ގުރަހަ އެވޯޑް ނިއުމާ އާއި އައިސްތު އަށް

viber_image_2023-03-13_11-00-57-325.jpg

ނިއުމާއާއި އައިސްތު، ގުރަހަ އެވޯޑު ލިބުމުގެ އުފަލުގައި

އޭދަފުއްޓަށް އެކި ރޮނގުރޮނގުން ފާހަގަކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭދަފުށީގެ ތަރައްގީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމެޓީން ދޭ ”ގުރަހަ އެވޯޑު“ އޭދަފުށީ މެޓޯވިލާނިއުމާއަހުމަދާއި ރޯޒްމީޑް އާއިޝަތު ހުސެން ހޯއްދަވައިފި އެވެ.

ހުކުރުދުވަހުގެރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮތް މި ރަސްމިއްޔާތުގައި ގައި ދެ ކަނބަލުންނަށް އެވޯޑު ހަވާލު ކޮށްދެއްވި ޝަރަފްވެރި މެހްމާން، ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލް އުސްތާޒާ އާޒިމާ ޝަކޫރެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދޭ މި އެވޯޑު މިއަހަރު ދީފައިވަނީ އެވޯޑް ދިނުމަށް ކަނޑައެޅި ފަސް ދާއިރާގެ ތެރެއިން ދެ ދާއިރާ އަށެވެ. އެއީ އިޖްތިމާއީ ގޮތުންނާއި ސިއްހީ ރޮނގުން ޚިދުމަތް ކުރުމުގެ ދާއިރާ އެވެ.

އޭދަފުއްޓަށް އިޖްތިމާއީ ރޮނގުން ޚިދުމަތް ކުރުމުގެ އެވޯޑު ލިބިފައިވަނީ އޭދަފުށީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައިވެސް ހުންނެވި ނިއުމާ އަހުމަދަށެވެ. ސިއްހީ ދާއިރާއިން އޭދަފުއްޓަށް ޚިދުމަތް ކުރުމުގެ އެވޯޑް ލިބިފައިވަނީ އޭދަފުށީ ރޯޒްމީޑް އައިޝަތު ހުސޭނަށެވެ.

މީގެ އިތުރުން ޝަރަފްގެ ހަނދާނީ ފިލާ ވެސް ދެ ކަނބަލަކަށް ލިބިފައިވެ އެވެ. އެއީ އޭދަފުށީ ޖަވާހިހިރުމާގޭ ރަޒީނާ އަލީއަށާއި ބޯޑިންގ ހައުސް މަރްޔަމް ފުޅަށެވެ. ރަޒީނާ އަލީ ވަނީ 40 އަށް ވުރެ ގިނަ އަހަރު ހިލޭ ސާބަހަށް އޭދަފުށީގައި ފޫޅުމައި ކަމާއި ކުޑަކުދިންނަށް ކީރިތި ޤުރްއާން ކިޔަވައި ދެއްްވުމުގެ މަސައްކަތް ކުރައްވާފަ އެވެ. މީގެ އިތުރުން ރަށުގެ ތަރައްގީއަށް އަންހެނުން ބައިވެރިވެގެން ކުރެވޭ މަސައްކަތްތަކުގައިި ބަސްކިޔާ މަގާމުގައި ހުރެ އެހެން މީހުންނެކޭ އެއްފަދައިން އަމަލީ ގޮތުން ބައިވެރިވުން ފާހަގަކޮށްފައި ވެއެވެ.

މަރްޔަމްފުޅު ވަނީ ސަރުކާރުގެ ޚިދުމަތާއި ކަށުކަމާކެމީގެ މަސައްކަތާއި އަންހެނުން މިސްކިތުގެ މުދިންކަމުގެ އިތުރުން އަންހެނުންނަށް ޖަމާއަތް ތެރިކަން ދަސް ކޮށްދެއްވުމުގައި 30 އަށްވުރެ ގިނަ އަހަރު ހޭދަކުރައްވާފަ އެވެ. ޖަމާއަތްތެރިކަން ހުއްޓާލެއްވީ 65 އަހަރުވުމާއި ގުޅިގެން ރިޓާޔަރ ކުރެއްވުމުންނެވެ.

 

 

 

 

 

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު