އޭދަފުށީގެ މަގުހެދުމުގެ ޑިޒައިނަށް ބަދަލުގެނެސްފި

DSCN9150-800x490-800x490.jpg

އޭދަފުށީ މަގުހެދުމުގެ މަސައްކަތުގައި ބަންގާޅު ލޭބަރުން - ފޮޓޯ : އީވީ

ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ އޭދަފުށީގެ ބޮޑެތި މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އެސަރުކާރު ނިމުމާއެކު ހުއްޓިފައި އޮތުމަށްފަހު އެ މަޝްރޫއު އަލުން ފެށުމަށް މިސަރުކާރުން އެމްޓީސީސީ އާ ހަވާލު ކުރުމުން މަގުތަކުގެ ޑިޒައިންއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އޭދަފުށީގެ މަގު ހެދުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އިތުރު ހަރަށެއްގެ ޑިޒައިނަށްވެސް ބަދަލު ގެނެސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އޭގެ ތެރޭގައި ދަރަވަންދޫވެސް ހިމެނެއެވެ.

އެމްޓީސީސީންް ބުނީ އެގޮތަށް ނިންމީ މަޝްރޫއުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ މަޝްރޫއު ތަކުގެ ޑިޒައިނަށް ގެންނަށްޖެހޭ ބަދަލުތައް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، މަޝްވަރާކުރެވިގެން މިހާރު ދަނީ ގެނެވެމުން ކަމުގައިވެސް އެކުންފުނިން ހާމަކުރެއެވެ. މިގޮތުން މިރަށްތަކުގެ މަގު ހެދުމމުގެ ޑިޒައިނަށް އައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލާއިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމުގައި އެކުންފުނިން ބުންޏެވެ.

އޭދަފުށީގެ 17 މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވަނިކޮށް އެ މަޝްރޫއު ކުރިއަށް ގެންދިއުން ހުއްޓާލީ ރިޔާސީ އިންތިހާބާ ގުޅިގެންނެވެ. އޭގެ ފަހުން އާ ސަރުކާރު ވެރިކަމަށް އައިސް އަލުން  އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިއަހަރު އެޕްރީލް މަހުއެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީގެ 17،785 ސްކުއާ މީޓަރުގެ ބޮޑެތި މަގުތައް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 19،184،857 ރުފިޔާއަށެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއަކީ ހިނގަމުން އަންނަ ކަމެއްގެ ގޮތުގައި ފާހަގަކޮށް މިއަހަރުގެ ބަޖެޓްގައި ވެސް އެމަސައްކަތް ކުރިއަށް ގެންދިއުމަށް ހިމަނާފައިވެއެވެ.

މަގުހެދުމުގެ އަމަލީ މަސައްކަތް މިއަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ފަށާފައިވާ ކަމަށް ސަރުކާރުން އިއުލާނު ކުރިނަމަވެސް އަދިވެސް އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top