މަސްތުގެ ހާލުގައި ހުއްޓާ ހައްޔަރު ކުރި ބިދޭސީ މީހާ ދޫކޮށްލައިފި

Capture-1.jpg

މަސްތުވެގެން މާލޭ މަގުމަތީގައި އުޅެނިކޮށް ރޭ ހައްޔަކުރި ބިދޭސީ މީހާ ދޫކޮށްލައިފި އެވެ.

ބެލެވޭ ގޮތުގައި އެއީ އިންޑިއާ މީހެކެވެ.

މި މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ވީޑިއޯ އިން އޭނާ ދީނަށް ފުރައްސާރަކޮށް އަޑުގަދަކުރާ މަންޒަރު ފެނިގެންދެއެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި މިމީހާ ވަނީ ދީނަށް ފުރައްސާރަކޮށް ރާއްޖޭގެ ކޯޓްތައް އެމީހާގެ މުށުތެރޭގައި ވާކަމަށް ބުނެ އެސަރަހައްދުގައި ތިބި މީހުނަށް އިންޒާރުދީ ބިރު ދައްކާފައެވެ. މި މީހާ ދީނަށް ފުރައްސާރަ ކުރަމުންދިޔަ އިރުވެސް ފުލުހުން އެމަންޒަރު ބަލަން އެސަރަހައްދުގައި ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ފުލުހުން ވިދާޅުވީ، މަސްތުގެހާލަތުގައި އުޅުނު ބިދޭސީ މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށާއި، އަދި އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިިއަދު ކޯޓަށް ގެންދިއުމުން ކޯޓުންވަނީ އޭނާ ދޫކޮށްލައިފާކަމަށެވެ.

މިމީހާގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށާ އެހެންނަމަވެސް ފުލުހުން ތަހުގީގު ކުރަނީ އެމީހާ އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަކަމެއް ނުވަތަ މަސްތުވާތަކެތީގެ މައްސަލަކަމެއް  ނުވަތަ މި ދެމައްސަލަ ކަމަށްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަދި މިމީހާ ޙައްޔަރުކުރުމުގައި ފުލުހުން އަމަލު ކުރި ގޮތުން ގިނަ ބަޔަކުދަނީ އެކަމާ ފާޑު ކިޔަމުންނެވެ. އެގޮތުން ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒު ވަނީ ފުލުހުން އަނގަ ނަގައިގެން އެތިބެނީ ކޮން ހިސާބަކުން ކޮން އޯޑަރެއް އަންނަންދެންތޯ ސުވާލު ކުރައްވާފައެވެ. އަދި ބަނގުރާ ބޮއިގެން ދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ގާނޫނަށް އޭތި މީތި ގޮވާ އިރު މި އިންޑިއާ ޝައިޠާނު ގައިގައި އަތްލުން މަނަލީތޯވެސް އަލީ ރަމީޒު ސުވާލު ކުރައްވާފައި ވެއެވެ.

މިމީހާއާ މެދު ކަންކުރި ގޮތް ކުށްވެރިކޮށް މަދަނީ 26 ޖަމިއްޔާގެ މައްޗަށް އެކުލެވިގެންވާ ރައްޔިތުންގެ އިއްތިޙާދުން ބަޔާނެއްވެސްވަނީ ނެރެފައެވެ.

ރައްޔިތުންގެ އިއްތިހާދުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގެއް މަތީގައި މަސްތުވެގެން ހުރި ބޭރު މީހަކު، އާލަމްތަކުގެ ވެރި އިލާހަށް ފުރައްސާރައިގެ ކުފުރުގެ ބަސްތައް ރައްދު ކޮށްފައިވާކަމީ އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި އެއްވެސް މީހަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top