ބޯޅަގެ އެހަދަނީ ޒުވާނުންގެޖަމިއްޔާގެ ބިމެއްގައި. އެކަން އެގޮތަށް ކުރެވިދާނެބާ؟

އޭދަފުށި ކައުންސިލްގެ ފަރާތުން ބޯޅަގޭގެ ނަމުގައި އިމާރާތްކުރަމުން އަންނަަ ތަން.ފޮޓޯ: އީވީ

އޭދަފުށި ކައުންސިލްގެ ފަރާތުން ބޯޅަގޭގެ ނަމުގައި އިމާރާތްކުރަމުން އަންނަަ ތަން.ފޮޓޯ: އީވީ

އޭދަފުށީ ކައުންސިލްގެ ފަރާތުން ރަށުގެ ރަސްމީ ބޯޅަދަނޑުގެ ހުޅަނގުގައި ބޯޅަގޭގެ ނަމުގައި ހަދަމުން ގެންދާ ގުދަންބަރިއެއްކަހަލަ ތަނަކީ އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާގެ ބިމެއްގައި އެޖަމްއިއްޔާގެ ހުއްދައަކާނުލާ ހަދަމުންދާ ތަނެއްކަމުގައި އީވީއަށް އެނގިއްޖެއެވެ.

އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާގެ އެއް މަސްއޫލުވެރިޔާ އިބްރާހީމް ސަމީރުވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ސަމީރު ވިދާޅުވީ އެތަނުގައި އިމާރާތެއް އެހަދަނީ ޖަމްއިއްއްޔާގެ ފަރާތުން އެއްވެސް އެގްރިމެންޓެއް ނުވަތަ އެއްވެސް ހުއްދައެއްދީގެން ނޫންކަމުގައެވެ.

އެހެންކަމަށްވާނަމަ އޭދަފުށީ ކައުންސިލުން އެތަނުގައި ހަދަމުންއެގެންދާ އިމާރާތަކީ ހެދިފައިވާ ގާނޫނާ އުސޫލުތަކުގެ ބޭރުން ކުރަމުން ގެންދާ ކަންތައްތަކުގެ ތެރެއަށް އިތުރުވި ބޮޅެއްކަމުގައި ބެލެވިދާނެއެވެ. އަދި ބައެއްގެ ގޯއްޗެއްގައި ރައްޔިތުންގެ އިމާރާތެއް ބިނާކުރަން ފެށުމުގެކުރިން ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަނުކޮށް މިބާވަތުގެ ކަމެއް ކުރުމަކީ ކައުންސިލުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ވަރަށްބޮޑަށް ގެއްލިގެން ދާނެކަމެއްކަމުގައި ގިނަ ބަޔަކު ކަންބޮޑުވުމާއެކު ފާހަގަ ކުރެއެވެ.

މިކަމާ ގުޅޭގޮތުން އޭދަފުށީ ކައުންސިލްގެ ނައިބުރައީސް މުހައްމަދު ނައުރީފް ވާހަކައެއްނުދެއްކެވިއެވެ. “ތިޔަ ކަމުގެ މައުލޫމާތު ހިއްސާކުރެވޭކަށް ނެތް” ކަމުގައި ބުނެ އެކަން ހިނގައި ދިޔަގޮތް އީވީއަށް ކިޔައިދިނުމަށް ދެކޮޅު ހެއްދެވިއެވެ.

ސާފުކޮށް ދެފުށް ފެންނަގޮތެއްގައި ކުރާކަމެއްނަމަ އެކަމުގެ މައުލޫމާތު ދިނުމުގައި ފަސްޖެހެންވީ ސަބަބެއް އޮންނާނެކަމަކަށް ނުބެލެވެއެވެ. ރައްޔިތުންގެ ފައިސާއިންކުރާ މިބާވަތުގެ ކޮންމެކަމެއްގެ މައުލޫމާތު ކޮންމެ ރައްޔިތަކު ބޭނުންވިޔަސް އެމައުލޫމާތެއް ދިނުމަކީ ގާނޫނު އަސާސީ ލާޒިމްކުރާކަމެއްކަން ނައިބުރައީސަށް ނޭގެނީ ކަމަށް ވެދާނެއެވެ. އެހެންނޫނީ އެކަމުގައި ފޮރުވިފައިވާ ކަންތައްގަނޑެއް އުޅޭތީކަމަށް ބެލެވިދާނެއެވެ.

ދާދިފަހުން އޭދަފުށީ ކައުންސިލްގެ ރައީސް އެމަގާމުން އިސްތިއުފާ ދެއްވި ސަބަބެއްކަމުގައި ވިދާޅުވެފައިވަނީވެސް އޭދަފުށީ ކައުންސިލުން ގަވާއިދާ އުސޫލުތަކަށް ބެލުމެއްނެތި ފެންނަހާ ގޮތަކަށް ކަންތައްތައް ކުރަމުންދާތީ ކަމުގައެވެ. އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމުން ކައުންސިލުން އެއްބާރުލުން ނުލިބުމުން އިސްތިއުފާ ދެއްވީކަމުގައި ކައުންސިލްގެރައީސް ވިދާޅުވެފައިވެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު