ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލްތަކެއް ހުރުމުން އެ ބޭސްތައް ރާއްޖެ، އެތެރެކުރުމާއި ބޭނުން ކުރުން ހުއްޓައިލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިއްޔެ އަންގައިފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޕާކިސްތާނުގައި އުފައްދާ ދިޔާ ބޭސްތަކެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެ ކަން އެމްއެފްޑީއޭގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވެސް ބުނެފައިވެއެވެ.
އެއޮތޯރިޓީން ވަނީ މިހާރުން ފެށިގެން އެ ބޭހުގެ، ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައެވެ.
ހަމައެއާއެކު މިހާރު ފާމަސީތަކުގައި ހުރި އޭގެ ބޭސްތައް ނަގައި، ނައްތައިލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ދާދިފަހުން ވެސް ވަނީ ހޮޑުލުން މަނާ ކުރުމަށް ބޭނުންކުރާ ބޭހަކާއި ސިޓްރިޒަން ވެސް އޭގައި ކެމިކަލް ހުންނަކަން ފާހަގަވެ ބޭނުންކުރުން ހުއްޓައިލުމަށް އަންގައިފައެވެ.