ސިދުގީ ވިދާޅުވިއެވެ.
ސިދުގީ ވިދާޅުވީ ވެކްސިން ޖެހުމުގައި އަމިއްލަ ސަބަބުތަކާހުރެ އުޒުރުވެރިވާ ވަރަށް މަދު ބަޔަކު އުޅޭކަމަށާ، ނަމަވެސް މުޅީއަތޮޅުގެ 98 ޕަސެންޓް މީހުންނަށް ވެކްސިން ދެވޭނެކަމުގެ އުއްމީދު ވަރަށްބޮޑު ކަމަށެވެ.