އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ފަށާނީ ފަތިސްނަމާދުން – މިނިސްޓަރ

58735008_2902187319807799_8693514475736662016_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު--

އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ފަށާނީ ފަތިސްނަމާދުން ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އިއްޔެ 22 ސްކޫލެއްގައި ފަށާފައިވާ އިރު ސްކޫލްތަކުގެ ކިޔަވުން އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ބޭނުމަކީ ހަމައެކަނި ސެޝަން ބަދަލުކޮށްލުން ނޫން ކަމަށެވެ. ބޭނުމަކީ ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދީގެން ދަރިވަރުން ދުނިޔެއާއި ދިރިއުޅުމަށް ތައްޔާރުކޮށް ދިނުން ކަމަށެވެ.

އެއް ދަންފަޅިއަށް ކިޔެވައިދޭ ސްކޫލުތަކުގެ ތެރެއިން 20 ސްކޫލަކީ އަތޮޅުތެރޭގެ ސްކޫލްތަކެވެ. މާލޭ ސަރަހައްދުން އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށީ ވިލިމާލޭގައި ހުންނަ މުހިއްޔުއްދީން ސްކޫލާއި ހުޅުމާލޭގައި އަލަށް ހުޅުވި ހުރަވީ ސްކޫލެވެ.

“އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށޭނީ ފަތިސް ނަމާދުން. އެއަށްފަހު ކުދިން ތަފާތު ކުޅިވަރާ ކަސްރަތުގައި އުޅުމަށްފަހު ގެއަށްގޮސް ސްކޫލަށް ތައްޔާރުވެގެން ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭނީ.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްތަރ ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ، ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށްގޮސް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބުމެވެ. އެއީ ބުރަކޮށް މަސައްކަތް ކުރާ ޓީޗަރުންނަށް ދެވޭ ވަރަށް ބޮޑު ފަސޭހައެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ އެއްދަންފަޅިއަށް ކިޔަވައިދިނުން ކުރިއަށް ގެންދަނީ ޓީޗަރުންނާއި ބެލެނިވެރިންނާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއެކު ކަމަށެވެ. އަދި ތައުލީމީ އާ މަންހަޖުގެ މަގްސަދަކީ ހަމައެކަނި ޓެސްޓްތަކުން ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ނޫން ކަމަށާ އޭގެ ބަދަލުގައި ދިރިއުޅުމަށް ފުރާ ފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖްތަމައަށް ނެރެދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ވިދާޅުވި އެވެ.

އެކަމަނާގެ ވާހަކައިގާ އިއްޔެ ރާއްޖޭގައި ހުރި ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ފަށާފައިވާ ނާސްތާ ޕްރޮގްރާމާބެހޭގޮތުންވެސް އަލި އަޅުއްވާލެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނާސްތާ ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށެވެ. އަދި ޕައިލެޓް ޕްރޮޖެކްޓްގައި ފާހަގަވި ކަންކަން އިސްލާހުކޮށްފައިވާކަމަށް ވިދާޅުވި އެވެ.

“ނާސްތާ ޕްރޮގްރާމް މުޅިރާއްޖެއަށް ފެށުމުގައި ދިމާވި އެންމެބޮޑު ދައްޗަކީ މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ކާތަކެތި ތައްޔާރުކުރާނެ ފަރާތްތައް ރައްރަށުން ހޯދުން” އެކަމަނާ ވިދާޅުވިއެވެ.

މިމމޭރުމުން ވާހަކަ ދައްކަވަމުން އެކަމަނާ ވިދާލުވީ ނާސްތާ ޕްރޮގްރާމްގައި ބައިވެރިވުމަކީ އެއްވެސް ދަރިވަރަކަށް މަޖުބޫރު ކަމެއް ނޫންކަމަށާ ދަރިވަރުން ބައިވެރިކުރަނީ ބެލެނިވެރިންގެ ރުހުމާއެކު ކަމަށެވެ.

ނާސްތާ ޕްރޮގްރާމް ދިނުމުގައި އުސޫލުތަކާ ހިލާފުވާ ނަމަ، ވަގުތުން އެކަމެއް ބަލައި ފިޔަވަޅު އަޅާނެކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top