އަދީބަކީ ރައީސް ޔާމީނަށް އަނިޔާކުރަން ބޭނުންްކުރާ ހަތިޔާރެއް: ޑރ. ޖަމީލު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރަން ބޭނުންކުރާ ހަތިޔާރެއް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ކްރިމިނަލް ކޯޓުގެ ހުއްދަޔާއެކު އަދީބު ގެއަށް ބަދަލުކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ 800 އަހަރުގެ ހުކުމް އަންނަން އޮތް މީހާގެ ނުރައްކަލެއް މުޖުތަމަޢަށް މިހާރު ނެތީތޯ އަދި ހެތްކަށް ނުފޫޒްފޯރުވުމާއި ފިލުމުގެ ބިރު މިހާރު ނެތީތޯ ސުވާލު ކުރައްވާފައެވެ.

“ރައީސް ޔާމީނަށް އަނިޔާކުރަން އަދީބު ހަތިޔާރަކަށް ބޭނުންކުރުމުގެ މިއަށްވުރެ ބޮޑު ދަލީލެއް ނެތް. އިންޞާފުގެ ފުޅިމަދު އުނގުރިބާ؟ ސަރުކާރު ކިލަނބުވެފައިވާ ވަރު ފެނޭ” ޖަމީލު ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ވިދާޅުވީ އަދީބު ގެއަށް ބަދަލުކުރީ ބަލި ހާލަތު ހުރިގޮތުގެ ސަބަބުން ކަމަށެވެ.

އަދީބު ބަންދުގައި ހުންނެވީ މާލޭގައި ޖަލުގައި ކަމަށްވާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ އަމުރުކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މި ހުރިހާ ދައުވާ އަކަށް ވެސް އަދީބު އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އިއުތިރާފް ވެފައެވެ. އަދީބު ވަނީ މި މައްސަލައިގައި މިހާރުވެސް ދެމުންގެންދާ އެއްބާރުލުމާއި އަދި ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުން ދައުވާތައް ސާބިތުވި ނަމަވެސް އަދަބު ކުޑަކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދިފައެވެ.

މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުން ނިންމާލީ އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގެންފައިވާތީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަންނަ ހޯމަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރައްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top